އަލުން ލޮކްޑައުން ކޮށްފިނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ: ރައީސް ނަޝީދު

29 Jul 2020 | 13:30

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖެ އަލުން ލޮކްޑައުން ކޮށްފިނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަލުން އަނބުރާ ބަންދުކުރުމުގެ ވިސްނުމަކީ ދިވެހިންނަށް އެންމެ ފައިދާހުރި ގޮތްކަމަށް ދެކެވެން ނެތްކަމަށެވެ. އަދި ކޮވިޑް ރޯގާއާއި އެކު އުޅެވޭނެގޮތް ހަދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރޯގާއިން ސަލާމަތްވުމަށްޓަކައި ގައުމު ބަންދުކޮށް ރައްޔިތުން ބަނގުރޫޓުވުމަށް ޖާގަދީފިނަމަ، ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ"، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެޗްޕީއޭގެ އިއްޔެގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ދިވެހިރާއްޖެއިން ކޮވިޑް-19 އަށް 137 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 97 މީހުންނަކީ ދިވެހިންނެވެ. މިއާއި އެކު މާލެ އަލުން ލޮކްޑައުން ކުރުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް