މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް މީޑިއާ ކައުންސިލުން ފުލުހުންނަށް ގޮވާލައިފި

03 Jul 2020 | 02:44

މިޑީއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް މީޑިއާ ކައުންސިލް އިން ފުލުހުންނަށް ގޮވާލައްވައިފިއެވެ.

މީޑިއަ ކައުންސިލުން މިފަދައިން ގޮވާލާފައިމިވަނީ މިރޭ ބ އަތޮޅު ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އެއްވެސް އުސޫލެއް ނެތި 2 މީޑިއާއަށް އެ ކަވަރުކުރުމުގެ ފުރުސަތު ދިނުމާއި ގުޅިގެންނެވެ. ފުލުހުން ގެ މި އޮޕަރޭޝަންގައި ގެންގޮސްފައިވަނީ އަވަސް އޮންލައިން އާއި ޕީއެސްއެމްއެވެ.

މީޑިއާ ކައުންސިލް އިން މިކަމަށް ގޮވާލައި ނެރުނު ބަޔާނުގައި ހަމަހަމަ ކަމާއި އިންސާފުވެރިކަމާ އެކު މައުލޫމާތު ލިބުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ މި ކައުންސިލްގެ ގާނޫނީ ޒިންމާއެކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މައުލޫމާތު ފެތުރުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭތޯ ކައުންސިލުން އަބަދުވެސް ދަނީ ބަލަމުންކަމަށެވެ.

"އެގޮތުން، ބ އަތޮޅު ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން މިކައުންސިލުން ހިތާމައާ އެކު ފާހަގަކުރަން" މީޑިއާ ކައުންސިލް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ވެސް ފަހަކަށް އައިސް، ގައުމުގައި ހިނގާ، މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި ފުލުހުންގެ އިދާރާްއިން މީޑިއާތަކަށް އެކަށީގެންވާ މައުލޫމާތު ދިނުމުގައި ފަސް ޖެހޭކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.

އެހެންކަމުން، ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށް ޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި ވީހާވެސް ބޮޑަކަށް އަދި އަވަސްމިނުގައި މީޑިއާތަކަށް މައުލޫމާތު ދިނުމަށް މީޑިއާ ކައުންސިލުން ދިވެހިން ފުލުހުންނަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް އިލްތިމާސްކޮށްފައިވެއެވެ.

Advertisement

ކޮމެންޓް