Advertisement

ފަސްކުރި ދޯނީގެ މައްސަލަ: ފަޅުވެރިންނާއި އޮޑިވެރިޔާގެ ވާހަކަތައް ވަރަށް ތަފާތު!

31 Oct 2020 | 16:03

ތޫނު ހަތިޔާރާއި އެކު ގްރޫޕަކުން މަސްދޯންޏަކަށް އަރައި އެދޯނި ހައިޖެކްކުރިކަމަށް ބުނާ މައްސަލައާއި ގުޅިގެން އެހާދިސާގެ ހަގީގަތް ހާމަކޮށް އެދޯނީގެ ވެރިފަރާތާއި ދޯނީގައި ތިބި 22 ފަޅުވެރިންގެ ފަރާތުން ބަޔާންތަކެއް ނެރެފިއެވެ.

އެގޮތުން ދޯނީގައި ތިބި 22 ފަޅުވެރިންގެ ފަރާތުން ބަޔާނެއް ނެރެފައިވަނީ ދޯނީގެ ވެރިމީހާ ލ.ގަން ތުނޑި އިހްރާމްގޭ އިދުރީސް ހުސައިން ނެރެފައިވާ ބަޔާނެއް ދޮގުކޮށެވެ.

ފަސްކުރި ދޯންޏާއި ގުޅޭގޮތުން އެދޯނީގެ ފަޅުވެރިންގެ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު ލ.ވަޑިނޮޅި ކައިރިއަށް އެންދެމުމުގެ މަސައްކަތުގައި ތިއްބާ ތޫނު އެއްޗިއްސާއެކު އެ ދޯންޏަށް އަރައި ދޯނީގެ ކެޕްޓަނަށް ވަޅިން ހަމަލާދީ ދޯނި ރަހީނުކުރިކަމަށެވެ.

އަދި ދޯންޏަށް ދަނގަޑާއި،ވަޅި، ކަނޑިފަދަ ތޫނު އެއްޗިއްސާއެކު އަރައި ދޯނީގައި ތިބި ފަޅުވެރިންނަށާއި ކެޕްޓަނަށް ވަޅިން ބިރުދައްކައި، އެދޯނި ލ.ގަމަށް ގެންދިއުމުގައި އެންމެ އިސްކޮށް ހުރީ ލ.ގަން ތުނޑި، އިޙްރާމްގޭ އިދުރީސް ހުސައިން ކަންވެސް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދޯނި ފަޅުވެރިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ތޫނު އެއްޗިއްސާއެކު 27 މީހަކު ދޯންޏަށް އަރާފައިވެއެވެ.އޭގެ ތެރޭގައި ދޯނީގެ ވެރިފަރާތް ކަމުގައިވާ އިދުރީސް ހިމެނެއެވެ.މަސްތުގެ ހާލުގައި ތިބެ އެމީހުން ދޯންޏަށް އަރައި ދޯނީގެ ކެޕްޓަން ވީލްހައުސްގައި ނިދާފައި އޮއްވާ ހޭލައްވައި، ދޯނި ސްޓާޓް ކުރުމަށް ތިން މީހަކު އަމުރުކުރިއެވެ.އެތިން މީހުން ތިބީ ވީލްހައުސް ތެރޭގައި ކެޕްޓަންގެ ފުރަގަހުގައި ވަޅިހިފައިގެން ކަމަށް ބަޔާނުގައި ފާހަކޮށްފައިވެއެވެ.

އަދި ބައެއް ފަޅުވެރިންނަށް ވަޅިން ބިރުދެއްކުމަށް އިދުރީސް އަމުރުކުރި ކަމަށްވެސް މިބަޔާނުގައި ފާހަގަކޮށްފައިވާއިރު ދޯނީގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެތަނުން މީހަކު ހޫނުފެން ޖަހާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މިހާދިސާގެ ތަހްގީގަށް ހެނދުނު 9އެއް ޖެހިއިރު ދޯނީގެ ކެޕްޓަން އާއި އިތުރު 6 މީހެއްގެ ބަޔާން ނެގުމަށް ލ.ގަން ޕޮލިސް ސްޓޭޝަންއަށް ގެންގޮސް އެމީހުންގެ ބަޔާން ނެގުމަށްފަހު ދޯނީގެ ކެޕްޓަންއަށް ފުރައިގެން ދިއުމަށް ފޯނުން އެންގިއެވެ. ނަމަވެސް ދޯންޏާއެކު ފުރައިގެން ދެވޭނެ މާހައުލެއް ނެތަކަމަށް ކެޕްޓަން ވަނީ ފުލުހުން ގާތު ބުނެފައިކަމަށް ފަޅުވެރިންގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެ ދޯނި ލ.ގަމު ބަނދަރަށް ކައިރި ކުރިއިރު އިދުރީސްގެ މީހުން ބަނދަރުގައި ހަރަކާތްތެރިވި ކަމަށާއި، ދޯނިން ދޫކޮށް ދިޔުމަށް އޭރުވެސް ބުނަމުން ދިޔަކަމަށެވެ.އަދި ހަވީރު 5 ޖެހުމުގެ ކުރިން ދޯނި ދޫކޮށް ނުގޮސްފިނަމަ ކޮށާލާނެ ކަމަށް އޭރުވެސް އިންޒާރު ދެމުންދިޔަ ކަމަށް ބުނެފައިވެއެވެ.

އޮޑިވެރިޔާގެ ބަޔާން:

މި ބަޔާނުގައިވާގޮތުގައި މި ދަނޑިވަޅުގައި ޢާއިލާއަށް ނުހަނު ހިތްދަތިކަން ލިބިފައިވާކަމަށާއި، މުޅި ޖާނާއި މާލު ޤުރުބާންކޮށްގެން ފަސްކުރި ކިޔާ ދޯންޏެއް ބަނދެފައިވާނެކަމަށެވެ. އަދި އަމިއްލަ ނަންމަތީގައި ރަޖިސްޓްރީ ކުރެވުނު އެ ދޯނި ހުސްވި އަހަރުގެ ޖެނުއަރީ މަހުގެ 06 ވަނަ ދުވަހު ”ރިޗް ކްލަބް މޯލްޑިވްސް“ ކުންފުންޏަށް އިންސްޓޯލްމަންޓް އުސޫލުން ވިއްކަން އެއްބަސްވެފައިވާކަމަށެވެ.

އެގޮތުން ދޯންޏާއި ދޯނީގައި ހުރި ތަކެތި ވިއްކުމަށް އެއްބަސްވެފައިވަނީ ހަތް މިލިއަން ރުފިޔާއަށް އެއްެއަހަރު ތެރޭގައި ދައްކާ ނިންމާގޮތަށެވެ.

ނަމަވެސް މިހާތަނަށް ލިބިފައިވަނީ ހަތްމިލިއްނަ ރުފިޔާ ކަމަށާއި ބާކީ ހުރި ފައިސާ ހޯދަން އެކިފަހަރުމަތިން ގުޅުމުންވެސް ފޯނަށް ޖަވާބު ނުދޭތީ ފައިސާ ނުލިބިފައިވާކަން ފާހަކޮށްފައިވެއެވެ

އިދުރީސްގެ ބަޔާނުގައި ބުނެފައިވާ ގޮތުން ފަސްކުރި ދޯނީގައި ހިނގައި ދިޔަ ކަންތައްތަކުގައި ޒުވާބާއި،ހަތިޔާރު ބޭނުންކުރިކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއްނެތް ވާހަކަތަކެކެވެ.އަދި ފުލުހުން ދޯނިން އެއްވެސް ހަތިޔާރެއް ގެންގޮސްފައިވާނަމަ އެހަތިޔާރަކީ ދޯނީގައި ކުރިން ހުރި ތަކެތި ކަމަށް އެބަޔާނުގައި އިދުރީސް ވަނީ ބުނެފައެވެ.އެހެންކަމުން ދޯންޏަށް އެރުމުގައި ހަތިޔާރު ބޭނުންކޮށްފައިނުވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށްދޭކަމަށް ވެސް އިދުރީސް ވަނީ ބުނެފައެވެ.

އިދުރީސް ވަނީ މިމައްސަލަ ޝަރުޢީ ކޯޓަކުން ވީހާވެސް އަވަހަށް ބަލައިދިނުމަށް އެދިފައެވެ.އަދި ފުލުހުންނައި މީޑިއާތަކުންވެސް ކަންހިނގި ގޮތް ރަނގަޅަށް ބެލުމަށް އިދުރީސް ވަނީ އެދިފައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް