ADS BY STATE TRADING ORGANISATION PLC LTD

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި

- 1 month ago 0 - އައިޝަތު އަހުމަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 (ޤާނޫނު ނަންބަރު 3/2020) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ADS BY PRESS HOUSE

މި ބިލަކީ 2021 ޖަނަވަރީ 19 ވީ އަންގާރަ ދުވަހު، ދައުރުން ބޭރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޚާއްޞަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ 7 ވަނަ މާއްދާ ވަނީ އިޞްލާޙުކޮށްފައެވެ. މި ގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޙުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ފަށަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިނދަކު، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތަކާއި އުޞޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

އިންތިޚާބުގެ ކަންކަން އަލުން ފެށުމާއި، އިންތިޚާބާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުޞޫލުތައް ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. 2020 ވަނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގެ ދަށުން ފަސްކޮށްފައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޯވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާ ގުޅިގެންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި، މިއަދުން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.

0%

0%

0%

ADS BY COCA COLA
0 ކޮމެންޓް

ހަބަރު