އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް 60 ޕޯޓެބަލް ވެންޓިލޭޓަރު ހަދިޔާކޮށްފި

24 Sep 2020 | 13:47

އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް 60 ޕޯޓެބަލް ވެންޓިލޭޓަރު ހަދިޔާކޮށްފިއެވެ.

މި 60 ޕޯޓެބަލް ކްރިޓިކަލް ކެއަރ ވެންޓިލޭޓަރުތައް ރަމްޒީގޮތުން ދިވެހިރާއްޖެއާއި ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެ ވަޑައިގެންނެވީ ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އޮމަރު އަބްދުލްރައްޒާގެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުގެ ސަފީރު އަލައިނާ ޓެޕްލިޓްޒްއެވެ.

މި ރަސްމިއްޔާތު މާލޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިނިސްޓަރ އަބްދުﷲ ޝާހިދާއި މިނިސްޓްރީގެ އެހެނިހެން އިސްވެރިން ބައްލަވަމުން ގެންދެވިއެވެ.

ޔޫއެސް އެއިޑްގެ ދަށުން މިތަކެތި ހަދިޔާކޮށްފައިވަނީ ދިވެހިރާއްޖެއިން ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އެމެރިކާއަކީ އެހީއަށް އެދޭ ވަގުތުތަކުގައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ މުހިންމު ބައިވެރިއެއް ކަމަށެވެ. ޝާހިދު ވަނީ ކޮވިޑް-19 އާއި ގުޅިގެން އެމެރިކާއިން ފޯރުކޮށްދީފައިވާ އެކިއެކި އެހީތަކަށް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިޔޯއަށް ޝުކުރު ދަންނަވާފައެވެ. 

Advertisement

ކޮމެންޓް

Advertisement