Advertisement

ކައިވެނީގެ ކުރިން ކޮންމެހެން ކުރަންޖެހޭ 33 ސުވާލު!

10 Nov 2020 | 14:25

ހެޔޮލަފާ، ޞާލިޙު ބައިވެރިއެއް ލިބުމަކީ މިދުނިޔެއިން މީހަކަށް ލިބޭނޭ އެންމެ ބޮޑު އެއް ނިޢުމަތެވެ. އާޚިރަތަށްޓަކައި ޚާއްޞަ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް އަހަރެމެންނަށް ހުޅުވާލެވިގެންދާ ދޮރެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާންގައި ވަޙީކުރައްވާފައިވެއެވެ.

وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ

(ސޫރަތުލް ރޫމް : 21)

މާނައީ: "ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ."

ކައިވެންޏެއް ކުރުމުގެ ކުރިން އަމިއްލަ ނަފްސާއި މެދު ވިސްނާލައި، ކައިވެނީގެ ތެރެއިން ތިބާ ޙާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި މެދު ފިކުރު ހިންގައި، އަމިއްލަ ނަފްސު މިކަމަށް ތައްޔާރުތޯ ބަލަން އެބަޖެހެއެވެ. ހަމައެހެންމެ ކައިވެންޏަށް ތިބާ އިޚްތިޔާރުކުރާ ފަރާތަކީވެސް މިބުނެވިދިޔަ ކަންކަމާމެދު ހޭލުންތެރިކަން ހުރި މީހެއްތޯ ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ސުވާލުތަކެއް ހުންނާނެއެވެ. ބައެއް ސުވާލުތަކަކީ ސީދާކޮށް ކުރަން އެހާ ފަސޭހަ ސުވާލުތަކެއް ނޫނެވެ.

އެހެންކަމުން، މި ލިސްޓުގައި ހިމަނާލާފައި މިވަނީ މައިގަނޑުގޮތެއްގައި ކައިވެންޏަކަށް ތައްޔާރުވާއިރުގައި އެކަކު އަނެކަކާއި ކޮށްލާނެ 33 ސުވާލެކެވެ. ކިޔުންތެރިޔާ ބޭނުންވާ އިތުރު ސުވާލުތައްވާނަމަ، މި އާޓިކަލް އެފަރާތަކާއި ޙިއްސާކޮށްލާއިރު އެ ސުވާލުތައްވެސް ހިމަނާލުމުން އިތުރަށް ފުރިހަމަވާނެކަމުގައި ދެކެމެވެ.

1. ކައިވެންޏާއި މެދު ތިބާ ކުރާ އުންމީދު ތަކަކީ ކޮބާ؟

2. ކައިވެނީގެ ޙަފްލާ ބާއްވަން ބޭނުންވަނީ ކޮންގޮތަކަށް؟ (މިސާލަކަށް: ވަރަށް ކުލަގަދަކޮށް / ކޯޓުގައި)

3. ތިބާގެ ނަޒަރުގައި ކައިވެނީގެ ރަނަށް ކިޔަން އެންމެ އެކަށޭނަ ޢަދަދަކީ ކޮބާ؟ (މިސާލަކަށް: 16999 ރުފިޔާއިން މަތި)

4. ޙަޔާތުގައި ތިބާ ކާމިޔާބު ކުރަންބޭނުންވާ އެންމެ މުހިންމު ލަނޑުދަނޑިތަކަކީ ކޮބާ؟

5. އެއްވެސް ކަހަލަ ކްރޯނިކް ބަލިކަމެއް ނުވަތަ ބައްޔެއް ހުރޭތަ؟ (މިސާލަކަށް: މައިގްރެއިން، ތެލަސީމިއާ، ހިތުގެ ބަލި)

6. މީހަކަށް ދޭންޖެހިފައިވާ ދަރަންޏެއް އޮންނާނެތަ؟

7. ތިއީ ލިބޭ މިންވަރުން ފުދިގެން އުޅޭ މީހެކޭ ބުނެވިދާނެތަ؟

8. މިހާތަނަށް އެއްވެސް ފައިސާއެއް ރައްކާކުރެވިފައި ހުންނާނެތަ؟

9. މިހާރު އަދާކުރާ ވަޒީފާއާމެދު ހިތްހަމަޖެހޭތަ؟

10. އަމިއްލަ ނަފްސު އެހެންމީހަކަށް ބުނެދެންޏާ ބުނާނީ ކީކޭ؟

11. ތިބާގެ ޙަޔާތުގައި ދީނަކީ ކިހާ މުހިންމު އެއްޗެއް؟

12. ދީނީ ކަންކަމުގެ ތެރެއިން އެންމެ އުނދަގުލީ ކޮންކަމެއް ކުރަން؟ (މިސާލަކަށް: ފަތިސް ނަމާދަށް ހޭލުން ، ސުންނަތް ނަމާދު ކުރުން ، ކޮންމެ ނަމާދަކަށް ފަހު ޤުރްއާނުން މިންވަރެއް ކިޔާލުން ފަދަ)

13. ފިރިމީހާއާއި އަނބިމީހާ އެކަކު އަނެކަކަށް ހުރިހާ ގޮތަކުން އަދާކުރަންޖެހޭ ޙައްޤުތައް ތިބާއަށް އެނގޭކަމަށް ޤަބޫލުކުރަންތަ؟ އަދި އެ ޙައްޤުތައް އަދާކުރަން ފުރިހަމައަށް މަސައްކަތް ކުރެވޭނެކަމުގެ ކިތައް ޕަސެންޓް ގެރެންޓީ ދެވިދާނެތަ؟

14. މީހެއްގައި ހުރުން އެންމެ ނުރުހޭ ސިފަތަކަކީ ކޮބާ؟

15. ލިބޭ ހުސްވަގުތުތައް ހޭދަކުރަނީ ކިހިނެއް؟

16. އިނުމަށްފަހު ބައިވެރިޔާއަށް ބޭނުންވާވަރަށް ވަގުތާއި ކޮމިޓްމަންޓް ދެވޭނެކަމަށް ޤަބޫލުކުރަންތަ؟

17. އެންމެ ރުޅިގަދަވާނީ ކިހިނެއް ހެދީމަ؟ ރުޅި މަޑުކުރަން ކިހިނެއް ހަދަނީ؟

18. އެންމެ އުފާވާނީ ކޮންކަމެއް ކުރުމުން؟

19. ދެއަންބަށް މީހުންނާ އިނުމާއި މެދު ތިބާ ދެކޭގޮތަކީ ކޮބާ؟

20. ދީނީ ކަންކަމަށް ސަމާލުކަން ދިނުމުގެ އިތުރަށް ތިބާގެ ބައިވެރިޔާގެ ފުށުން ފެންނަން އެދޭ ސިފަތަކަކީ ކޮބާ؟

21. ބައިވެރިޔާގެ ފުށުން ނުރަނގަޅު ކަމެއް ފެނިއްޖެނަމަ އެކަން އޭނައަށް އަންގާނީ ކިހިނެއް؟

22. ކަމެއްގައި ދެމީހުން ދެބަސްވެއްޖެނަމަ އެކަން ޙައްލުކުރާނީ ކިހިނެއް؟

23. ތިބާ ކުރި ކަމެއްގެ ސަބަބުން އެހެން މީހަކަށް ދެރައެއް ދެވިއްޖެނަމަ، އެމީހެއްގެ ކިބައިން މާފަށް އެދޭނީ ކިހިނެއް؟ އަދި އެހެން މީހަކު ކުރި ކަމަކުން ތިބާއަށް ދެރައެއް ލިބިއްޖެނަމަ، އެމީހަކު ތިބާގެ ކިބައިން މާފަށް އެދެން ބޭނުންވަނީ ކިހިނެއް؟

24. ކައިވެންޏަށްފަހު ދެމީހުންގެ ޚަރަދުތައް ބަލަހައްޓަން ބޭނުންވަނީ ކިހިނެއް؟ (މިސާލަކަށް: ދެމީހުން ކޮންޓްރިބިއުޓް ކުރާގޮތަށް / އެކަކު ޚަރަދުތައް ބަލަހައްޓާ ގޮތަށް)

25. އުޅެން ބޭނުންވަނީ ވަކިންތަ؟ ނުވަތަ ކޮންމެވެސް އެކެއްގެ ޢާއިލާއާއެކުގައިތަ؟

26. އިނުމަށްފަހު ބައިވެރިޔާ އިތުރަށް ކިޔަވަން ބޭނުންނަމަ، އެކަމަށް އެހީވެދޭނަންތަ؟

27. ތިބާގެ ދިރިއުޅުމުގައި އަމިއްލަ ޢާއިލާ (މަންމަ، ބައްޕަ، ކޮއްކޮމެންނާއި ބޭބެމެން އަދި ދައްތަމެން) ގެ ރޯލަކީ ކޮބާ؟ އެމީހުން ދުރުގައި އުޅޭނަމަ ގުޅާލާ ޙާލުބަލާލަންތަ؟

28. އިނުމަށްފަހު ބައިވެރިޔާގެ ޢާއިލާ އާއިމެދު ބަހައްޓަން ބޭނުންވަނީ ކޮންކަހަލަ ގުޅުމެއް؟

29. ދަރިން ބަލަން / ގޭގެ މަސައްކަތް ކުރަން މީހަކު ގެނައުމާމެދު ތިބާގެ ޚިޔާލަކީ ކޮބާ؟

30. ކައިވެނީގެ ފުރަތަމަ ދެއަހަރުގެ ތެރޭ ދަރިން ހޯދުމާއިމެދު ތިބާ ދެކެނީ ކިހިނެއް؟

31. ދަރިންނާއިމެދު ތިބާ ކުރާ އެންމެ ބޮޑު އުންމީދަކީ ކޮބާ؟ އަދި ދަރިން ބެލުމުގައި އެންމެ ބިރުގަންނަނީ ކޮންކަމަކާ؟

32. ތިބާގެ ނަޒަރުގައި ކައިވެންޏެއް ދެމެހެއްޓެނީ ކިހިނެއް ކަންތައް ކޮށްގެން؟

33. ކައިވެނީގައި ތިބާ އަދާކުރާނެ ރޯލަކީ ކޮބާ؟ އަދި ބައިވެރިޔާ ގެ ރޯލެއްކަމަށް ތިބާ ދެކެނީ ކޮންކަމެއް؟ (މިސާލަކަށް: ޚަރަދުކުރުން، ދަރިން ބެލުން، ވިޔަފާރިކުރުން)

މިއީ މިވަގުތަށް ވިސްނާލައި ހޯދާލެވުނު ބައެއް ސުވާލުތަކެވެ. ކޮންމެ ގޮތެއްވިޔަސް އިންސާނެއްގެ ހިތް އޮތްގޮތެއް ނޭނގޭނެއެވެ. އަހަރެމެންނަށް އޮތީ އެކަކު އަނެކަކު ގާތުން އަހައި އޮޅުންފިލުވުމެވެ. ހެޔޮ ނިޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމަށް ކަނޑައަޅުއްވާފައިވާ އިންތަކުގެ ތެރެއިން އެކަމަށްޓަކައި މަސައްކަތް ކުރުމެވެ. މި އިން ތަކަކީ ﷲ ގެ މަތިވެރި ޙިކްމަތްފުޅުތަކުގެ ތެރެއިން އަހަރެމެންނަށްވާ ރައްކާތެރިކަމެކެވެ. އަދި ހަމައެއާއެކު ޞާލިޙު ބައިވެރިޔަކު ދެއްވާތޯ ދުޢާކުރުމެވެ.

رَبَّنَا هَبۡ لَـنَا مِنۡ اَزۡوَاجِنَا وَذُرِّيّٰتِنَا قُرَّةَ اَعۡيُنٍ وَّاجۡعَلۡنَا لِلۡمُتَّقِيۡنَ اِمَامًا‏ (ސޫރަތުލް ފުރްޤާން:74)

މާނައީ: "އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާނދޭވެ!"

ރެފަރެންސް: އަމައިލިޔާ ޑޮޓްކޮމް، ޝަމްސްވެއަރ ޑޮޓްކޮމް / ފޮޓޯ ކްރެޑިޓް: ޕިންޓަރެސްޓް

Advertisement

ކޮމެންޓް

Advertisement