Advertisement

އެމްޑީޕީގެ އިންތިގާލީ އަދާލަތު ގާއިމުކުރާ ފަޑިޔާރުގެ ކުރިމައްޗަށް ރައީސް އިބްރާހިމް ނާސިރު!!

20 Feb 2021 | 06:01

ރާއްޖޭގައި އިންތިގާލީ އަދާލަތު ގާއިމުކުރުމުގެ ނަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ތަސްދީގު ކުރެއްވި އެމްޑީޕީގެ އިންތިގާލީ އަދާލަތު ގާއިމުކުރުމުގެ ގާނޫނުން ކުރަން އުޅޭ ކަމަކާއިމެދު ބަލައިލަން ޖެހިއްޖެއެވެ. ދިވެހި ރާއްޖޭގެ ވެރިކަންކުރި ހުރިހައި ރައީސުންގެ މައްޗަށް ޝަރީއަތް ހިންގަން ޑިޒައިންކޮށްގެން މިފާސްކުރި ގާނޫނާއިމެދު ރާއްޖޭގެ މެއިންސްޓްރީމް އެއްވެސް މީޑިއާއަކުން މިހާތަނަށް ރައްޔިތުންނަށް މިވާން އުޅޭ އެއްޗެއް އަންގާދީފައެއް ނުވެއެވެ. އެކަމަކު މިއީ އާދައިގެ ގާނޫނެއް ނޫނެވެ.

މިގާނޫން ބޭނުންކޮށްގެން ޝަރީއަތް ހިންގަން އުޅެނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީންދީދީއާއި ރާއްޖޭގެ މިނިވަންކަމުގެ ބާނީ ރައީސް އިބްރާހިމް ނާސިރާއި އޭގެފަހުން މިގައުމުގައި ވެރިކަންކުރި ރައީސުންގެ މައްޗަށެވެ. އެހެންނަމަވެސް މިގާނޫނުން އެމްޑީޕީގެ ސަރުކާރުގައި ރައީސްކަން ކުރި މުހައްމަދު ނަޝީދާއި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިސްތިސްނާ ވާނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. މިގާނޫންގެ ދަށުން އުފައްދަންޖެހޭ އޮމްބޮޑްސްމަންގެ ގޮތުގައި އެމްޑީޕީގެ ނޫކަށިފުރައިގެ އެކްޓިވިސްޓަކު ކަނޑައެޅީ އެހެންވެގެންނެވެ.

މިގާނޫނަކީ މިހާތަނަށް ދިވެހި ޜާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންމެ ހުތުރު އެންމެ ލަދުވެތި އަދި ދެކޮޅު ނުޖެހޭ ގާނޫނެވެ. މިއީ ބަދަލު ހިފުމާއި ނަފްރަތުން ފުރިފައިވާ ގާނޫނެކެވެ. އަދި އެހެންގޮތަކަށް ސިފަކުރާނަމަ މިއީ ދިވެހި ރައްޔިތުންނަށް ކުރާ ފުރައްސާރައެކެވެ. ދިވެހި ގައުމުގެ ކަރާމަތް ނަގައިލުން ސިފަކުރެވޭ ގާނޫނެކެވެ. މިގާނޫން ވުޖޫދަށް ގެންނަން ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބޭނުންފުޅުވާނެކަމަށް ބެލެވޭ ބައެއް ކަންކަމަށް ފުރަތަމަ ކުރުގޮތަކަށް އަޅުގަނޑު އަލިއަޅުވައިލަން ގަސްދުކުރަމެވެ.


