ރައީސް ޔާމީން މިނިވަން ނުކޮށްފިނަމަ މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާނަން: ޑީއާރްޕީ

22 Aug 2020 | 15:47

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ ހޯމަ ދުވަހުގެ ކުރިން މިނިވަން ނުކޮށްފިނަމަ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ  ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާނެކަމަށް ޑީއާރްޕީން ބުނެފިއެވެ.

އެޕާޓީން ކުރި ޓްވީޓެއްގައި ބުނީ ޖަލުގައި ތިބި ގައިދީންނަށް އެއް ހަމައަކުން އަމަލުކުރަން ޖެހޭއިރު، ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ނުދެއްވާތީ ހޯމް މިނިސްޓަރ ޝައިޚް އިމްރާންގެ އިތުބާރު ގެއްލިފައިވާކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަންދެން ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަންކުރުމަށް ޑީއާރްޕީން ވަނީ ގޮވާލާފައެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޔާމީނާއި ގުޅޭ އެއްވެސް މައްސަލައެއް މިވަގުތު ސުޕްރީމް ކޯޓްގައި ކުރިއަށް ނުދެއެވެ. އެމަނިކުފާނުގެ އިސްތިއުނާފްގެ މައްސަލަ ކުރިއަށްދަނީ ހައިކޯޓުގައެވެ.

ޑީއާރްޕީން އިތުރަށް ބުނީ ރައީސް ޔާމީން މިނިވަން ނުކޮށްފިނަމަ ހޯމަ ދުވަހުގައި ހޯމް މިނިސްޓަރގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެކަމަށެވެ. އަދި އޭގެ ކުރިން މަޝްވަރާކުރުމަށް ތައްޔާރުކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންނާއި އާއިލާއިން ދަނީ ހޯމް މިނިސްޓަރ އިމްރާން އިސްވެ ހުންނަވާ، ރައީސް ޔާމީނަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމުގެ ހައްގުން މަހުރޫމްކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ. މިކަމަށް އިމްރާން އަދި ކަރެކްޝަންސް އިން ވަނީ އިންކާރުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement