ހަޤީޤީ ވާހަކަ: އަހަރެންވެސް ނަމާދު ކުރަން ބޭނުން!

29 Aug 2020 | 18:33

ލިޔުނީ: ޢަލީ ރަމީޒް

އެއްދުވަހެއްގެ ޢަޞްރު ނަމާދު ވަގުތެވެ. ވުޟޫކުރުމަށް ތައްޔާރުވަމުންދަނިކޮށް، އިސްކުރުބަރި ކައިރިއަށް ކުއްޖަކު އައިސް ހަލޯ އޭ ބުނެލި އެވެ. އޭނާއަށް ބަލާލުމުން އެއީ ކާކުކަން ޔަގީންނުވެ ހުއްޓައި އެއީ މިވެނިކުއްޖެކޭ ބުނެ އަމިއްލައަށް ތަޢާރަފުވި އެވެ. އެއީ ތެދެކެވެ. އެއީ އަހަރެންގެ ކުރީގެ ވަރަށްގާތް ރައްޓެއްސެކެވެ. ކުރިން ވަރަށް ރޫފަރަނގަޅުކޮށް ހުރި އެ އެކުވެރިޔާގެ ހަށިގަނޑު ހިކިއަނަރޫވެފައި ހުރިލެއް ބޮޑުކަމުން އަހަންނަށް އޭނަ ހަމަ ނޭނގުނީ އެވެ.

އަހަރެން އޭނައާއި ސަލާމްކޮށްލުމަށްފަހު ކޮބާ ކިހިނެއްހޭ އަހާލީމެވެ. ޖަވާބުގައި އޭނާ ބުނީ ކަމަކާ ވާހަކަދައްކާލަން ވަރަށްބޮޑަށް ބޭނުންވާ ވާހަކަ އެވެ. ނަމާދުން ފައިބައިގެން ބައްދަލުކޮށްލާނީދޯއޭ ބުނުމުން، ނޫނެކޭ ބައްދަލުކޮށްލަން ބޭނުންވަނީ ހަމަ މިވަގުތުކަމަށް ބުންޏެވެ. ނަމާދު ގާތްވެފައިވަނިކޮށް އޭނާ އެބުނަން އުޅޭ ވާހަކަ ލަސްކުރެވެން ނެތްކަން

އަހަންނަށް އިޙްސާސްވުމުން އޭނާއަށް ދެ މިނެޓްގެ ވަގުތުކޮޅެއް ދިނީމެވެ. ކަންބޮޑުވެފައިވާ އެކުވެރިޔާ ފުރަތަމަވެސް ބުނީ

އޭނާވެސް ނަމާދުކުރަން ބޭނުންވާ ވާހަކައާއި އަދި ރަނގަޅު މީހެއްގެ ގޮތުގައި ޙަޔާތްވޭތިކުރަން އޭނާވެސް ބޭނުންވާ ވާހަކަ އެވެ. ތިޔަކަމަށްއޮތީ ކޮން ހުރަހެއްތޯ އަހަރެން އޭނާއާއި ސުވާލުކުރީމެވެ. ޖަވާބުގައި އޭނާ ބުނީ އޭނާއަށް ވުޟޫކުރަންވެސް އަދި ނަމާދު ކުރަންވެސް ނޭނގޭ ވާހަކަ އެވެ.

ކޮންމެއަކަސް ހަމަ އެވަގުތު އޭނާލައްވާ ވުޟޫ ކުރުވައިފީމެވެ. އަދި އަހަންނާއެކީ މިސްކިތަށް އަންނާށޭ ބުނުމުން ވަރަށް ބީރައްޓެހިގޮތަކަށް މިސްކިތަށް ވަދެއްޖެއެވެ. މިސްކިތަށްވަދެ އެންމެ ފަހަތު ސަފުގައި އޭނާ ހުއްޓުނެވެ. އެއީ މާބޮޑަށް އެތެރެއަށް ވަންނަން އޭނާއަށް ނުކެރުނީއެވެ. އަހަރެން އޭނާގެ އަތުގައި ހިފައިގެން އެންމެ ފުރަތަމަ ސަފަށް ގެންގޮސް

އެކުވެރިޔާގެ މަޤާމަކީ މިއީކަމުގައި އަހަރެން ބުނީމެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ ފާއްދާލިތަން އަހަރެން ދުށީމެވެ.

ނަމާދުކޮށް ނިމިއްޖެއެވެ. ދެމީހުންވެސް މިސްކިތުން ފޭބީ އެކުއެކީގައެވެ. މިފަހަރު އޭނާއާއި ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުންވީ އަހަންނެވެ. އަހަންނާއެކީ ކުޑަކޮށް ވާހަކަދައްކާލައި، ސައިކޮޅެއް ބޯލަން ދާން ބުނުމުން އޭނާ ހީލާފައިބުނީ، މި މިސްކިތަށް މި އައީވެސް ތިޔަ ފުރުސަތުގެ ބޭނުންވެގެންކަމުގައެވެ. ސައިބޯން އިށީނދެ އޭނާގެ އެކި ކަންކަމާއިބެހޭގޮތުން ސުވާލުކޮށްލީމެވެ. އޭނާ ފުރަތަމަވެސް ބުނީ އަލްޙަމްދު ލިއްލާހި، ވަރަށް އުފާވެއްޖެކަމަށާއި މިއަދު މިލިބުނު ހިތްހަމަ ޖެހުމަކީ މީގެކުރިން އޭނާ ތަޖުރިބާކޮށްފައިނުވާ ހިތްހަމަޖެހުމެއްކަމަށެވެ. އެއީ ކޮން ހިތްހަމަޖެހުމެއްތޯ ސުވާލުކޮށްލުމުން ބުނީ

މިސްކިތަށްވަނީ ވަރަށް ހާސްވެ ކަންބޮޑުވެފައިހުރެ ކަމަށާއި މިސްކިތުން ފޭބީ އުފަލުން ހިތް ފުރިފައިވާ ޙާލުގައިކަމަށެވެ.

ﷲ އަކްބަރް ﷲ އަކްބަރް ﷲ ގެ ކުޅަދުންވަންތަކަމާއެވެ! އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭނީ ﷲ ހަނދުމަކޮށްގެންކަން ﷲ ވަނީ އެކަލާނގެ ފޮތުގައި އަންގަވާފައެވެ. އެކުވެރިޔާގެ މޫނުމަތިން އެ ފެނުނު އުފާވެރިކަމާއި ހިނިތުންވުމުގެ ސަބަބުން ﷲ ގެ މިބަސްފުޅު ކުއްލިއަކަށް ހަނދާނަށް އައެވެ.

أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ

"ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަ ކުރުމުން ނޫންހެއްޔެވެ؟"

އަހަރެންގެމި އެކުވެރިޔާއަކީ މީގެކުރިން ނަމާދުކޮށް އުޅުނު ކުއްޖެއްނޫނެވެ. ޤުރްއާން ކިޔަވާކަށް ނެނގެއެވެ. ދުނިޔޭގެ ޙަޔާތް ވޭތިކުރަމުންދިޔައީ ﷲ އަށް އުރެދެވޭ އެންމެހައި ކަމެއްގެ ތެރޭގައެވެ. ނުބައި ރައްޓެހިންނާއެކުއެވެ.

އޭނާގެ ޙަޔާތުގެ ޞަފްޙާތައް އުކަމުން ކިޔައިދެމުންދަނިކޮށް، ދެން ތިޔަ ވާހަކަތައް ހުއްޓާލުމަށް އަހަރެން ބުނީމެވެ. އެއީ އަޑުއަހަން ފަސޭހަ ވާހަކަތަކަކަށް ނުވާތީ އެވެ. އަހަރެން އެކުވެރިޔާއަށް ނަޞޭޙަތްތެރިވީމެވެ. ކުރެވުނު ކުށްތަކަށް ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަވުމުން ކުރެވިފައި ހުރި ހުރިހާ ފާފަތަކެއް ފޮހެވޭނެކަމަށް އަހަރެން ބުނީމެވެ. އަހަރެން އެހެން ބުނުމުން އެކުވެރިޔާ އަހަންނާ ސުވާލު ކޮށްލިއެވެ. "ހަމަ ހުރިހާ ފާފަތަކެއްވެސް ފޮހެވެނެތަ؟"

ޖަވާބުގައި އަހަރެން ބުނީމެވެ. "އާ، ހުރިހާ ފާފަތަކެއްވެސް އިންޝާﷲ ފޮހެވޭނެ. އަދި މާޒީގައި ކުރެވިފައި ހުރި ނުބައިކަންތައްތައް އެއީ ތިބާއަށް ހެޔޮއަޖުރުގެ ގޮތުގައި ﷲ ލިޔުއްވަވާނެ"

އަހަރެން އެވާހަކަ ބުނުމުން އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ.

ބައްދަލުވުން ނިންމާލުމުގެ ކުރިން އެކުވެރިޔާ އަހަރެންގެ ކައިރީގަ ބުންޏެވެ. "މިއަދުންފެށިގެން އެންމެ ނަމާދެއްވެސް އިންޝާﷲ ދޫ ނުކޮށްލާނަން"

އެކުވެރިޔާ އެހެން ބުނުމުން އަހަރެންގެ ހިތަށް ވަރަށްބޮޑު ފިނިކަމެއް ލިބިގެންދިޔައެވެ. އެކުވެރިޔާ އެބުނީ ހަމަ ތެދެކެވެ. އެދުވަހަށްފަހު އަހަރެންގެ އެކުވެރިޔާ ބަރާބަރަށް ނަމާދު ކުރަން ފެށިއެވެ. ޤުރްއާން ކިޔަވަން ދަސްކޮށް ޤުރްއާން ކިޔަވަން ފެށިއެވެ. ސުންނަތް ރޯދަތައް ހިފަން ފެށިއެވެ. ނުބައި ރައްޓެހިންތައް ދޫކޮށްލައި ހެޔޮ ރަނގަޅު ރައްޓެހިން އިޚްތިޔާރުކުރިއެވެ. އޭނާގެ ދެވަނަ ގެއަކީ މިސްކިތް ކަމުގައި ހެދިއެވެ. ރަޙްމަތްތެރިޔާ މުޅިން ބަދަލުވެއްޖެއެވެ. މިހާރު އެއީ މުޅިން އެހެންމީހެކެވެ. ٱلْحَمْدُ لِلَّٰهِ

ޒުވާނުންނޭވެ! ކަންބޮޑުވުމާއި ހާސްކަން ފިލުވުމަށް ﷲ ނުރުއްސަވާ މަގު އިޚްތިޔާރު ނުކުރާށެވެ. ހިތްތަކަށް ހަމަޖެހުން ލިބޭނީ ﷲ ހަނދުމަ ކުރުމުންނެވެ. އަދި ސީދާވެގެންވާ ތެދުމަގު އިޚްތިޔާރު ކޮށްގެންނެވެ. އެނޫން މަގެއް އިޚްތިޔާރު ކުރުމަކީ ދެދުނިޔޭގައިވެސް އަބާއްޖަވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.

ޒުވާނުންނޭވެ! އަހަރަކަށްފަހު އަހަރެއް ފާއިތުވަމުން މިއޮއްދަނީއެވެ. ތައުބާގެ ދޮރުވަނީ ހުޅުވިފައެވެ. ވަގުތު ފާއިތުވުމުގެ ކުރިން އަވަހަށް ތައުބާވަމާ ހިނގށެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement