އެމްޑީއެން އުތެމަ މައްސަލައިގެ ތަފްސީލް ހާމަކުރެވޭނީ މައްސަލަ ރައްދުވާ ފަރާތައް: ފުލުހުން

02 Oct 2020 | 04:21

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓްނެރެފައިވާ އެމް.ޑީ.އެން އާއި އުތެމައިގެ މައްސަލައިގެ ތަޙްޤީޤުގެ ތަފްސީލު ހިއްސާ ކުރުމަށް ރައްޔިތުންގެ އިއްތިޙާދުން ފުލުހުން ކިބައިން އެދުމުން އެ މައުލޫމާތު ދޭން ފުލުހުންގެ އިދާރާއިން ދެކޮޅު ހަދައިފިއެވެ.

އެމް.ޑީ.އެން އާއި އުތެމައިގެ ތަޙްޤީޤުގެ މަޢުލޫމާތު ދޭން ފުލުހުން ދެކޮޅު ހަދާފައިވަނީ އެމް.ޑީ.އެން އާއި އުތެމައިގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން އަންނަ މަދަނީ 26 ޖަމިއްޔާގެ މައްޗަށް އެކުލެވިފައިވާ ރައްޔިތުންގެ އިއްތިޙާދުން އެމުއައްސަސާއަށް ފޮނުވާފައިވާ ސިޓީއަށް ދީފައިވާ ޖަވާބުގައެވެ.

އެ އިއްތިޙާދުން އެމް.ޑީ.އެން އަދި އުތެމައިގެ މައްސަލައިގައި ފުލުހަށް ސިޓީ ފޮނުވާފައިވަނީ ޕީ.ޖީ ޝަމީމް އާއެކު އެމް.ޑީ.އެން އާއި އުތެމައިގެ މައްސަލައިގައި ބައްދަލު ކުރުމަށް ފަހު ޝަމީމް ދެއްވި ލަފާއަށް ބިނާކޮށެވެ.

ޕީ.ޖީ އިން ލަފާ ދެއްވާފައިވަނީ، ޕީ.ޖީއަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނީ ފުލުހުންގެ މުއައްސަސާއިން އެމައްސަލައިގެ ތަޙްޤީޤު ގެންގޮސްފައިވާ ހިސާބުގެ ތަފްސީލީ ލިޔުމެއް ރައްޔިތުންގެ އިއްތިޙާދުގެ ފަރާތުން ޕީ.ޖީ އަށް ހުށައެޅުމުން ކަމުގައެވެ.

ރައްޔިތުންގެ އިއްތިޙާދަށް ފުލުހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި އެމް.ޑީ.އެން އަދި އުތެމައިގެ މައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށް ވުމުން އެ މައްސަލައިގެ މައުލޫމާތު ހިއްސާކުރެވޭނީ މައްސަލަ ހުށައެޅި ފަރާތަށާއި އެމް.ޑީ.އެން އާއި އުތެމައިގެ ރިޕޯޓުގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތެއް ވާނަމަ އެފަރާތަކަށެވެ.

އެމްޑީއެން ރިޕޯޓުގައި ވަނީ ކީރިތި ރަސޫލާގެ ކަރާމާތާއި އަބުރުފުޅު ގެއްލޭފަދަ އެތައް ވާހަކަތަކެއް ހިމެނިފައިކަން ފާހަގަކޮށްލަންޖެހެއެވެ.

ފުލުހުންގެ އިދާރާއިން މިފަދައިން ޖަވާބު އަރުވާފައި ވީނަމަވެސް އެ އިދާރާއިން ވަނީ ޕޮލިސް ކޮމިޝަނަރާއި އެކުގައި ޢިލްމުވެރިންގެ ގުޅުމުގެ ދަންނަބޭކަލުންނާ އެކު އެމް.ޑީ.އެން އާއި އުތެމައިގެ މައްސަލައިގައި މައުލޫމާތު ހިއްސާ ކުރުމުގެ ބައްދަލުވުމެއް ހުސެން އާދަމް ބިންޑިންގުގައި މީގެ ކުރިން އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮއްސައެވެ.

"މިމައްސަލައިގެ މައުލޫމާތު ހިއްސާ ކުރެވޭނީ ގެއްލުން ލިބުނު ފަރާތަށް ކަމަށް ފުލުހުން ބުނާއިރު އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގެ ގެއްލުމަކީ ކޮންމެ މުސްލިމަކަށް ވަކިވަކުން ފަރުދީކޮށް ގެއްލުންވާނެ ކަމެއްކަން ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު މައްސަލައެއް" ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކޮށް ވޮއިސް އާއި ހިއްށާކޮށްފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement