ޗައިނާއާއި ރާއްޖޭގެ އެފްޓީއޭ އޮތީ ރާއްޖެއަށް ގެއްލުންވާނެހެން: ރައީސް ނަޝީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ ސަރުކާރުން، ރާއްޖެއާއި ޗައިނާއާއި ދެމެދު ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ، އެއްފަރާތަކަށް ބުރަވެފައިވާ އެއްބަސްވުމެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ބީބީސީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމެންޓްއަކީ، އެއްފަރާތަކަށް ބުރަވެފައިވާ އެއްބަސްވުމެއް ކަމަށާއި އަދަދުތައް ދިމާނުވާ ކަމަށެވެ. އަދި މި އެއްބަސްވުމުން ރާާއްޖެ ވަކިވުމާއި މެދު ސަރުކާރުން ވިސްނަވަމުން ދާކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ޚާާއްސަ ގާނޫނުތަކެއް ހަދަންޖެހެއެވެ. ނަމަވެސް އެ ގާނޫނުތައް މަޖިލީހުން ފާސްކުރުމަކީ ވަރަށް ނާދިރުކަމެއް ކަމަށް އެމަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ.
މިކަމާއި ގުޅިގެން ޗައިނާ ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައި ނުވިކަމުގައިވިޔަސް، މީގެ ކުރިން ރައީސް ނަޝީދު، ޗައިނާއިން ރާއްޖެ ދަރަނިވެރި ކުރުވަން އުޅޭކަމަށްބުނެ ބުނި ބުނުން އެގައުމުގެ ސަފީރުވަނީ ކުށްވެރިކޮށްފައެވެ. އަދި ރާއްޖެއިން ޗައިނާއަށް ދަރާފައިވާ މިންވަރާއި ދަރަނި އަދާާކުރެވޭނެ ގޮތް ބަޔާންކޮށްދޭން ތައްޔާރަށް ހުރި ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ ދިގުމުއްދަތަކަށް ރާއްޖޭގެ ބައެއް ރަށްތައް ޗައިނާގެ ކުންފުނިތަކަށް ކުއްޔަށްދީފައިވާއިރު، ވިޔަފާރީގެ ބޭނުމަށް ނޫން އެހެން ކަމަކަށް ރަށްތައް ބޭނުންކުރާނަމަ އަތުލަން ޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists