އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރުން ރަނގަޅު ކަމެއް ނޫން: ރައީސް ޞާލިހު

03 Aug 2020 | 13:37

އަނެއްކާވެސް އިތުރު ފުރަބަންދަކަށް ދިވެހިރާއްޖެ ދިއުމަކީ ކުރުން ރަނގަޅު ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ބޭރުގައި އުޅޭއިރު މާސްކް އަޅައި، އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

"ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން"، ރައީސް ޞާލިހު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ވަނީ ދިވެހިރާއްޖެއިން ރެކޯޑް އަދަދަކަށް ގިނަ ކޭސްތަކެއް ފެނިފައެވެ. މިއާއި އެކު އަލުން ލޮކްޑައުނަކަށް ދިއުމަށް ގޮވާލާ އަޑު ވަނީ ގަދަވެފައެވެ. 

ނަމަވެސް އަލުން ލޮކްޑައުނަކަށް ގޮސްފިނަމަ އިގްތިސާދީ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

Advertisement

ކޮމެންޓް