ކޮންޓެއިންމެންޓް ސައިޓްތަކުގައި ތިބޭ ބިދޭސީންނަށް ޚާއްސަ މެޑިކަލް ކާޑެއް ދޫކުރަނީ

18 May 2020 | 13:55

ކޮވިޑް-19އާއި ގުޅިގެން މޮނީޓަރިންގގެ ހާލަތަށް ގެންދެވޭ ގިނަ އަދަދެއްގެ މީހުން އުޅޭ ކޮންޓެއިންޓްމެންޓް ސައިޓްތަކުގައި ދިރިއުޅޭ ބިދޭސީންނަށް ޚާއްސަ މެޑިކަލް ކާޑެއް ދޫކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ކުރަމުންދަނީ މޮބައިލް މެޑިކަލް ރެސްޕޮންސް ޓީމާއި ގުޅިގެންނެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިފަދަ ކޮންޓެއިންމެންޓް ސައިޓްތަކުގައި އާންމުގޮތެއްގައި ދިރިއުޅެމުންދާ ބިދޭސީންނަކީ ކާކުކަން އަންގައިދޭ ލިޔެކިޔުމެއް ނޯންނަ ފަރާތެއް ކަމަށެވެ.

ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ސިއްހީ ފަރުވާ ލިބެން ޖެހޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން އެފަރާތްތަކުގެ މެޑިކަލް ހިސްޓްރީ ޓްރޭސް ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށާއި، ސިއްހީ ފަރުވާތައް ލިބިގަނެވޭނެގޮތް ހެދުމަށް ކާޑެއް ތައްޔާރުކުރީ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މި ކާޑުގައި ބިދޭސީ ފަރާތުގެ ފޮޓޯ، ނަން އަދި ގުޅޭނެ ނަންބަރެއް ހިމެނިފައިވާނެކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް