ސްރީލަންކާގައި ކޮވިޑްގައި މަރުވާ މީހުން އެންދުން ނޫންގޮތެއް ނެތް- ސަރުކާރު

08 Jan 2021 | 19:17

ސްރީލަންކާގައި ކޮވިޑް ބަލީގައި މަރުވާ މީހުން އެންދުން ނޫންގޮތެއް ނެތްކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ. ޗެނަލް ނިއުސްއޭޝިއާއިން މިއަދު ރިޕޯޓްކޮށްފައިވާގޮތުގައި ސްރީލަންކާގެ މިހާރުގެ ސަރުކާރުގެ ނުފޫޒުގަދަ ބުޑިސްޓް ހާމުދުރުން ގަބޫލުކުރާގޮތުގައި ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލައިފިނަމަ ފެނުގެތެރެއިން ކޮރޯނާވައިރަސް ފެތުރިގެންދާނެއެވެ. ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ޑަބްލިޔުއެޗްއޯއިން ބުނެފައިވާގޮތުގައި މީހުންގެ ހަށިގަނޑު ވަޅުލުމަކުން އަދި އެންދުމަކުން އެހެންމީހުންނަށް ބަލިފެތުރުމުގެ ބިރެއް ނެތެވެ. އެހެންނަމަވެސް ސްރީލަންކާ ސަރުކާރުން ޑަބްލިޔުއެޗްއޯގެ ވާހަކަ ގަބޫލުކުރަން ދެކޮޅު ހަދައެވެ. " ސަރުކާރުގެ ނިންމުން އިޖްތިމާއީ، ދީނީ ، ނުވަތަ ސިޔާސީ، ނުވަތަ އަމިއްލަ ސަބަބުތަކަކަށްޓަކައި ބަދަލެއްނުކުރާނެ" ސްރީލަންކާގެ ހެލްތު މިނިސްޓަރ ޕަވިތްރަ ވަންނިއަރައްޗި ވިދާޅިވިއެވެ.

ސްރީލަންކާ ސަރުކާރުގެ ނިންމުން ހުރިގޮތް މިހާމަކުރީ ސަރުކާރުން އެކުލަވައިލި އެކްސްޕާޓުންގެ ކޮމެޓީއަކުން ދިރާސާކުރުމަށްފަހު އެންމެ ރައްކާތެރިގޮތަކީ ބުޑިސްޓު ދީނުގައި ކަންކުރާގޮތަށް މަރުވާ މީހާގެ ހަށިގަނޑު އެންދުންކަމަށް ފެންނަކަމަށް ބުނުމަށްފަހު އެހެންނަމަވެސް ހަރުކަށި އުސޫލުތަކެއްގެ ދަށުން ކޮވިޑްގައި މަރުވާ މީހުންގެ ހަށިގަނޑު ވަޅުލުމަށް ހުއްދަކުރެވިދާނެކަން ހާމަކޮށްފައިވަނިކޮށެވެ.

ސްރީލަންކާގައި ކޮވިޑްބަލީގައި މަރުވާ މީހުންގެ ހަށިގަނޑު އެންދުމުގެ މައްސަލާގައި އެގައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން ދަނީ އެންދުމާއި ދެކޮޅު ހަދަމުންނެވެ. މިމައްސަލާގައި ސްރީލަންކާ ސަރުކާރުން ގަބޫލުކުރަނީ ދުނިޔޭގެ ސައިންޓިސްޓުން ބުނާއެއްޗަކަށްވުރެ އެގައުމުގެ ދީނީ ބުޑިސްޓް ހާމުދުރުންގެ ޚިޔާލެވެ. އެންމެފަހުން ސްރީލަންކާގެ ރައީސްވަނީ އެގައުމުގައި މަރުވާ ކޮވިޑްބަލީގެ މުސްލިމުން ވަޅުލައިދޭ ގަބުރުސްތާނަކަށް ދިވެހި ރާއްޖެ ހަދައިދޭން ދިވެހި ރާއްޖޭގެ ރައީސަށް ސިޓީއެއް ފޮނުއްވާފައެވެ. މިކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތާއީދުކުރައްވާފައެވެ. ޚާރިޖީވަޒީރު ޝާހިދު ވިދާޅުވެފައިވަނީ އެފަދަ އިންތިޒާމެއް ހަމަޖެއްސުމާއިމެދު ސަރުކާރުން ވިސްނަވަމުންގެންދަވާކަމަށެވެ. މިކަމާއި ދިވެހި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޮޅުކަން ފާޅުކުރިނަމަވެސް އަދި މީޑިއާގައި ސަރުކާރަށް ފާޑުކިއުން އަމާޒުވެފައިވީނަމަވެސް އެކަންނުކުރާނެކަމަކަށް މިހާތަނަކަށް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.

Advertisement

ކޮމެންޓް

Advertisement