ތަޤުރީރުތަކުން: ރައީސް ޞާލިހް ވެރިކަމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅު!

11 Nov 2020 | 19:40

މިއަދު ފާހަގަކުރެވެމުން މިދަނީ ދިވެހިރާއްޖޭގެ 52 ވަނަ ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ މުނާސަބަތެވެ. ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއްގެ ހިޔަލުގެ ދަށުން ވެރިކަން ކުރަން ފެށުނު ދުވަހެވެ. ދެވަނަ ޖުމްހޫރިއްޔާގެ ތާރީޚްގައި މިހާތަނަށް ދިވެހިރާއްޖެ ވަނީ 5 ރައީސެއްގެ ވެެރިކަން ދެކިފައެވެ. ހަވަނަ ރައީސްގެ ވެރިކަން މިހާރު ކުރިއަށްދަނީއެވެ.

އެކަމަކު ހަމަ ގައިމުވެސް މީގެ ތެރެއިން އެންމެ ޚާއްސަ އެއް ޝަޚްސިއްޔަތަކަށް ވެގެންދާނީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.

މިއަދުގެ މަތިވެރި މުނާސަބަތުގައި، އެމަނިކުފާނާ ގުޅޭ ވާހަކަކޮޅެއް ގެނެސްދިނުން ވެގެންދާނީ ވަރަށް ބޮޑަށް އައުލާވެގެންވާ ކަމަކަށެވެ. އެހެންކަމުން "ވޮއިސް"އިން މި ގެނެސްދެނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމަށްފަހު، ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅެވެ. މި ވާހަކަފުޅު ގެނެސްދީފައިވާނީ އެއްވެސް އުނިއިތުރުކުރުމެއް ނެތި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގެ އާކައިވުން ފެންނަން ހުރި ގޮތަށެވެ.


بســم اللّـه الرّحمـن الرّحيــم

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ މާތް ނަބިއްޔާ محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ލޮބުވެތި ރައްޔިތުން؛

ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

ދާދި ދެންމެއަކު ތިޔަބޭފުޅުންގެ ކުރިފުޅުމަތީހުރެ މާތް ﷲ ގަންދީ އަޅުގަނޑު މި ކުރީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ. އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމުގެ ހުވާ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއެކު އަދާކުރުމަށް ކުރި ހުވާ.

މިއަދު އެންމެ ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށް މި އަރުވަނީ، ﷲގެ ވާގިފުޅާއެކު އަޅުގަނޑު މި ކުރި ހުވަޔާ އެއްގޮތަށް ޢަމަލުކުރުންމަތީ ދެމިހުންނާނެ ކަމުގެ ޔަޤީންކަން.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ދިވެހިރާއްޖޭގެ ވޯޓުލީ އާބާދީގެ 58.4 އިންސައްތަ އަޅުގަނޑަށް ތާއީދުކޮށް ވޯޓު ދެއްވި. އަދި އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓަށް 41.6 އިންސައްތަ ވޯޓް ދެއްވި. ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެދުވަހު ވޯޓު ދެއްވީ، އެ ރައްޔިތަކު ދެކޭގޮތުގައި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް ފެންނަގޮތަށް. މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، އެދުވަހު ތިޔަބޭފުޅުން އިޚްތިޔާރުކުރެއްވި ގޮތަށް ބެލުމެއްނެތި، ތިޔަ ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ވާހަކަ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް، އަދި އަޅުގަނޑުމެން އެންމެންވެސް އަބަދު ހަނދާން ބަހައްޓަންވާނެ.

ރައްޔިތުން ވޯޓުދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެށްޓެއް ޤާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވަޢުދުތަކުގެ މައްޗަށް. މީގެތެރެއިން އެއްވެސް ވަޢުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވަޢުދެއް ނޫން.

ލޮބުވެތި ރައްޔިތުން؛

ޑިމޮކްރެޓިކް ހަމަތަކުގެ މައްޗަށް ބިނާވެފައިވާ އާ ޤާނޫނުއަސާސީގެ ހިޔަލުގައި ދިވެހި ދައުލަތުގެ ކަންކަން ހިނގަން ފެށުނީ، ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކަކާއެކު. އެ ޤާނޫނުއަސާސީއަކީ ދިވެހި ރައްޔިތުންނަށް ކުރިން ލިބިފައި ނުވާ އެތަކެއް ޙައްޤުތަކެއް ކަށަވަރުކޮށްދިން ޤާނޫނުއަސާސީއެއް. ތިންބާރު ވަކިވެފައިވާ، ދައުލަތް ހިންގުމުގެ ނިޒާމެއް ދިވެހީންނަށް ގެނެސްދިން ޤާނޫނުއަސާސީ. ހިތާމައަކީ، އާ ޤާނޫނުއަސާސީއެއް ލިބިގަނެ އަޅުގަނޑުމެން ކުރި އުއްމީދުތައް މިއަދު ވިއްސިވިހާލި ވެފައިވާކަން. އެ ޤާނޫނުއަސާސީ ގެނެސްދިން ނިޒާމު ޚަރާބުވެފައިވާކަން. މިއަދު އަޅުގަނޑު ކުރަން މި ފަށާ މަސައްކަތަކީ، ދިވެހި ދައުލަތުގެ އެންމެހައި ކަންތައްތައް، ޤާނޫނުއަސާސީގެ އިމުގެތެރެއަށް ގެނެސް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކަށަވަރު ކޮށްދިނުމުގެ މަސައްކަތް. މާތް ﷲގެ ވާގިފުޅާއެކު، މި ފެށޭ ރިޔާސީ ދައުރުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ދެކޭނީ، ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އިންސާފުގެ މަގަށް މިސްރާބުވެގެންދާ މަންޒަރު. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތައް ނަގަހައްޓައި، ރައްޔިތުންނަށް ޖަވާބުދާރީވާނޭ ސަރުކާރެއް އުފެދިގެންދާ މަންޒަރު.

މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިވާ ފުރުޞަތަކީ، ޤައުމެއްގެ ޙަޔާތުގައި މަދުން މެނުވީ ލިބޭނޭ ފުރުޞަތެއް ނޫން. މިއަދު އަޅުގަނޑުމެން މިތިބީ ސިޔާސީ ޚިޔާލުތަފާތުވުންތަކާއެކުވެސް ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، އެކަންކަން ރައްކާތެރިކޮށް ކުރިއަށް ދިޔުމަށް އެއްބަސްވެގެން. ޤައުމު މި އޮތް ޙާލަތުން އެހެން ޙާލަތަކަށް ގެންދެވޭނީ އަޅުގަނޑުމެން އެންމެންނަށް އެކުގައި ކުރެވޭ މަސައްކަތަކުން. އިރާދަކުރެއްވިއްޔާ އަލަށް މި އުފެދިގެންދާ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި، ތަފާތެއް ނުކުރެވޭނެ. އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެއްވެސް ރައްޔިތަކު ބާކީވެގެނެއް ނުދާނެ.

ލޮބުވެތި ރައްޔިތުން؛

އަޅުގަނޑު މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަޤާމާ ޙަވާލުވާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ، ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ، ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރެވިގެންދާ ތަން ފެނުން ކަމުގައި. ފާއިތުވި ދިހަވަރަކަށް އަހަރުދުވަހު ދިވެހީން ކުރި ތަޖުރިބާއިން އެނގުނު ޙަޤީޤަތަކީ، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން. ފަނޑިޔާރުގެއަކީ، ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހިފައިވާކަން. ޤާނޫނުއަސާސީ ތަޞައްވުރުކޮށްފައިވާ ފަދައިން، ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތް ކުރެވޭނެ މާޙައުލެއް ފަހިކޮށްދޭން ޖެހިފައިވާކަން. ރައްޔިތުންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ޤާނޫނީ ޢިލްމާއި، ޝަރީޢަތް ކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރަން ޖެހިފައިވާކަން. މިއީ، އަޅުގަނޑުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކި، ކުރާން ފަށާނޭ އެއް މަސައްކަތް.

