ދެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މުއްދަތު އިތުރުކުރެވޭނީ މަޖިލީހުގެ ރުހުމާއި އެކު!
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި އޭގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިގެންދާގޮތަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށައަޅައިފިއެވެ.
މި ބިލް ހުށައަޅުއްްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ބިލް ފާސްވެ، ގާނޫނަކަށް ވުމަށްފަހު ތަސްދީގު ކުރެވޭ ހިސާބުން މި ބިލަށް އަމަލުކުރުން ލާޒިމްވާނެއެވެ.
މި ބިލްގައިވާ ގޮތުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ވާނެއެވެ. އަދި އެ ގަރާރު ނެރެވެނީ މަޖިލީހުގެ ދައުރެއް ހިނގަމުން ނުދާ ދުވަސްވަރެއްގައި ކަމަށްވާނަމަ ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި މަޖިލިސް އެއްކޮށް އެ ގަރާރު ފާސްކުރަން މަޖިލީހަށް ހުށައަޅަން ޖެހޭނެއެވެ.
މީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ކޮންމެ ވަގުތެއްގައިވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ބާރު ލިބިގެންވެއެވެ. އެގޮތުން ގަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު ފާސްކުރުން، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުން ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެނަމަ ގަރާރު ބާތިލްކޮށް އަދި ފެންނަ ބަދަލުތައް ގެނައުމުގެ ބާރުވެސް މި ބިލްގެ ދަށުން ލިބިގެންދެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ބިލްގެ ދަށުން މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި މެދު ގޮތްތައް ނިންމުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists