ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ދޮންބައްޕައަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

26 Oct 2020 | 18:54

ރާއްޖޭގެ ރަށެއްގައި ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ދޮންބައްޕައަކު 15 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފްކޮށްފައިވަނީ ދޮން ބައްޕަގެ މައްޗަށް އެ ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިނުވާތީ، ކުށް ސާބިތުނުވާކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމުމުންނެވެ. މި މައްސަލައިގައި އެ ފިރިހެންމީހާގެ މައްޗަށް އުފުލާފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

2017 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުން ނިންމި މި ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އެއްގޮތްނުވާ ގަޟިއްޔާއެއްކަމަށްބުނެ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ އެ ގަޟިއްޔާ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށައަޅާފައެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ބުނެފައިވަނީ ދޮންބައްޕަގެ މައްޗަށް ޕީޖީން އުފުލާފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، ގާނޫނު އަސާސީގެ 51ވަނަ މާއްދާގެ އ ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅާކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އެމީހާ 15 އަހަރަށް ޖަލަށްލުމަށްވެސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

މ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement