ލަންކާގެ އާންމު އިންތިޚާބުގައި ޔޫއެންޕީއަށް ބޮޑު ނާކާމިޔާބީއެއް، އެތަކެއް އަހަރުތަކެއް ފަހުން ރަނިލް މަޖިލީހާއި ދުރަށް!

07 Aug 2020 | 11:38

މިދިޔަ ބުދަ ދުވަހުގައި ބޭއްވި ސްރީލަންކާގެ އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން އެގައުމުގައި ޒަމާނުއްސުރެ އެންމެ ވަރުގަދަކޮށް އޮތް އެއް ސިޔާސީ ޕާޓީކަމުގައިވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ ނުވަތަ ޔޫއެންޕީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެއްޖެއެވެ.

އެގޮތުން އެގައުމުގެ މީޑިޔާއެއްކަމަށްވާ "ނިއުސްވަޔަރ" އިން ރިޕޯޓްކުރާ ގޮތުގައި ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ޔޫއެންޕީއަށް ލިބިފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. މިއީ ޔޫއެންޕީގެ ސިޔާސީ ހަޔާތުގައިވެސް އެޕާޓީއަށް އާންމު އިންތިޚާބެއްގައި ލިބުނު އެންމެ ދަށް ނަތީޖާއެވެ.

ސްރީލަންކާގެ އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި މި އިންތިޚާބުން ކުރިހޯދައި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދާފައިވަނީ ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއިންނެވެ. އެޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 146 ގޮނޑި ކާމިޔާބުކޮށްފައެވެ. އެޕާޓީ ފިޔަވައި ދެން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ސަމާގި ޖަނަ ބަލަވެގަޔައިންނެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ނިއު ޑިމޮކްރަޓިކް ފްރަންޓްގެ ފަރާތުން ވާދަކުރެއްވި ސަޖިތު ޕްރޭމަދާސަ އިސްކޮށް ހުންނަވާ އުފެއްދެވި ސަމާގި ޖަނަ ބަލަވެގަޔައަށް ލިބިފައިވަނީ އެންމެ 53 ގޮނޑިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޔޫއެންޕީއަށް މި އިންތިޚާބުގައި މިހާ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހުނުއިރު، 1994 ވަނަ އަހަރުން ފެށިގެން އެޕާޓީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށްވެސް ވަނީ އިންތިޚާބުން ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ރަނިލްއަކީ 1978ވަނަ އަހަރުން ފެށިގެން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ފަރާތެކެވެ. އެބޭފުޅާ ވަނީ ތިން ފަހަރެއްގެ މަތިން ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވާފައެވެ.

Advertisement

ކޮމެންޓް

Advertisement