އަދާހަމަ: ދިވެހި ފުލުހުންގެ އޮޕަރޭޝަން ކާމިޔާބު. ރަހީނުކުރި 12 ދިވެހިން ސަލާމަތްކޮށްފި

03 Jul 2020 | 12:30

ބ އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި ރަހީނުކުރި 12 ދިވެހިން ދިވެހި ފުލުހުން ސަލާމަތްކޮށް އެރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން މި އޮޕަރޭޝަނާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިއަދު އެ ރަށަށް އަރައި ހަމަނުޖެހުން ހިނގި ބިދޭސީންނާއި ވާހަކަދައްކައި އެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދޭންފަށާފައިވާކަމަށެވެ. މީގެ އިތުރުން ރަހީނުކޮށްފައިވާ 12 ދިވެހިންވެސް މިހާރު ވަނީ ސަލާމަތްކޮށްފައިކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

"އެމީހުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް ފުލުހުންނަށް އެއްބާރުލުންދޭން އެމީހުން (ބިދޭސީން) ވަނީ އެއްބަސްވެފައި. އެމީހުން އަމަލުކުރަމުން ދަނީ ފުލުހުން އަންގާ ގޮތުގެމަތިން ފުލުހުންގެ އިރުޝާދާއި އެއްގޮތަށް. އެއްވެސް ބަޔަކު ފިލުން ފަދަ ކަމެއް ނުހިނގާ" ފުލުހުންގެ މީޑިއާއިން ހާމަކުރައްވައެވެ.

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި އެރަށުގެ ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެއްޗައް ވަނީ ގެއްލުންދީފައިކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. 

އެގޮތުން އުޅަނދު ތަކުގެ ބިއްލޫރިގަނޑު ތަޅާލުމާއި، ލޯންޗެއްގެ ހަލްއާއި އިންޖީނަށް ގެއްލުންދީފައިވާ ފޮޓޯތަކެއްވަނީ ހިއްސާކޮށްފައެވެ.

ފުލުހުންގެ ތަހުޤީގު ޓީމުން އެރަށުގައި ހަރަކާތްތެރިވަމުން އަންނައިރު، ބަންގްލަދޭޝް ހައިކޮމިޝަނުގެ ބޭފުޅުން ވެސް މި ވަގުތު ބޮޑުފިނޮޅުގައި އެބަތިއްބެވެ. ބޮޑު ފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލާނީ ކޮން އިރަކު ކަމެއް އަދި ދެން ގެންދާނެތަކެއްވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މިވަގުތު ފުލުހުންގެ ސްޕެޝަލް ރެސްޕޮންސް އޮޕަރޭޝަން ޓީމުގެ ގިނަ ބަޔަކު ރަށުން ފައިބާފައިއެވެ. މިވަގުތު އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަނީ ފުލުހުންގެ ތަހުޤީގު ޓީމްތަކެއެވެ. އޭގެ ތެރެގައި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްއާއި ސީރިއަސް އެންޑް އޯގަނައިޒް ކަރައިމް ހިމެނެއެވެ. 

Advertisement

ކޮމެންޓް