ސަން ސިޔާމްގެ ފަރާތުން ޗައިނާގެ އެގްޒިމް ބޭންކަށް ފައިސާ ދައްކައިފި

06 Aug 2020 | 22:13

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އަހުމަދު ސިޔާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޗައިނާގެ އެގްޒިމް ބޭންކްގެ އަތުން ނެގި ލޯނަށް އަނބުރާ ދައްކަންޖެހޭ ފައިސާތައް ދައްކައިފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ސޮވެރިން ގެރެންޓީ ދީފައިވާ މި ލޯނަށްވާ ފައިސާ އަނބުރާ ދެއްކިކަން ފިނޭންސް މިނިސްޓްރީގެ ފަރާތުން ވަނީ ޔަގީންކޮށްދީފައެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ލޯނާއި ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ދައްކަންޖެހޭ ފައިސާތައް އަހުމަދު ސިޔާމް ހޯލްޑިންގްސްގެ ފަރާތުން ދައްކާފައިވާކަން ސޮވެރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށައަޅަންޖެހޭ ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ. ނަމަވެސް ޖުލައިމަހުގެ 21ވަނަ ދުވަހުގެ ކުރިން އޭއެސްއެޗްގެ ފަރާތުން ޗައިނީޒް އެގްޒިމް ބޭންކަށް ދައްކަންޖެހޭ ޕްރިންސިޕަލް، އިންޓްރެސްޓް އަދި އެހެނިހެން ފީތަކަށްވާ ފައިސާ އެކުންފުނިން ދައްކާފައި ނުވާތީ، ސޮވެރިން ގެރެންޓީ ދިން ފަރާތުގެ ހައިސިއްޔަތުން މި ފައިސާ ދައްކަން ދައުލަތަށް އަންގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ފައިސާ ދައްކަން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވަނީ 22 ޖުލައިވީ ދުވަހުގައެވެ.

އެހެންކަމުން އެ އެންގުމާއި ގުޅިގެން ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާނެ ފައިސާގެ އިންތިޒާމް އޭއެސްއެޗްއިން ހަމަޖައްސައި، އެ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މި ފައިސާ އެކްސްރޯ އޭޖެންޓެއް މެދުވެރިކޮށް އޮގަސްޓް މަހުގެ 6ވަނަ ދުވަހު އެގްޒިމް ބޭންކަށް ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އަހުމަދު ސިޔާމް ހޯލްޑިންގްސް ކުންފުންޏަށް ފިޔަވައި އިތުރު އަމިއްލަ ކުންފުންޏަށް ދައުލަތުން ސޮވެރިން ގެރެންޓީއެއް ދީފައެއް ނުވެއެވެ. 

ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވަނީ ނ.ދިގުރަށުގައި ދިވެހިރާއްޖޭގައި ހަދާ އެންމެ ބޮޑު ރިސޯޓްގެ ގޮތުގައި އިރުފެން ރިސޯޓް ހެދުމަށް، އެގްޒިމް ބޭންކާއި އެކު އަހުމަދު ސިޔާމް ހޯލްޑިންގްސްއިން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6ވަނަ ދުވަހުގައި ޗައިނީޒް އެގްޒިމް ބޭންކުން ނެގި 127،500،000 އެމެރިކާ ޑޮލަރުގެ ލޯނަކަށެވެ. 

ފޮޓޯ: ސަން

Advertisement

ކޮމެންޓް