އެލްއެފް ފުޓްސަލް ކަޕް 2021ގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުނެގުން ބާއްވައިފި

31 Jan 2021 | 05:49

މިފަހުގެ ތާރީޚެއްގައި ހުޅުމާލޭގެ އަމިއްލަ ޖަމްއިއްޔާއަކުން ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތްކަމަށްވާ "އެލްއެފް ފުޓްސަލް ކަޕް 2021"ގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުނެގުން ބާއްވައިފިއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުން ބާއްވަނީ ރޭގައެވެ. އެގޮތުން މި ގުރުއަތުނެގުމުގައި ޓީމްތައް ވަނީ 8 ގްރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ ހަތަރު ޓީމެވެ.

ހުޅުމާލޭގެ ރެހެންދި ސްކޫލް ކައިރީގައިވާ ދެ ނަންބަރު ޓާފް ދަނޑުގައި ބާއްވާ މި މުބާރާތް ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ އަންނަ ފެބްރުއަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން 11ވަނަ ދުވަހުގެ ނިޔަލަށެވެ.

"ވޮއިސް"އަށް މައުލޫމާތުދެއްވަމުން އެމްވީ ޔޫތު އަދި ހުޅުމާލޭ ޔޫތު މޫވްމެންޓް (އެޗްވައިއެމް)އިން ގުޅިގެން އިންތިޒާމްކުރާ މި މުބާރާތުގެ ހިންގާ ކޮމެޓީގެ އިސްވެރިޔާ ހަސަން ޝަހީދު ވިދާޅުވީ ޖުމްލަ 32 ޓީމް ބައިވެރިވާ މި މުބާރާތް އޮންނާނީ އެކި ސްޓޭޖްތަކަށް ކަމަށެވެ. އެގޮތުން ގްރޫޕް ސްޓޭޖް، ގަދަ 16، ކުއާޓަރ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް އޮންނާނެކަމަށް ޝަހީދު ވިދާޅުވިއެވެ. ސެމީ ފައިނަލް ހިސާބަށް މެޗްތައް އިންތިޒާމްކުރެވޭނީ ގުރުއަތުލައިގެންނެވެ.

މިއީ ހުޅުމާލޭގެ ޖަމްއިއްޔާއަކުން އިންތިޒާމްކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު މުބާރާތްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެލްއެފް ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާވެސް ދޭން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ "ވޮއިސް" އެވެ.

Advertisement

ކޮމެންޓް