ލޮބުވެތި ރައްޔިތުން؛

އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ މިއަދު ޙަވާލުވާއިރު، ދައުލަތުގެ މާލީ ޙާލަތު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި. ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫޢުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު. ޚިޔާނާތާއި، އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި. އެއީ ރައްޔިތުންނަށްޓަކައި ޚަރަދުކުރަންހުރި ރައްޔިތުންގެ ފައިސާ. ވައްކަމާއި، ކޮރަޕްޝަނާއި، އިހުމާލުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ މިންވަރު އަދިވެސް ސާފެއްނުވޭ. ދައުލަތުގެ މާލިއްޔާގެ ޙާލަތު މިގޮތުގައި އޮތް ކަމުގައިވީނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި، ކުރަންޖެހިފައިވާ ކަންކަމަށް އުނިކަމެއް ނައިސް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު ޢަޒުމް ކަނޑައަޅަން. ދުނިޔޭގެ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ އެހީތެރިކަން މިކަމުގައި އަޅުގަނޑުމެން ހޯދަންޖެހޭ. އަދި ތިޔަ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި، އިތުބާރާއި ޔަޤީންކަންވެސް މި މަސައްކަތުގައި ލިބެމުންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

މިއަދު ދިވެހި ޤައުމު ވައްޓާލާފައިމިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް، ކުރިއަށްދިޔުމަށްޓަކައި، ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤުތައް އެފަރާތްތަކަށް ހޯދައިދޭން އެބަޖެހޭ. އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދޭން އެބަޖެހޭ. ދިވެހި ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ ފައިސާ އަނބުރާ ދިވެހީންނަށް ހޯދައިދޭންޖެހޭ. ގޮތްނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ. އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިޔަށް ދިޔުމަށްޓަކައި، މި ކަންކަން ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް.

އިންސާފުގެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އެކި މުއައްސަސާތަކުގައި އަށަގަނެ މޫލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޘަޤާފަތް ނައްތާލުން. ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަންޖެހޭ. ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ކޮމިޝަން ހަރުދަނާކުރުމުގެ އިތުރުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ ޤާނޫނީ ރައްކާތެރިކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ކަށަވަރުކޮށްދޭނަން. ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުރާ ކަމަކާ ގުޅިގެން، ޝަކުވާއެއް އުފުލުމަށް ބޭނުންވާ ކޮންމެ ރައްޔިތަކަށްމެ، އެ މަގު ފަހިވެގެންދާނެ. މިފަދަ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެކަމަށް ޚާއްޞަ ނިޒާމެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަޅުގަނޑު ޤާއިމުކުރާނަން. ޤާނޫނުއަސާސީއާއި، ދިވެހިރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅުގަނޑު އަޅަން ފަސްޖެހޭނޭ ފިޔަވަޅެއް ނޯންނާނެ.

ލޮބުވެތި ރައްޔިތުން؛

އަޅުގަނޑު ދެކޭގޮތުގައި، މި ރާއްޖެ ތަރައްޤީކުރުމަށް އޮތް މަގަކީ ރައްޔިތުން ބާރުވެރިކުރުވުން. އަދި މި ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ދެމެހެއްޓޭނީވެސް އެމަގަށް އަޅުގަނޑުމެންގެ މަސައްކަތްތައް މިސްރާބު ކުރެވިގެން. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭހެން، ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ލިބިދެވެންޖެހޭ. އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް އަޅުގަނޑު ހަދާނަން.

ޑިމޮކްރެޓިކް ވެރިކަމެއްގެ އެންމެ މުހިންމު އަސާސަކީ، އެއްވެސް ގިންތިއެއް، އެއްވެސް ފަންތިއެއް އެކަހެރިނުކޮށް، އެންމެހައި ރައްޔިތުންގެ އަޑުއަހައި، ދައުލަތުގެ ކަންކަން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތުން. މިކަން ކުރެވޭނީ، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ކުރިއަށްގެންދިޔުމުގައި، އެ ސިޔާސަތަކާ ގުޅޭ މަދަނީ ޖަމްޢިއްޔާތަކުގެ އަޑު، ސަރުކާރާ ހަމައަށް ގެނެވޭނޭ ނިޒާމެއް ޤާއިމުކުރެވިފައި އޮވެގެން. މިއީ މި ސަރުކާރުގެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މެންޑޭޓުގައި ހިމެނިފައި އޮންނާނޭކަމެއް. މަދަނީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ބާރުވެރިކުރުވުމަށް ދައުލަތުން ވެދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިރާދަކުރެއްވިއްޔާ މި ސަރުކާރުން ފުރިހަމައަށް އެފަރާތްތަކަށް ދޭނެ.

ރާއްޖޭގެ އާބާދީގެ 37 އިންސައްތައަކީ ޒުވާނުން. އެހެންކަމުން، ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ސަރުކާރުން ކޮށްދޭނެ. ޒުވާނުންނަށް ރަނގަޅު ތަޢުލީމާއި، ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، މިންތީގެ ހަމަހަމަކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރު އިހުމާލެއް ނުވާނެ.

ލޮބުވެތި ރައްޔިތުން؛

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅުގަނޑު ހަރުދަނާ ފިޔަޅުތަކެއް އަޅާނަން. ސަރުކާރުގެ އަމާޒަކަށް ވާނީ، ވިޔަފާރިތަކަށް ފަހި ވެށްޓެއް ޤާއިމުކޮށްދިނުން. ހުޅުވާލެވިފައިވާ ވާދަވެރި، ފަސޭހަ ވިޔަފާރީގެ މާޙައުލެއް އުފައްދައިދިނުން.

މާތް ﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެން ދިވެހީންނަށް މިންވަރުކުރައްވާފައި މިވާ ސާފު ދޮންވެލި ގޮނޑުދޮށްތަކާއި، ކަނޑުފަޅާއި ފަރުތަކުގެ ހިތްގައިމުކަމާއި، ދަނޑުފަނގުގެ މުއްސަނދިކަމަކީ، ޤުދުރަތުގެ އަޖައިބެއްކަން ކަށަވަރު. އެތަކެއް ހާސް އަހަރު ވަންދެން އެއް ޖީލުން އަނެއް ޖީލަށް މި އަމާނާތް ވާޞިލުކޮށްދީފައި މި ވަނީ ރައްކާތެރިކަމާއެކު. ތަރައްޤީގެ ނަމުގައި، ރާއްޖޭގެ މި ޤުދުރަތީ ވެށި ސުންނާފަތި ކުރުމަކީ، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށް ވެވޭ ބޮޑުވެގެންވާ ޚިޔާނާތަކަށް މެނުވީ ނުވާނެ. އަޅުގަނޑު މިއަދު އަމާޒު ހިފަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ކަނޑައެޅޭ ރަށްރަށާއި، ފަޅުފަޅާއި، ކަނޑޫފާ ހިމެނޭގޮތުން ތިމާވެށި ޙިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދިޔުމަށް. އިރާދަކުރެއްވިއްޔާ މި ރާއްޖެއަށް އަޅުގަނޑުމެން ގެންނަ ތަރައްޤީ ވެގެންދާނީ ތިމާވެށްޓާ އެއްކީލިކޮށް ގެނެވޭ ތަރައްޤީއަކަށް.

ލޮބުވެތި ރައްޔިތުން؛

މިއަދުގެ މިވަގުތުން ފެށިގެން އަންނަ 100 ދުވަހުގެ މުއްދަތުގެ ތެރޭގައި، އަޅުގަނޑުގެ ސަރުކާރުން ފެށުމަށް ގަސްތުކުރާ މަސައްކަތްތަކަކާއި، އެ މުއްދަތުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިހުރި މަސައްކަތްތަކެއް އެބަހުރި. ފުރަތަމަ 100 ދުވަސް ނިމޭއިރު، ކަރަންޓުގެ އަގު ހެޔޮކުރެވޭނެ. ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވައިލެވޭނެ. ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެ. ފަރުޟު ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖެހިގެންދާނެ. ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވޭނެ. ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލެވޭނެ. ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ދިވެހިރާއްޖެ ވެގެންދާނީ ޖަޒީރާ ޤައުމުތަކުގެ ލީޑަރަކަށް. ގްރީން ޓެކްސްގެ ގޮތުގައި، ނެގޭ ފައިސާ އަޅުގަނޑުމެން ހޭދަކުރާނީ ހަމައެކަނި ތިމާވެށި ޙިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް. ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިންގ ނީޑް އެސެސްމަންޓެއް ހަދައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފެށޭނެ. އިމަރޖެންސީގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޚިދުމަތްދިނުމަށް އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭން ފެށޭނެ. [ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް] އުފައްދައި، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ. ކައުންސިލްތައް ބާރުވެރިކުރުވައި، ވޭތުވެދިޔަ މުއްދަތުގައި ހިފަހައްޓާފައިވާ ބާރުތައް ކައުންސިލްތަކަށް އަލުން ލިބިގެންދާނެ. މިއީ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް އަޅުގަނޑު ވިސްނާފައިހުރި ބައެއް ކަންކަން. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމްގެ ތަފްސީލު މިއަދު އަޅުގަނޑު ހާމަކުރާނަން.

ލޮބުވެތި ރައްޔިތުން؛

މިއަދު އަޅުގަނޑުމެންނަށް ފެންނަން އޮތް ސާފު ޙަޤީޤަތަކީ، ދިވެހިރާއްޖެ ވޭތުވެދިޔަ ފަސް އަހަރު އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެ، އެކަހެރިވެފައިކަން. ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އަޅުގަނޑުމެންގެ އިސް ވާޖިބު. ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް. އިންޑިއާއާއި އަވަށްޓެރި ޤައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރާނަން. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި ރާއްޖެއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއެކު އަޅުގަނޑުމެން ގުޅުން ބަދަހިކުރާނަން.

ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލް ރައްކާތެރިކޮށް، ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި މާޙައުލެއް ހޯދައިދިނުމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އެންމެ އިސް މަސްއޫލިއްޔަތު. މިކަން ކުރުމަށްޓަކައި، ދިވެހި ސިފައިންނާއި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަމާއި، ވަސީލަތްތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރުގައި އެ ދެ މުއައްސަސާއަކީ، ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ޤަދަރުވެރި ދެ މުއައްސަސާ ކަމުގައި ވެގެންދާނެ.

ލޮބުވެތި ރައްޔިތުން؛

ގުޅިފައިވާ ބަދަހި އިއްތިހާދަކާއެކު، މިއަދު އަޅުގަނޑުމެން މި އުފައްދާ ސަރުކާރު އިރާދަކުރެއްވިއްޔާ، ވެގެންދާނީ، ހުރިހާ ދާއިރާއަކުން މި ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނެސްދޭނެ ސަރުކާރަކަށް. ރައްޔިތުންނަށް އިންސާފުވެރި ހެޔޮ ވެރިކަމެއް ކޮށްދޭނެ ސަރުކާރަކަށް. ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާއެކު ހިފެހެއްޓުމަށް އަޅުގަނޑު ކުރަންޖެހި، ނުކޮށް އޮތީ މިވެނި ކަމެކޭ ބުނެވޭނޭ އެއްވެސް ކަމެއް ދޫކޮށެއްނުލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން އެކުގައި ކުރަން މި ފަށާ މަސައްކަތުގައި، މާތް ﷲ ބަރަކާތްލެއްވުން. ރައްޔިތުންނަށް ޚިދުމަތްކުރުންމަތީ ހެޔޮ މަގުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަޅުގަނޑު އެދެނީ، ރާއްޖެއަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ ފެހި، ފަހި، ފާގަތި މާދަމާއެއް މިންވަރު ކުރެއްވުން.

ކޮންމެފަދަ ހޫނެއް ވިޔަސް މެންދުރުގެ އަވިގަދަ ވަގުތުގައި

ކޮންމެ މެންދުރަކަށްފަހުން ފިނިކަން ހަވީރުގެ އަންނަނީ

والسّلام عليــكم ورحـمــة اللّـه وبـركاتـه.

Advertisement

ކޮމެންޓް