Advertisement

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކަށް ދިވެހިރާއްޖެއިން ތާއިދުކުރަން: ރައީސް ނަޝީދު

06 Sep 2020 | 19:15

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަވައްޓެރި އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކަށް ދިވެހިރާއްޖެއިން ތާއިދުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމާނިއަމް ޖައިޝަންކަރު ލިޔުއްވި އާ ފޮތްކަމުގައިވާ "ދަ އިންޑިއާ ވޭ" ނެރުމަށް ބޭއްވި ވާޗުއަލް ހަފްލާއަށް ފޮނުއްވެވި ވީޑިއޯ މެސެޖްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކާއި ދިވެހިރާއްޖެއާއި އޮތްގުޅުމުގެ ސަބަބުން އެކަމަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމުކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް ތާއިދުކުރާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ ސަލާމަތީ ކަންބޮޑުވުންތައްވެސް ހިމެނޭގޮތަށް އިންޑިއާގެ މިހާރުގެ ސަރުކާރުން ގެންގުޅޭ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސިޔާސަތުތަކަށް ތާއިދުކުރާކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި ދިވެހިރާއްޖެއަށް ބޮޑަށް ރަނގަޅީ އެކަނިމާއެކަނި ދުނިޔެ ބަދަލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، އިންޑިއާއާއި އެކުގައި މަސައްކަތްކުރުން ކަމަށެވެ. އަދި މިއީ ދެގައުމަށްވެސް ފައިދާހުރި ގޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ދެކިލައްވާ ގޮތުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި މައިގަނޑު ތިން ބޮޑު މައްސަލަތަކެއްވާ ކަމަށެވެ. އެއީ ޗައިނާގެ ދަރަނީގެ ދަންތުރަ، ހަރުކަށި ދީނީ ޚިޔާލުތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުންކަމަށްވެސް ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް