އިނގިރޭސި ވިލާތުގެ ލައްކައެއްހާ މީހުން ނުކުމެ ފަލަސްޠީނު މިނިވަން ކުރުމަށް ގޮވާލައިފި!
އިނގިރޭސި ވިލާތުގެ ލައްކައެއްހާ މީހުން ނުކުމެ ފަލަސްޠީނުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިނގަމުންދާ ޖަރީމާތައް ހުއްޓާލައި އެ ގައުމު މިނިވަން ކުރުމަށް ގޮވާލައިފިއެވެ.
އިއްޔެ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ޑައުނިން ސްޓްރީޓް ގައި ހުންނަ އެ ގައުމުގެ ބޮޑު ވަޒީރު ރިޝީ ސުނަކުގެ ގެ ކައިރިން ނިންމާލި މި ހިނގާލުމުގައި ބައިވެރިވި އެއް ލައްކައެއްހާ މީހުންވަނީ ފަލަސްތީނު މިނިވަންކޮށް، ޣައްޒާއަށް ވަގުތުން ވަގުތައް އެހީ ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

"އަހަރެންނަކީ ފަލަސްތީނުގެ ރައްޔިތެއް. އަހަރެން ބޭނުން އަހަރެންގެ ގައުމަށް އެނބުރި ދާން. އަހަރެންގެ އަޚުންނާއި އުޚުތުންނާއި ޢާއިލާގެ މީހުން ޣައްޒާގައި އެބަތިބި. އަހަރެން ހިތަށް އަރާ މިއަށްވުރެ ގިނަ ކަންކަން ވެސް ކޮށްދެވޭނެ ނަމައޭ. އެކަމަކު މިވަގުތު އެމީހުންނަށްޓަކައި ކުރެވެން އޮތް ކަމަކީ މި އިހްތިޖާޖު ކުރުން." ލަންޑަންގެ އިހްތިޖާޖު ގައި ބައިވެރިވި ފަލަސްތީނުގެ ރައްޔިތަކު ބުނެފައިވެއެވެ.
މި އިހްތިޖާޖު ފެށުމުގެ ކުރިން އިނގިރޭސި ފުލުހުން ވަނީ ހަމާސް ޖަމާއަތާއި ގުޅޭ އެއްވެސް އެއްޗެއް އިހްތިޖާޖް ތެރެއިން ބޭނުން ނުކުރުމަށް އަންގާފައެވެ.

ލަންޑަންގެ އިތުރުންވެސް، އިނގިރޭސިވިލާތުގެ ބައެއް ސިޓީތައް ކަމުގައިވާ ބާމިންހަމް، ބެލްފާސްޓް، ކާޑިފް އަދި ސަލްފޯޑްގައި ކުދި ކުދި މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. މި ޙަމަލާތަކުގައި 4300 އަށްވުރެ ގިނަ ފަލަސްތިނުގެ ރައްޔިތުން މިހާތަނަށް ޝަހީދުކޮށްލާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް