23 Dec 2020 | 14:02
ތިން ދަރިންގެ ސަބަބުން އަހަރެންގެ ޙަޔާތް ބަދަލުވިގޮތް

އަހަރެންގެ ވާހަކަ މި ކިޔައިދެނީ، މިއިން ތިބާ އަށް ހެޔޮ އަސަރުތަކެއް ކޮށްފާނެކަމަށް އުންމީދު ކުރަމުންނެވެ. އަހަންނަކީ ޢުމުރުން 25 އަހަރުގެ ފިރިހެނަކީމެވެ. އެހެން ޒުވާނުންނެކޭ އެއްފަދައިން، އަހަރެންވެސް ޒުވާން ޢުމުރުގައި ޒަވާޖީ ޙަޔާތެއް ފެށުމުގެ ފޮނި އުންމީދުތައް ކުރީމެވެ. އަހަރެން ބޭނުންވީ ރައްޓެހިވެގެން އުޅުމުގެ ބަދަލުގައި ކައިވެނީގެ ޙަލާލު ގުޅުމުން ގުޅޭށެވެ. އެކަމަށްޓަކައި އަބަދުމެ ދުޢާ ކުރީމެވެ.

ﷲ އަހަރެންގެ ދުޢާ އިޖާބަކުރެއްވިއެވެ. އަހަރެން ކައިވެނިކުރީ ޞާލިޙު، ތަޤްވާވެރި އަންހެންކުއްޖަކާއެވެ. އެއީ މުއްސަނދި ޢާއިލާއަކަށް ނިސްބަތް ވާ ކުއްޖެކެވެ. އެހެނަސް، އަހަރެންގެ މާލީ ޙާލަތު ހުރި ގޮތުން އަހަންނަކީ ކިރިޔާ ފުދިގެން އުޅެވޭވަރުގެ މީހަކަށްވުމުން، އަހަރެމެންގެ ކައިވެނި ކުރެވުނީ ވަރަށް ސާދާކޮށެވެ. އެކަމާ އެ އަންހެން ކުއްޖާގެ ޢާއިލާއިން އަހަރެން ބަލައި ނުގަނެ، އަހަރެމެން ބާކީކޮށްލިއެވެ.

ކައިވެންޏަށްފަހު އަހަރެމެން ދިރިއުޅެމުންދިޔައީ އަހަރެންގެ މައިންބަފައިންނާއެކު، އެގޭގެ ކޮޓަރިއެއްގައެވެ. އަހަންނަށް އެއްކުރެވުނު މަދު ލާރިކޮޅުން އެ ކޮޓަރި ކޮންމެވެސް ވަރަކަށް މަރާމާތުކުރަންޖެހުމުން، އަހަންނަށް އެނދެއް ގަންނާނޭ ރުފިޔާއެއް ނުލިބުނެވެ. އެހެންކަމުން އަހަންނާއި އަނބިމީހާ ނިދަންޖެހުނީ ތަޅުންގަނޑުގައި ގޮދަޑިއެއް އަޅައިގެންނެވެ. ކައިވެންޏަށް 3 މަސްދުވަސްވީއިރު އަހަރެމެންގެ ޙަޔާތަށް ކުޑަކުޑަ މެހެމާނެއް އަންނަން އުޅޭކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. ތަޅުންގަނޑުގައި ގޮދަޑި އަޅައިގެން ނިދަންޖެހޭތީ އަހަރެންގެ ބުރަކަށީގައި ނުރިއްސާ ދުވަހެއް ނުދެއެވެ. ދެން އަހަރެންގެ މާބަނޑު އަނބިމީހާއަށް ވާނެވަރު ވިސްނާލާށެވެ.

ނަމަވެސް ނުވަ މަސްދުވަސް ފާއިތުވެދިޔައިރުވެސް، އަނބިމީހާގެ ދުލުން ޝަކުވާގެ ކުޑަ މިންވަރެއްވެސް ބުނެނުލައެވެ. އޭނާގެ ކެތްތެރިކަމާއިމެދު އަހަރެން ޙައިރާންވިއެވެ. ނަމަވެސް ކުރަން ޖެހިފައިވާ ޚަރަދުތައް ދެގުނަވުމުން އަހަންނަށް އޭރުވެސް ގޮދަޑިއެއް ގަންނާނެހާ ލާރި އިތުރު ނުކުރެވޭތީ، އެކަން ކުރެވޭނެ ގޮތެއް ނުވިއެވެ. މަންމަމެން އަތުން ހޯދަންވެސް ފަސްޖެހެވުނީ އެކަމަށް އަހަރެން ލަދުވެތިވުމުންނެވެ. އަނބިމީހާ ވިހަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަހަރެން ބުނި ޖުމްލަ އަދިވެސް ހަނދާން އެބަ ހުއްޓެވެ. "އިންޝާ ﷲ. އަހަރެމެންގެ މި ދަރިފުޅު އަންނާނީ މިދަރިފުޅުގެ ރިޒްޤާއިއެކުއެވެ."

އަލްޙަމްދުލިﷲ. ކަންތައްތައް ވެގެން ދިޔައީވެސް އެހެންނެވެ. ފުރަތަމަ ދަރިފުޅު ރުމައިސާ އައުމާއެކުހެން އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަމުގެ މޫސުމެއް އައި ފަދައެވެ. އަހަރެންގެ ކުޑަކުޑަ ވިޔަފާރިން ރަނގަޅު މަންފާއެއް ލިބެންފެށިއެވެ. ދުވަސްކޮޅެއްނުވެ، އެނދެއްވެސް ގަނެފީމެވެ. އަދި އަހަރެމެންގެ ކުޑަކުޑަ ޢާއިލާ ދިރިއުޅޭނެ ތަނެއް ހޯދައި، އެތަނަށް ބަދަލުވީމެވެ.

ރުމައިސާއަށް އެއް އަހަރު ފުރުނުތަނާހެން އަހަރެމެންގެ ދެވަނަދަރިފުޅު ޙަފްޞާ އުފަންވިއެވެ. އަހަރެން އިތުރު ވިޔަފާރިއެއް ފެށީ ޙަފްޞާ އުފަންވުމުގެ މަސްތަކެއް ކުރިންނެވެ. އަދި އެ ވިޔަފާރިންވެސް އަހަންނަށް ބޮޑު އާމްދަނީއެއް ލިބެމުންދިޔައެވެ. ތިންވަނަ ދަރިފުޅު އިބްރާހީމް އުފަންވީ ޙަފްޞާއަށް ދެއަހަރު ފުރެން އުޅެނިކޮށެވެ. އެ ދަރިފުޅުވެސް އައީ އެ ދަރިފުޅުގެ ރިޒްޤާއިއެކުއެވެ. އަހަރެންގެ ތިންވަނަ ވިޔަފާރި ފަށައިގަނެވުނީ އިބްރާހީމް ވިހެއިތާ ގިނަދުވަހެއް ނުވެއެވެ. އަލްޙަމްދުލިﷲ.

މި ކިޔާދިނީ އަހަރެންގެ ވާހަކައެވެ. ދެން މި ވާހަކައިން ތިބާ ވިސްނާލަން ޖެހޭ 4 ކަމެއް ބުނެދޭނަމެވެ. ފުރަތަމަ ކަމަކަށް އަހަރެމެންނަށް ރިޒްޤުދެއްވަނީ ﷲ ކަން އަހަރެމެން ހަނދާން ނައްތާލަމުއެވެ. އަދި އެއިލާހަކީ އިމެއް، ޙައްދެއްނެތި ރިޒްޤު ބައްސަވާ އިލާހުކަންވެސް އަހަރެމެން ގިނަފަހަރު ހަނދާނެއް ނުހުރެއެވެ. އަހަރެމެންނަށް އެއްޗަކަށް ނުވަތަ ކަމަކަށް ބޭނުންވާހިނދު ހަމައެކަނި ކުރަންޖެހޭ ކަމަކީ ﷲ އަށް އިޚްލާޞްތެރިކަމާއެކު ދަންނަވައި، އެކަމަށްޓަކައި މަސައްކަތްކުރުންކަންވެސް އަހަރެމެން ނުދަންނަމެވެ.

ދެވަނަ ކަމަކަށް، ދަރިންނަކީ ކިހާ ބޮޑު ނިޢުމަތެއްކަން އަހަރެމެން ހަނދާނުން ފޮހެލަނީ ކިހާ އަވަހަށް ހެއްޔެވެ؟ ހަނދާން ކުރައްޗެވެ. ރިޒްޤަކީ ﷲ ތަޢާލާ ދެއްވާއެއްޗެކެވެ. އަދި ކޮންމެ އިންސާނަކަށްވެސް ކަނޑައެޅިފައިވާ ރިޒްޤެއް ދެއްވައެވެ. އެހެންކަމުން ތިބާ އާއި އަހަރެން އަތުގައި ކިރިޔާ ފުދޭވަރަށް ފައިސާ ހުއްޓަސް، ލިބޭ ދަރިފުޅުގެ ސަބަބުން އިންޝާ ﷲ، ތިބާއަށް އިތުރުވެގެންދާނެއެވެ.

ތިންވަނަ ކަމަކަށް، ތިބާ ކައިވެނި ކުރަނީ ޞާލިޙު، ހެޔޮލަފާ، ދީންވެރި ބައިވެރިޔަކާތޯ ޔަޤީންކުރާށެވެ. ރީތިކަމާއި މުއްސަނދިކަމަކީ މުހިންމު ކަމަކަށް ވިޔަސް، އެއީ ވަގުތާއި އެކު ފަނޑުވެގެން ދާނެ ކަންކަމެވެ. ނަމަވެސް ބައިވެރިޔާގެ ރިވެތި އަޚްލާޤާއި، ކެތްތެރިކަމާއި ޝުކުރުވެރިކަމާއި އިޙްސާންތެރިކަމަކީ އަބަދަށް އޭގެ ހެޔޮ އަސަރު ތިބާއަށް ކުރަމުންދާނޭ ކަންކަމެވެ. ތިބާއަށް އެއިން ހިތްހަމަޖެހުން އިޙުސާސްކޮށްދޭނޭ ކަންކަމެވެ. ތިބާއަށް ވުރެން ﷲ އާއި ރަސޫލާ ﷺ ދެކެ ލޯބިވާ ބައިވެރިއެއްނަމަ، އެމީހަކު ތިބާގެ ޙައްޤުތައް ފުރިހަމަޔަށް އަދާކުރަން މަސައްކަތް ކުރާނެއެވެ. އެފަދަ ތަޤްވާވެރިއެއްނަމަ، ތިބާއަށް އަނިޔާވެރިއެއް ނުވާނެއެވެ. ތިބާގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށް ތިބާއަށް ބާރުއަޅާދޭނެއެވެ.

އެންމެ ފަހު ކަމަކަށް، އަބަދުވެސް މި އާޔަތުގެ މަތިން ހަނދާން ކުރައްޗެވެ.

"... އަދި ﷲ އަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

އައް ޠަލާޤް: 2-3

ﷲ އަށް ތަޤްވާވެރިވާށެވެ. ކޮންމެކަމެއްގައި ﷲ ގެ ޢަމުރުފުޅުތަކަށް ކިޔަމަންވާން ގަދައަޅައި ހިތްވަރުކުރާށެވެ. ތިބާގެ ނިޔަތް އިޞްލާޙު ކޮށް، ކަންކަމުގައި އިޚްލާޞްތެރިވާށެވެ. ﷲ އަށް ފުރިހަމައަށް ބަރޯސާވެ، އިތުބާރުކުރާށެވެ. ﷲ ތިބާއަށް ކަންކަން ފަހިކޮށްދެއްވާނެއެވެ. އެކަލާނގެ ތިބާ ރައްކާތެރިކުރައްވައި، ތިބާގެ ކަންކަން ތިބާ އަށް ފަސޭހަކޮށްދެއްވާނެއެވެ. ތިބާ އާއި އަހަންނަށް ﷲ ފުދެއެވެ.

ފޮޓޯ ކްރެޑިޓް: ޕިންޓަރެސްޓް / ވާހަކަ ނަގާފައިވަނީ އިންސްޓަގްރާމް ފީޑަކުން އަދި ޤުރްއާން ގެ އާޔަތުގެ މާނަ ނަގާފައިވަނީ "ތަރުޖަމާ" އެޕުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.