އަންނަ ހަފްތާގައިވެސް ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުވާނެ!

25 Mar 2020 | 20:03

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފްތާގައިވެސް ސަރުކާރާއި ސްކޫލްތައް ބަންދުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހާމަކުރައްވައިފިއެވެ.

މިއަދު ހަވީރު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ޢާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސް އެޅޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއީ ހުރިހާ ފަރާތްތަކުގެ ސަލާމަތަށް އަޅާ ފިޔަވަޅުތަކެއްކަމަށް ގަބޫލުކުރަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ޙާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މިހާރުވެސް އަޅަމުންގެންދާާނެ ކަމަށެވެ.

އެގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.

"އެ މުއްދަތުގެ ތެރޭގައި ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ކިޔެވުންވެސް ބަންދުވާނެ"، ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް