ޕެނަލްޓީ ޖެހުމަކީ ފަސޭހަކަމެއް ނޫން: ބްރޫނޯ ފެނާންޑޭސް

25 Sep 2020 | 07:10

ޕެނަލްޓީއިން ގޯލް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ބްރޫނޯ ފެނާންޑޭސް ބުނެފިއެވެ.

ބްރޫނޯ މިހެން ބުނެފައިވަނީ ފަހަކަށް އައިސް ޔުނައިޓެޑްއަށް މޮޅެއް ނުވަތަ ޕޮއިންޓެެއް ކަށަވަރު ކުރެވޭވަރުވަނީ ލިބޭ ޕެނަލްޓީއަކުން ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުންގެދާތީ އޭގެ ރައްދެއްގެ ގޮތުންނެވެ.

މިއަހަރުގެ ޖަނަވަރީ މަހު ޔުނައިޓެޑައި ގުޅުނު ބްރޫނޯ ވަނީ އެޓީމަށް 12 ގޯލް ޖަހައިދީފައެވެ. އޭގެ ތެރެއިން 8 ގޯލަކީ ލިބުނު ޕެނަލްޓީތަކުން އޭނާ ކާމިޔާބު ކޮށްފައިވާ ގޯލް ތަކެކެވެ.

ކޮރޯނާވައިރަސް ޕެންޑަމިކްއާއި ގުޅިގެން މިދިޔަ ސީޒަނުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފަށައިގެން ޔުނައިޓެޑް ކުޅުނު މެޗުތަކެއްގައި އެޓީމަށްވަނީ ގިނަ އަދަދެއްގެ ޕެނަލްޓީތަކެއް ލިބިފައެވެ. ޕްރިމިއާ ލީގް، ޔޫރޯޕާ ލީގް، އަދި އެފްއޭ ކަޕްގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީތަށް ބްރޫނޯ ވަނީ ސާބިތުކަމާއެކު ކާމިޔާބު ކޮށްފައެވެ.

މިއާއެކު ޔުނައިޓެޑަށް ވަނީ އިދިކޮޅު ޓީމްތަކުގެ ސަޕޯޓަރުން އަދި ފުޓްބޯޅައިގެ ދުނިޔެ ކަވަރު ކުރަމުންގެންދާ ގިނަ އަދަދެއްގެ ބްލޮގަރުންނާއި ނޫސްވެރިންގެ ފާޑު ކިޔުން އަމާޒުވެފައެވެ.

ޔުނައިޓެޑްގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ބްރޫނޯ ބުނީ ޕެނަލްޓީތަކުގެ ވާހަކަ އެހާ ގިނައިން ދައްކަން ބޭނުންނުވާ ކަމުގައެވެ. އެހެން ކްލަބަކަށް ނިސްބަތްވާ ކުޅުންތެރިޔަކު ޕެނަލްޓީއެއް ޖެހުމުން މައްސަލައަކަށް ނުވެފަ އޭނާ ޕެނަލްޓީން ގޯލް ކާމިޔާބު ކުރުމުން މައްސަލައަކަށްވާންވީ ކީތްވެތޯއާމެދުވެސް ބްރޫނޯ ވަނީ ސުވާލު އުފައްދާފައެވެ.

ޕެނަލްޓީއަކީ ފުޓްބޯޅައިގެ ބައެއް ކަމަށައި ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފަންޖޭހޭ ކަމަށްވެސް ބްރޫނޯ ބުނެފައިވެއެވެ. 2008 ވަނަ އަހަރު ޔުނައިޓެޑް ޗެންޕިއަންސް ލީގް ކާމިޔާބު ކޮށްފައިވަނީވެސް ޕެނަލްޓީ ޖަހައިގެންކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ކޮންމެ މީހަކަށްވެސް ޓީވީ ކުރިމަތީ ތިބެގެން ފާޑުކިޔަން ފަސޭހަވާނެ ކަމަށައި ނަމަވެސް ބަޔަކު ކޮންމެ ގޮތަކަށް ދެކުނު ކަމުގައިވިޔަސް އޭނާއަށް މުހިންމީ ކުރިޔަށް އޮތްތަނުގައިވެސް ގޯލް ކާމިޔާބު ކުރުން ކަމަށް ބްރޫނޯ ވަނީ ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement