11 Nov 2020 | 20:00
ތަޤުރީރުތަކުން: ރައީސް ނަޝީދު ވެރިކަމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅު!

މިއަދު ފާހަގަކުރެވެމުން މިދަނީ ދިވެހިރާއްޖޭގެ 52 ވަނަ ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ މުނާސަބަތެވެ. ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއްގެ ހިޔަލުގެ ދަށުން ވެރިކަން ކުރަން ފެށުނު ދުވަހެވެ. ދެވަނަ ޖުމްހޫރިއްޔާގެ ތާރީޚްގައި މިހާތަނަށް ދިވެހިރާއްޖެ ވަނީ 5 ރައީސެއްގެ ވެެރިކަން ދެކިފައެވެ. ހަވަނަ ރައީސްގެ ވެރިކަން މިހާރު ކުރިއަށްދަނީއެވެ.

އެކަމަކު ހަމަ ގައިމުވެސް މީގެ ތެރެއިން އެންމެ ޚާއްސަ އެއް ޝަޚްސިއްޔަތަކަށް ވެގެންދާނީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސް މުހައްމަދު ނަޝީދެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާރީޚްގެ ތެރެއަށް ވަދެވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ބޭއްވުނު މަލްޓިޕާޓީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅާގެ ގޮތުގައެވެ.

މިއަދުގެ މަތިވެރި މުނާސަބަތުގައި، އެމަނިކުފާނާ ގުޅޭ ވާހަކަކޮޅެއް ގެނެސްދިނުން ވެގެންދާނީ ވަރަށް ބޮޑަށް އައުލާވެގެންވާ ކަމަކަށެވެ. އެހެންކަމުން "ވޮއިސް"އިން މި ގެނެސްދެނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމަށްފަހު، ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ. މި ވާހަކަފުޅު ގެނެސްދީފައިވާނީ އެއްވެސް އުނިއިތުރުކުރުމެއް ނެތި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގެ އާކައިވުން ފެންނަން ހުރި ގޮތަށެވެ.


بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ޙަމްދާއި ޝުކުރު ހުރީ އެއްކައުވަންތަ މާތްރަސްކަލާނގެ ޙަޟުރަތަށް. ޞަލަވާތާއި ސަލާމް ހުރީ އުންމަތުގެ މާތް ނަބިއްޔާއަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް.

ދިވެހި ޖުމްހޫރީ ފޭރާން މިއަދު ޖަރީވެ ޒީނަތްވެފައި މިވަނީ، މުޅިން އާ ކުލަތަކަކުން. އެއީ، މިވަގުތާއި، މި ޒަމާނާއި ޙާލަތު ގެނެސްދިން އުންމީދީ ކުލަތައް. ބަދަލުވަމުންދިޔަ ރާއްޖެ މިވަނީ ބަދަލުވެފައި. މުޅިން އާ ރިޔާސީ ބަދަލަކަށް ލާމެހި ހިމުންވެފައި. މިއަދު މިވަނީ މި ރާއްޖޭގައި ފުރަތަމަފަހަރަށް ގިނަ ޕާޓީ ވާދަކުރާ ރިޔާސީ އިންތިޚާބަކަށްފަހު މިނިވަން އިންޞާފުވެރި އިންތިޚާބަކަށްފަހު، ސަރުކާރެއް އެކުލަވާލުމުގެ ފުރްޞަތު، މި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައި. މިއީ، ރާއްޖޭގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ގަދައަޅައި ކުރަމުން އައި މަސައްކަތްތަކަކާއި އަދި އެ ރައްޔިތުންގެ ފޮނި އުންމީދުތަކެއްގެ ނަތީޖާ. އަޅުގަނޑު ދަންނަވާނީ، މި ދުނިޔޭގައި މި ފަހުގައި ރައްޔިތަކު ނުވެޔޭ 30 އަހަރުގެ ދިގު ވެރިކަމެއް މިހާ އޮމާންކަމާ އެކުގައި ނިންމައި، އާ ވެރިކަމަކަށް ޤައުމު ބަދަލުކުރި ރައްޔިތެއް. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ޝުކުރާއި މުބާރަކްބާދީ މި ސަބަބަށްޓަކައި ރައްދު ކުރަން. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ހަމަ ސާބަސް ދަންނަވަން.

އަޅުގަނޑުމެން އުފައްދާ ސަރުކާރަކީ އަދި މިއަދު އަޅުގަނޑު މާތްރަސްކަލާނގެ ގަންދީ ހުވާކޮށް، އެ ހުވާ މަތީގައި ދެމިހުރުމަށް، މި ނިޔަތް ގަން ވަޢުދުވުމަށްފަހު އުފައްދާ ސަރުކާރަކީ، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އިންތިޚާބުގައި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި އުފައްދާ ސަރުކާރެއް. ވެރިކަން ކުރަނީ، ހަމައެކަނި ވެރިކަން ކުރުމަށްޓަކައެއް ނޫން. ވެރިކަން ކުރުމުގެ ބޭނުމަކީ، ވަޢުދު ފުއްދުން. އަޅުގަނޑުމެން ސަރުކާރެއް އުފައްދާނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި.

ރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ، މިއަދު މިއޮތް މިންވަރު ނޫންކަމަށް އަޅުގަނޑުމެން މިއައީ ތަކުރާރުކޮށް ބުނަމުން. އަޅުގަނޑު އަނެއްކާވެސް ހަމަ ތަކުރާރު ކުރާނީ އެ ވާހަކަ. ތަކެތީގެ އަގު ރައްޔިތުންނަށް އަތް ނުފޯރާފަށަށް ބޮޑުވެގެން ގޮސްގެން ނުވާނޭ. ޤައުމެއްގެ މާލީ ނިޒާމު، އެނޫން ގޮތަކަށް ރޭވެން ޖެހޭނޭ. އަތްފޯރާފަށުގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭނޭ. ރައްޔިތުންނަކީ ރަށުބަންދުގެ ޙާލަތުގައި އެއްތަނުން އަނެއް ތަނަށް ދަތުރު ނުކުރެވި ތިބި ބަޔަކަށް ވެގެން ނުވާނޭ. ޒުވާނުންނަކީ ޑްރަގުގެ ޝިކާރައިގައިޖެހި ގެއްލި ނިކަމެތިވެދާ ބަޔަކަށް ވެގެން ނުވާނޭ. އަޅުގަނޑުމެން އެތައް ވަޢުދެއް ވެއްޖައީމޭ. އަޅުގަނޑުމެންނަށް ރައްޔިތުން އަޣްލަބިއްޔަތެއް ދެއްވީ، މި ވަޢުދުތައް އަޅުގަނޑުމެން ފުއްދުމަށްޓަކައި.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިބޭއްވުނު އިންތިޚާބު މި ބޭއްވުނީ، އަޅުގަނޑުމެން މިދިޔަ ދުވަސްތަކުގައި އެކުލަވާލި ޤާނޫނުއަސާސީގެ އިންތިޤާލީ ބާބުން ނެއްޓި، އެ ޤާނޫނުއަސާސީގެ ސީދާ ހަމަ ކުލަތަކުގެ ތެރޭގައި. މިވަގުތު އަޅުގަނޑުގެ އެންމެބޮޑު އެއް ވާޖިބަކީ، އެ ޤާނޫނުއަސާސީގެ ރޫޙާއި، އެ ޤާނޫނުއަސާސީގެ ހަމަތަކާ އެއްގޮތަށް، މި ރާއްޖޭގައި ހެޔޮ ވެރިކަން ކުރުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެކަން ކުރާނަން. އެކަން ކުރުމުގައި މިއަދާއި އަދި ކުރިއަށް މިއޮތް ވަގުތުކޮޅުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު އަޅުގަނޑު ހިތުން އެއްވެސް ބޭފުޅަކު ހަނދާން ނެތިއެއް ނުދާނެ. އެ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުން ވުޒާރާތައް ކަނޑައެޅުމާއި، އަދި ވުޒާރާތައް ފާސްކޮށްދިނުމާއި، ވަޒީރުންނަށް ރުހުން ދެއްވުން އެއީ، ރައްޔިތުންގެ މަޖިލީހުން ކުރައްވާ ކަމެއް. ރައްޔިތުންގެ މަޖިލީހުން މިކަންކަން ފުރިހަމައަށް ކުރެއްވީމާ، އަޅުގަނޑުމެންނަށް އެ ސަރުކާރެއް ހިންގަން ފެށްޓެން އަންނަނީ. އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑު ދެކެނީ، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ އަޣްލަބިއްޔަތާ އެއްގޮތަށް ސަރުކާރެއް އުފެއްދުމަށް އަޅުގަނޑަށް އެހީތެރިވެދެއްވާނެ ކަމަށް. އަދި ގިނަ ލަސްތަކެއް ނުކުރައްވައި، ސަރުކާރާއި ސަރުކާރުގައި ތިއްބަވާނެ ވަޒީރުންނަށް ތިޔަބޭފުޅުންގެ ރުހުން ދެއްވާނެ ކަމަށް. އަޅުގަނޑު ދަންނަވާނީ، ކުރިއަށް މިއޮތް ކިތަންމެ ދުވަހަކީ، ހަމަ މިއަދުފަދަ މުނާސިބު ތާރީޚީ ދުވަސްތަކަކަށްވާނެ ކަމަށް.

އަޅުގަނޑުމެންނާއެކު މިއަދު މި ޖަލްސާގައި ސްރީލަންކާގެ ޢިއްޒަތްތެރި ރައީސް ހިޒް އެކްސަލަންސީ މަހިންދަ ރާޖަޕަކްސައާއި، އަދި އިންޑިޔާގެ ނާއިބު ރައީސް ބައިވެރިވެވަޑައިގެން އިންނެވިކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަޚްރެއް. އަޅުގަނޑުމެންނާ އެކުގައި ރާއްޖޭގެ އެންމެހާ ރައްޔިތުން ތިއްބެވިކަމީ، އަޅުގަނޑުމެންނަށް މިއަދު މި ހުއްޓުމަށް ހުއްޓެވުނު އެންމެބޮޑު ސަބަބު. އަޅުގަނޑު އަނެއްކާވެސް ހަމަ އެ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ރާއްޖެ، ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމަށް، ހެޔޮ ވެރިކަމުގެ ނިޒާމެއް ބޭނުންވާކަން އަޅުގަނޑުމެން ދިވެހިންނަށް އެނގެމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެ. އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔެއް، އެ ހެޔޮ ވެރިކަން ލިބިގަތުމަށްޓަކައި ނުހަނު ގަދަ، ނުހަނު ބުރަ މަސައްކަތް ކުރަމުން އަންނަތާވެސް ކިތަންމެ ދުވަހެއް ވެއްޖެ. މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިއަދު މި ފެށެނީ، ޑިމޮކްރެޓިކް އުޞޫލުތަކާ އެއްގޮތަށް، ރާއްޖޭގެ ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި ހަމަތަކުގެ މަތިން ހިންގޭ ހެޔޮ ވެރިކަމުގެ ނިޒާމެއް މި ރާއްޖޭގައި ހިންގުމަށް.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންނަށާއި، އަޅުގަނޑުމެންގެ އެންމެހާ ކަންކަމަށް ހެޔޮ ނަޞީބާއި ތައުފީޤު ދެއްވުން. اَلحَمْـدُ لِلّـهِ.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.