ޑރ.ޖަމީލްވެސް އަލުން އަނބުރާ ޕީޕީއެމްއަަށް ގުޅިވަޑައިގެން އެޕާޓީގެ އެޑްވައިޒަރަކަށް!

25 Jun 2020 | 21:39

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު އަނެއްކާވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ގުޅިވަޑައިގެންފިއެވެ.

އެމަނިކުފާނު އެޕާޓީއަށް ގުޅިވަޑައިގެންނެވީ މިރޭ މ.ދިމްޔާތުގައި ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޑރ.ޖަމީލް ޕީޕީއެމްއަށް ގުޅިވަޑައިގަތުމުން، އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރެއްގެ މަގާމުވެސް ވަނީ ދެއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އެގޮތުން ޑރ.ޖަމީލް ވަނީ އެޕާޓީގެ ޓިކެޓްގައި 19ވަނަ ރަައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ، އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގެންފައެވެ.

ފަހަކަށް އައިސް ޑރ.ޖަމީލް ދަނީ ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީނަށް ތައުރީފްކުރައްވާ ވާހަކަވެސް ދައްކަވަމުންނެވެ.

ޑރ.ޖަމީލަކީ މިވަގުތު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުވެސް މެއެވެ. ނަމަވެސް އެމަނިކުފާނު މީގެ ކުރިން ވަނީ ރައީސް ޔާމީނަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވާ ވާހަކަފުޅު ދައްކަވާ ޓްވީޓްވެސް ކުރައްވާފައެވެ.

އެގޮތުން އިންސާފުވެރިކޮށް އެމްއެމްޕީއާރްސީގެ މައްސަލަ ބަލައިފިނަމަ ރައީސް ޔާމީން ޑިސްކޮލިފައިވާނެކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ވަނީ ޓްވީޓްކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ސަބަބުން އަމިއްލަފުޅަށް ގައުމުން އަރުވާލެވިގެން ހުންނަވަން ޖެހުނު ދުވަސްވަރު ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގެންނެވިކަމަށްވެސް ޑރ.ޖަމީލް ފާހަގަކުރެއްވިއެވެ. 

https://www.facebook.com/DrMJameelAhmed/photos/a.632997060045763/1522007974477996/?type=3

އޭގެ ތެރޭގައި މާމާފުޅު ނިޔާވިއިރު މޫނު ބަލާލަންވެސް ފުރުސަތު ނުލިބުމާއި، ދަރިންގެ ސްކޫލް ކިޔެވުން އަހަރެއް ވަންދެން މެދުކެނޑުނުކަމަށް އެއްފަހަރު ފޭސްބުކްގައި ލިޔުއްވިއެވެ. 

Advertisement

ކޮމެންޓް

Advertisement