ވެރިކަން ކުރުމުގެ ޝައުގެއްނެތް. ބޭނުންވަނީ ޑރ.މުއިއްޒު، ދެވަނަ ދައުރަކަށް ހޮވަން: ޢަބްދުއްރަޙީމް
ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ވިސްނުމެއް ދުވަހަކުވެސް ނުގެންގުޅޭ ކަމަށާއި، އަދި އެއީ ކުރިއަށްއޮތްތަނުގައި ދުވަހަކުވެސް ގެންގުޅޭނޭ ވިސްނުމެއް ނޫންކަމަށް ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އިންތިހާބު ކުރިއަށްދިޔަ ގޮތާބެހޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖޭގެ ރައީސްކަމަށް ވާދަނުކުރައްވާނޭ ކަމަށާއި، އެފަދަ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް ވެރިކަމާ ކުރިމަތިލުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށެވެ.
އަދި އެފަދަ (ވެރިކަން ކުރުމުގެ) ފުރުސަތެއް ލިބުނު ނަމަވެސް އެކަމުން ސަލާމަތްވާނޭކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަމާޒުހިފައިގެން މިތބީ ރައީސް ޑރ.މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ކަމަށާއި، ދިވެހިރާއްޖޭގައި ވެރިކަންކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަންނަވާ ބޭފުޅަކީ ރައީސް ޑރ.މުއިއްޒުކަމަށް ހެދުމަކީ އަމާޒެއްކަމަށެވެ. އަދި ދެމިހުންނާނީ އެ އަޒުމުގައި ކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަދައްކަވަމުން ޢަބްދުއްރަހީމް ވަނީ ރައީސް ޑރ.މުއިއްޒުއާ އެމަނިކުފާނާ ދެމެދު އޮތް ގުޅުން އިހުނަށްވުރެ ވަރުގަދަވެފައިވާކަމަށެވެ. އެގޮތުން ސިޔާސީ ކަންކަމުގައި ޑރ.މުއިއްޒުއާ އެންމެ ގުޅުން ރަނގަޅު މީހަކީ އެމަނިކުފާނުކަމަށް ދަންނަވަންކެރޭކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ވެރިކަންކުރުމުގެ ވިސްނުމެއް ދުވަހަކުވެސް ނުގެންގުޅުއްވާނޭކަމަށް ޢަބްދުއްރަހީމް ވިދާޅުވެފައިވާއިރު، އޭނާ އަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists