މެންބަރު ހަސަން ލަތީފްގެ ނުރުހުން މިނިސްޓަރ އިމްރާނަށް!

05 Jun 2020 | 16:00

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން އޮތް ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ބައްލަވާނެކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރޭ އޮތް ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ދައުލަތުގެ އެހެނިހެން މުޢައްސަސާތައް މިނިވަންކަމާއިއެކު ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަނުމަށް މިއަދުގެ ސަރުކާރުން އިސްކަންދޭކަމަށާއި، އެފަރާތްތަކުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެ ގާނޫނީ އިމުން ބޭރުނުވާނެކަމަށެވެ.

ނަމަވެސް މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ ހުށައެޅިފައިވާއިރު، އެކަންކަން އިންސާފުވެރިކަމާއި އެކު ބެލުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެކަން ފުލުހުން ކުރައްވާނެކަމަށް ގަބޫލު ކުރައްވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ބައްލަވާނެކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ހަސަން ލަތީފް ވަނީ އިމްރާނަށް ބަހުގެ ހަމަލާއެއް ދެއްވާފައެވެ.

އެގޮތުން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއިދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި، މަޖިލީހުގެ އިންތިޒާމްތަކަށް އަރައިގަތުމުގެ ވިސްނުން ޝައިޚް އިމްރާންގެ ކިބައިގައި ހުރެގެން ނުވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement