Advertisement

ފްރަންޓްލައިންގައި މަސައްކަތްކުރި ފަރާތްތައް ތިބުމަށް ގެސްޓްހައުސްތައް ހިފުމުގައި ބޮޑެތި ކޮރަޕްޝަންތަކެެއް!

16 Sep 2020 | 11:45

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތްކުރި ފަރާތްތައް ތިބުމަށް މާލެ އަދި ހުޅުމާލެއިން ގެސްޓްހައުސްތައް ހިފުމުގައި މާލިއްޔަތު ގަވާއިދާއި ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފަޅާއަރައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ނޭޝަަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި ކޮވިޑް-19 އޮޕަރޭޝަންގައި ހަރަކާތްތެރިވި ފަރާތްތަކަށް މާލެ އަދި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.52 މާއްދާގައި ބަޔާންކުރާ ގޮތަށް އެއްބަސްވުމެއް ތައްޔާރުނުކޮށް ކަމަށެވެ. އަދި އެ ގެސްޓްހައުސްތަކުގައި މީހުން ބައިތިއްބާފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް ކަނޑައެޅިފައިވާ ރޭޓަށް ކުއްޔަށްދޭން އެ ގެސްޓްހައުސްތަކުން އެއްބަސްވެފައިވާތީކަމަށް ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އެކޮމޮޑޭޝަން ހަމަޖައްސަން ވަކި ރޭޓެއް ކަނޑައަޅާފައިވާކަމެއް ލިޔެކިޔުމުން ފެންނަން ނެތްކަމަށް ވަނީ ބުނެފައެވެ. އޮޑިޓް ރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުގައި ޖޫންމަހުގެ 30ވަނަ ދުވަހާއި ނިޔަލަށް 34 ގެސްޓްހައުސަކަށް 16 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިތުރަށްބުނީ ގެސްޓްހައުސްތައް ހަމަޖެއްސުމުގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމްކޮށްފައި ނެތުމުން، އެކި ގެސްޓްހައުސްތަކުން ފޯރުކޮށްދޭން ޖެހެނީ ކޮން ޚިދުމަތްތަކެއްތޯ އަދި އަދި ކޮން ރޭޓެއްގައިތޯ އެނގެން ނެތްކަމަށެވެ. އެހެންކަމުން އެކި ގެސްޓްހައުސްތަކުން އެކި ރޭޓުން ބިލްކޮށް، ތަފާތު އިތުރު ޚިދުމަތްތަކަށްވެސް ދައުލަތުން ފައިސާ ދައްކަންޖެހުނުކަމަށް ވަނީ ފާހަގަކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement