އެމެރިކާގެ ތާރީޚްގައި ދެފަހަރަށް އިމްޕީޗްކުރެވުނު ފުރަތަމަ ރައީސަކަށް ޓްރަމްޕް!

14 Jan 2021 | 08:35

އެމެރިކާގެ ރައީސްކަމުގެ ޑޮނަލްޑް ޓްރަމްޕް، އެމަގާމުން އިމްޕީޗްކުރުމަށް ނުވަތަ އަޒުލުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކޮށްފިއެވެ.

މިއަދު އޮތް ހައުސްގެ ޖަލްސާގައި ނެގިގެންދިޔަ ވޯޓެއްގައި އޭނާ މަގާމުން އަޒުލުކުރުމަށް ފާސްވީ 232 ވޯޓުންނެވެ. އެކަމާއި ދެކޮޅަށް 197 މެންބަރުން ވޯޓުދެއްވިއެވެ. ޓްރަމްޕް މަގާމުން ދުރުކުރުމަށް ވޯޓު ނެގިފައިވަނީ މިމަހުގެ 6ވަނަ ދުވަހު ކޮންގްރެސްގެ އިމާރާތަށް ދެވުނު ހަމަލާއަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ އެމެރިކާގެ ތާރީޚްގައިވެސް އެގައުމުގެ ރައީސަކު އިމްޕީޗްކުރުމަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ދެ ފަހަރަށް ވޯޓުދިން ފުރަތަމަ ފަހަރެވެ. މީގެކުރިންވެސް 2019ވަނަ އަހަރުގައި ވަނީ އޭނާ އިމްޕީޗްކުރަން ވޯޓުދީފައެވެ.

ނަމަވެސް އެފަހަރު އެގައުމުގެ ސެނެޓުން ވަނީ ރައީސް ޓްރަމްޕް އަޒުލުކުރަން ނުޖެހޭކަމަށް ނިންމާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރުގެ މައްސަލައިގައި ޓްރަމްޕްގެ ރިޔާސީ ދައުރު މިމަހުގެ 20ވަނަ ދުވަހު ހަމަވުމުގެ ކުރިން، އޭނާ މަގާމުން އަޒުލެއް ނުކުރެވޭނެއެވެ. އެއީ، އެ ދުވަހާއި ހަމައަށް މި މައްސަލައިގެ ސެނެޓްގެ އަޑުއެހުންތައް ނުނިންމެނޭނެތީއެވެ. ނަމަވެސް ޓްރަމްޕްގެ މައްޗަށް މި މައްސަލަ ސެނެޓްގައި ސާބިތުވެއްޖެނަމަ 2024ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާއަށް ވާދަނުކުރެވޭނެއެވެ.

Advertisement

ކޮމެންޓް

Advertisement