03 Dec 2020 | 06:09
ލޮކްޑައުން ޗުއްޓީގައި ދަރިންނަށް ދަސްކޮށްދެވިދާނެ 5 ކަމެއް!

ކުރިޔަށް އޮތީ ކިޔަވާކުދިންގެ ބޮޑު ޗުއްޓީ ދުވަސްވަރެވެ. އެހެން އަހަރުތަކުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ހިތްފަސޭހަ މަންޒިލްތަކަށް ގޮސް ޗުއްޓީ ހޭދަކޮށްލުމަކީ އަހަރެމެން ދިވެހިންގެ ތެރޭގައި މަޤްބޫލުކަމެކެވެ. އެހެނަސް ކޮވިޑް ގެ ސަބަބުން މެދުވެރިވެފައިވާ ޙާލަތާއިހެދި މިއަހަރު މިކަން ކުރުން އެހާ ފަސޭހަކަމަކަށް ނުވާނެކަން ގައިމެވެ. ގޭތެރޭގައި މުނިފޫހި ފިލުވުމާއި ކުޅިވަރުކުޅުން ފަދަ ކަންކަން ވަރަށް ބޮޑަށް ލިމިޓު ވެފައި ވާނޭތީ، މިޗުއްޓީގައި އެކުދިން ހިތްހަމަޖައްސާ ދިނުމަކީ ވަރަށް ޗެލެންޖިންގ ކަމަކަށް ވެގެންދާނެއެވެ.

ނަމަވެސް ޗުއްޓީ އަކީ ހަމައެކަނި ކުޅިވަރުކުޅުމާއި، އޮންލައިން ގޭމް ކުޅުމާއި މަޖާކުރުމުގެ ދުވަސްވަރަކަށް ނަހަދައި، އިތުރު ކަންތައްތަކަކަށްވެސް އެކުދިންގެ ދުވަހުގެ ތާވަލުން ހޯދަން އެބަޖެހެއެވެ. މިކަންކަމަކީ ޢާންމުޙާލަތުގައި އަހަރެމެން ގެ ފުރިހަމަ ސަމާލުކަން ނުދެވި ހުރި، އެހެނަސް އެކުދިންނަށް އެހާމެ ބޭނުންތެރި ކަންތައްތަކެކެވެ. މީގެ ތެރެއިން 5 ކަމަކަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

1. ހުރިހާކަމެއްގެ މައްޗަށް ދީން އިސްކުރުމަށް ދަރިންނަށް ދަސްކޮށްދިނުން: ނަމާދުވަގުތަށް ކުރިޔާލައި ތައްޔާރުވާށެވެ. ދަރިން ގާތުގައިވެސް މަންމަ / ބައްޕަ އާއެކު ނަމާދުގައި ބައިވެރިވުމަށް ބުނާށެވެ. ޤުރްއާން ކިޔެވުމުގަޔާއި ދީނީ އެކިއެކި ފޮތްތައް ކިޔުން ނުވަތަ ރަސޫލުﷲ ﷺ ގެ ސިޔަރަތު ފަދަ ވީޑިއޯއެއް ބެލުމުގައި ދަރިންނާއެކު ކޮންމެ ދުވަހަކުވެސް ވަކި ވަގުތުކޮޅެއް ހޭދަކުރާށެވެ. މިވަގުތުކޮޅަކީ ދަރިންނާއި މައިންބަފައިންނާއިމެދު ހިއްސާކުރެވޭ ޚާއްޞަ ވަގުތުކޮޅަކަށް ހަދާށެވެ. އެކުދިން މަންމަ / ބައްޕަ އާއެކު ނަމާދުކުރާތީ އުފާވާވާހަކަ ބުނާށެވެ. ނަމާދުކުރާ މީހުންނަށް ސުވަރުގޭގައި ކަނޑައަޅުއްވާފައިވާ ނިޢުމަތްތަކުގެ ވާހަކަ ކިޔާދޭށެވެ. ދުޢާ އަކީ ކޮބާކަމާއި، ދުޢާ ކުރާނެ ގޮތް އެކުދިންނަށް ކިޔާދޭށެވެ. އަދި މަންމަވެސް / ބައްޕަވެސް ދަރިފުޅަށްޓަކައި ދުޢާ ކޮށްދޭކަމަށް ބުނާށެވެ. އަދި މައިންބަފައިންނަށްޓަކައި ދުޢާކޮށްދިނުމަށް އެކުދިން ގާތުން އެދޭށެވެ.

2. އާޢިލާގެ މެންބަރުން، އަދި އެކުދިންގެ ރަޙުމަތްތެރިންނާއި ގުޅުން ބަދަހިކުރަން ދަސްކޮށްދިނުން: މިހާރަކަށްއައިސް ފެންނަ މަންޒަރަކީ އެއް މޭޒެއް ދޮށުގައި ތިބޭ އެއް ޢާއިލާވެސް ފޯނާއި، ޓެބްލެޓާއި ވީޑިއޯ ގޭމްތަކަށް ގޮސްހުސްވެފައިވާ މަންޒަރެވެ. އެކަކު އަނެކަކު ޖެހިޖެހިގެން ތިބޭއިރުވެސް އެކަކު އަނެކަކާއި އަޅާވެސް ނުލާ ތިބޭތިބުމެވެ. އެކަމަކު އޭގެ ބަދަލުގައި ދަރިންނަށް ކޮލެޓީ ވަގުތުދޭށެވެ. އެކުދިންނާއި ވާހަކަދައްކާށެވެ. އެކުދިންގެ ކަންކަމާއިގުޅޭގޮތުން އަހައި އޮޅުންފިލުވާށެވެ. ހަމައެގޮތަށް ތިބާގެ ވާހަކަތައްވެސް އެކުދިންގެ ޢުމުރާއި ގުޅޭގޮތުން ޙިއްސާކުރާށެވެ. ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދިނުމަށް އެދޭށެވެ. އެކީގައި ގޭމްކުޅެ، އެކީގައި މަޖާ ކުރަން އިސްކަންދޭށެވެ. އޭރުން އެކުދިންގެ ހިތުގައި ތިބާއާއެކު ހޭދަކުރެވިފައިވާ އުފާވެރި ހަނދާންތަކެއް ރައްކާކުރެވިގެންދާނެއެވެ. އަދި އޭގެ ހެޔޮ އަސަރު، ގިނަ އަހަރުތަކަކަށް ދެމިގެންދާނެއެވެ. މީގެ އިތުރުން މިކަމުގައި މިޒަމާނުގެ ޓެކްނޮލޮޖީއާއި މުވާޞަލާތީ ވަޞީލަތްތައްވެސް ބޭނުންކުރެވޭނެއެވެ. ދަރިންގެ މާމަމެން އަދި ކާފަމެންނާއި ގުޅައިގެން ވާހަކަދައްކާށެވެ. އެ ވާހަކަތަކުގައި ދަރިންވެސް ބައިވެރިކުރާށެވެ. ދަރިފުޅުގެ އެކުވެރިންނާއި ވީޑީއޯކޯލްގެ ޒަރީޢާއިން ގުޅައި ޙާލުބަލައި ހެދުމަށް ބުނާށެވެ. އަދި އިސްލާމްދީނުގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށާއި، އެކުވެރިންގެ ޙާލުބަލައި އުޅުމަށް ދެވިފައިވާ އަހައްމިއްޔަތުކަން ދަރިންނަށް ކިޔައިދޭށެވެ.

3. އަމިއްލައަށް ކަންކަން ކުރުމަށާއި އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދިނުން: ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި ދަރިންގެ އެހީތެރިކަން ބޭނުންވާކަމަށްބުނާށެވެ. އެކުދިންނަށް ކަންކަން ކުރަން ކިޔާދޭށެވެ. ގަދަކަމުން ކުރުވުމުގެ ބަދަލުގައި އެކުދިން ކުރާހިތްވާނެގޮތަކަށް ކަންކަން ރާވާލާށެވެ. މިސާލަކަށް އިސްތިރިކުރުން، ތަފާތު އެއްޗެއް ކެއްކުން، ގޭގައި ހަލާކުވެފައިވާ އިލެކްޓްރޯނިކް އެއް މަރާމާތުކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ. ނުބައިކޮށް ކުރެވުނަސް، އެކުދިންނަށް ދެވަނަ އަދި ތިންވަނަ އަދި ހަތަރުވަނަ ފުރުޞަތެއްވެސް ދޭށެވެ. އަދި އިތުރަށް ކިޔާދޭށެވެ. މީގެ ސަބަބުން ދަރިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްވެ، އެކަންކަން ކުރަން ކެރޭނެއެވެ. އަދި މައިންބަފައިން ދަރިންނަށް ކުރާ އިތުބާރުފެނި، އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްވެ، މައިންބަފައިންނާއިމެދު ވަރުގަދަ ރަޙްމަތްތެރިކަމެއް އުފެދިގެންދާނެއެވެ. މިއީ ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި އަހަރެމެން ކޮންމެހެންވެސް ކުރަންވެއްޖެކަމެކެވެ.

4. ދަރިންނަށް ވަގުތު މެނޭޖްކުރަން ދަސްކޮށްދިނުން: މިކަމަށްޓަކައި ދަރިންނާއެކު އެއް މޭޒުދޮށުގައި އިނދެ އެކުދިންގެ ދުވަހުގެ ތާވަލެއް ހެދުމަށް އެހީތެރިވެދޭށެވެ. އެގޮތުން އެކުދިން ގެ ތާވަލުގައި ހިމެނޭކަންކަން ވަކި ގޮތަކަށް ރާވާލާށެވެ. މިކަމުގައި އެންމެ އިސްކަމެއް ދޭންވީ ކުދިންނަށް ނަމާދުތަކުގެ މުހިންމުކަން ވިސްނައިދީ، ހުރިހާކަމެއްވެސް ނަމާދުތަކަށް ވަގުތު ދެވޭގޮތަށް ރާވާލުމަށެވެ. އަދި ހަމައެހެންމެ ޤުރްއާން ކިޔެވުމަށާއި، ގޭމް ކުޅުމާއި އެހެނިހެން ކުޅިވަރުތައް ކުޅޭގަޑިއާއި، ގޭތެރޭގެ ކަންކަން ކުރާނެ ގަޑިތަކާއި ކިޔެވުމަށް ހޭދަކުރާނެ ވަގުތުތައް އެނގޭނޭހެން ތާވަލެއް ހެދުމަށްފަހު، ޗެކްލިސްޓެއް ހެދިދާނެއެވެ. މި ޗެކްލިސްޓުގެ ސަބަބުން ކުދިންނަށް ކަންކަން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. އަދި ކޮންމެ ދުވަހަކު މިގޮތަށް ޢަމަލުކުރަން ފަށައިފިނަމަ، އިސާހިތަކު އެކުދިންނަށް އެކަންތައްތައް ކުރުން އާދަވެދާނެއެވެ.

5. ކިޔެވުމާއި އުނގެނުމުގައި ބޭނުންކުރާ ތަފާތު އުކުޅުތައް ބޭނުންކުރަން ދަސްކޮށްދިނުން: ކިޔެވުމާއި އުނގެނުމަކީ ހަމައެކަނި ފޮތަކާއި ގަލަމަކުން ކުރެވޭކަމެއް ނޫނެވެ. އިންޓަނެޓްގެ ޒަރީޢާއިން އަހަރެމެންނަށް މިކަން އެތައް ގޮތަކުން ޙާޞިލް ކުރެވިދާނެއެވެ. ތަފާތު ޑޮކިއުމެންޓްރީތައް ބަލައިގެންވެސް އެތައް ބައިވަރު މަޢުލޫމާތު އެއްކުރެވިދާނެއެވެ. މީގެ އިތުރުން އަމިއްލައަށް އެކަންކަން ކުރަން މަސައްކަތް ކޮށްގެންވެސް ކަންކަން ދަސްކުރެވިދާނެއެވެ. މިސާލަކަށް ހެދުން ފެހުން، ކެލިގްރަފީ، ކެއްކުން، މާޖެހުން، ކުރެހުން، ކުލަޖެއްސުން، ރިސައިކަލް ކޮށްގެން ތަފާތު ބޭނުންތެރި އެއްޗެހި ހެދުން ފަދަ ކަންކަމަކީ ގޭގެ ސިޓިންގ ރޫމްގައި ތިބެގެން ފޯނުން ޔޫޓިއުބް ވީޑިއޯއެއް ބަލާލައިގެންވެސް ދަސްކުރެވިދާނެފަދަ މަޖާ، އަދި ބޭނުންތެރި ހުނަރުތަކެވެ. މީގެ ސަބަބުން ދަރިފުޅުގެ ޝައުގުވެރިކަން ހުންނަ ކަންކަން ވަކިން ފާހަގަކޮށް، އެ ރޮނގުތަކުން ކުއްޖާ އިތުރަށް ކުރިއަރުވައި، މުސްތަގުބަލާއިމެދު ދަރިން ދެކޭ ހުވަފެންތައް ދެނެގަތުމަށް މައިންބަފައިންނަށް މަގުފަހިވެގެންދާނެއެވެ.

ދަރިންނަކީ އަހަރެމެންނާއި ﷲ ޙަވާލުކުރައްވަވާފައިވާ އަގުބޮޑު އަމާނާތްތަކަކަށްވީހިނދު، އެދަރީންގެ ތަރުބިއްޔަތާއިމެދު އަހަރެމެންނާއި ސުވާލުކުރައްވާނެ ދުވަހެއް އެބައޮތްކަން އަހަރެމެން އަބަދުމެ ހަނދާނުގައި ބަހައްޓަން އެބަޖެހެއެވެ. ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގައި އަހަރެމެންގެ ވަކިވަކި ޢާއިލާތަކަކީ ކުދިކުދި ގާކޮޅުތަކެއް ފަދައެވެ. އަހަރެމެންގެ ޢާއިލާތައް ރަނގަޅުގޮތުގައި ބަލަހައްޓައި، އަހަރެމެންގެ ދަރިން ހެޔޮގޮތުގައި ބޮޑެތިކުރެވިއްޖެނަމަ، އިންޝާ ﷲ، އަހަރެމެންގެ މުޖުތަމަޢުވެސް އިޞްލާޙުވެގެންދިޔުމަށް ވަރަށް ބޮޑު ބާރަކަށްވެގެންދާނެއެވެ. އަދި މިކަމަށްޓަކައި ކޮންމެ ޢާއިލާއަކުންވެސް އެ ޢާއިލާއަކަށްޓަކައި ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެ އަމާޒަށް ވާޞިލުވުމަށްޓަކައި އެ ޢާއިލާއެއްގެ ހުރިހާ މެންބަރުން އެކުއެކީގައި މަސައްކަތް ކުރަން ޖެހެއެވެ. މާތް ﷲ އަހަރެމެންނަށް ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު މިންވަރުކުރައްވާށިއެވެ. އާމީން. 


ފޮޓޯ ކްރެޑިޓް: ޕިންޓަރެސްޓް

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