ފައްޔާޒް ވަކިކުރަން މަޖިލީހަށް ހުށަހަޅާކަށް ނޫޅެން: ރައީސްނަޝީދު

19 Nov 2020 | 13:43

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގައި މިއަދު ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މަސައްކަތް ކުރިއަށްގެންދަވާނީ މަޖިލީހުގެ ތެރެއިން ނޫން ކަމަށާއި އެ މަސައްކަތް ކުރައްވާނީ އެމްޑީޕީގެ ތެރެއިން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގެ ބަހުސްތައް ހިންގަން ޖެހޭ. އެ ބަހުސްތަކަކީ އެމްޑީޕީގެ އެތެރޭގެ އެކިއެކި ގުނަންތަކުގައި ހިންގާ ބަހުސްތައް. އެއީ ގައުމީ މަޖިލީހުގައި، ހިންގާ ކޮމިޓީގައި ހިންގާ ބަހުސްތައް އަދި އެމްޑީޕީގެ ކޮންގްރެސްގަ އެއެއް އޮތީމަ. ވަކި ވަޒީރަކާއި އަޅުގަނޑުމެން ރުހޭތޯ ނޫންތޯ؟ ކޮބާތޯ ޕާޓީ އަށް އެންމެ ރަނގަޅު ގޮތެއްތޯ؟ އެއީ އަޅުގަނޑު ފާހަގަކުރާން ޖެހޭ ކަމަކީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒް މަގާމުން ވަކިކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން މަސައްކަތްތަކެއް ފެށިތާ ކުޑަ ދުވަސްކޮޅެއްވެއްޖެއެވެ. އެ މައްސަލަ ވައްދަވަން ނޫޅުއްވާކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެއްދުމަށްޓަކައި އެމްޑީޕީގެ 30 މެމްބަރަކު ވަނީ ސޮއި ކުރައްވާފައިވާކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކުރިއެވެ.

ފައްޔާޒްގެ މައްޗަށްކުރެވޭ ނުރަނގަޅު ނުފޫޒުގެ ތުހުމަތުތަކާއި އެބޭފުޅާގެ މައްޗަށް ނެގުމަށް މަސައްކަތްކުރި އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަަލައާ ގުޅޭގޮތުން އެހި ސުވާލަކަށް އިއްޔެ އެބޭފުޅާ ވަނީ ވަރުގަދަ ޖަވާބެއް ދެއްވާފައެވެ. ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ އެމަގާމުގައި އިންނެވުމުން ތުހުމަތުތައް ވަރަށް ބޮޑަށް އަންނާނެ ކަމަށާއި، އެއީ އިގްތިސާދީ ކަންކަމަށްވުމުން މެންޑޭޓް ބޮޑުވާތީ ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ ތުހުމަތުތަކާ ވޯޓު ނަގަން އުޅުމުން ފުރަތަމަ ކަންބޮޑުވެ ދެރަވެސް ވެވަޑައިގެންނެވިކަމަށެވެ. ފައްޔާޒް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ އިންޓެގްރިޓީ ފިޔަވައި މާގިނަ އެއްޗެހިތަކެއް އޮވެގެން ނޫންކަމަށެވެ. ނަމަވެސް މިއަދު ކޮންމެވެސް ސަބަބަކާ ހުރެ އެކަމާ މެދު ސުވާލު އުފައްދާފައިވާކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ

Advertisement

ކޮމެންޓް

Advertisement