މިގާނޫނުގެ ފަހަތުގައިވަނީ ކޮންކަމެއް؟

މިގާނޫންގެ ފުރަތަމަ އަމާޒަކީ އެމްޑީޕީގެ ވެރިކަން، މުހައްމަދު ނަޝީދު އިސްތިއުފާދެއްވައިގެން 2012 ވަނަ އަހަރު ވެއްޓުމުން އެކަމުގެ އަގު ދިވެހި ރައްޔިތުން ދައްކަންޖެއްސުމެވެ. ދެވަނަ ކަމަކީ ރައީސް މައުމޫންގެ ކިބައިން ބަދަލުހިފަން އެޕާޓީގެތެރޭގައި ނުފޫޒުގަދަ ބަޔަކު ބޭނުންވާތީ އެކަމަށް މަގުފަހިކުރުމެވެ. ތިންވަނަކަމަކީ ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކުރަން އުޅުނުކަމަށް ބުނާ ބަޣާވާތްތަކާއި، ރައީސް ނާސިރު އަވަހާރަކޮށްލަން ރޭވި ރޭވުންތަކަކާއިގުޅިގެން އެއާއިލާތަކުގެ މީހުންނަށް ދެވިފައިވާ އަދަބުތަކަކާއިހެދި އެދެރައީސުންގެ އަގުވަށްޓައިލުމެވެ. މިއަދުގެ ޖީލުގެ ދިވެހިންގެ ހިތްތަކުގައި އެދެލީޑަރުންނަށް އޮތް މަތިވެރި ގަދަރާއި އިހްތިރާމަށް ހިރަފުސް އެރުވުމެވެ. އަނެއް ސަބަބަކީ މިގާނޫން ބޭނުންކޮށްގެން ދިވެހި ރައްޔިތުންގެ ޓެކްސްފައިސާ ޕާޓީން ކަނޑައަޅާ ބަޔަކަށް ބަހައި ހުސްކުރާނެ ބަހަނާތަކެއް ނެރުމެވެ.

މީގެތެރެއިން އެންމެ ފުރަތަމަ އަޅުގަނޑު މިރިޕޯޓްގައި ކަޅިއެއް މިއަދު ހިންގައިލާނީ ރައީސް އިބްރާހިމް ނާސިރުގެ މައްޗަށް ހިންގަފާނެ ޝަރީއަތެއްގެ މައްޗަށެވެ. އެމްޑީޕީގެ އިންތިގާލީ އަދާލަތުގެ ނަމުގައި ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ގާނޫންގައި ނާއިންސާފުންކޮށްފައިވާ ކަންކަން ބަލަން ނިންމި މުއްދަތުގެ ތެރޭގައި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ހިމަނާފައިވެއެވެ. ޝަރީއަތް ހިންގާނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ހިނގާފައިވާ ކޮންކަންކަމެއްގެ މައްޗަށްބާވައެވެ. ރައީސް މުހައްމަދު ނަޝީދުގެ ދޫފުޅުން އެއްކަމެއްގެ ވާހަކަ ފާޅުކުރައްވާފައިވެއެވެ.

2011 ވަނަ އަހަރުގެ އޯގަސްޓްމަހު ރާއްޖޭގެ ރައީސްކަމުގައި ހުންނަވައި ތިނަދޫއަށްވަޑައިގެން އެރަށުގައި ކެބިނެޓް މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ދެއްކެވި ވާހަކަފުޅުގައި 1959 ވަނަ އަހަރު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް އޭރުގެ ހަވަރުތިނަދޫ ގެންދިއުމަށް ރައީސް އިބްރާހިމް ނާސިރު އެޅުއްވި ފިޔަވަޅުތަކަކީ ބޭއިންސާފު ފިޔަވަޅުތަކެއްކަމަށް، އެއީ އިންސާފުން އެއްކިބާވެ އަޅުއްވާފައިވާ ފިޔަވަޅުތަކެއްކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެ ރައީސް އިބްރާހިމް ނާސިރު އެޅުއްވި ފިޔަވަޅުތަކާއިމެދު ތިނަދޫގެ ރައްޔިތުންގެ ކިބައިން މައާފް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ. އެހެންވީމާ އެމްޑީޕީގެ އިންތިގާލީ އަދާލަތުގެ ކުރިމައްޗަށް މަރްހޫމް ރައީސް އިބްރާހިމް ނާސިރު މާތް ޝަޚްސިއްޔަތު ހާޒިރުކޮށް ޣައިރު ހާޒިރުގައި ޝަރީއަތް ހިންގައި ތިނަދޫގެ ރައްޔިތުންނަށް އިންސާފު ގާއިމުކުރަން އުޅޭނެކަމާއިމެދު ޝައްކެއްވެސް ނެތެވެ. ދެން ރައީސް ނާސިރުގެ މައްޗަށް ޝަރީއަތް ހިންގެން އޮންނާނީ އޭނާ އަވަހާރަކޮށްލުމަށްޓަކައި ބަޔަކު ރޭވި ރޭވުންތަކެއް ބޭޒާރުވެ އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި ޝަރީއަތުން ދިން އަދަބުތަކަކަށެވެ. އެއަދަބު ލިބުނު ފަރާތްތަކުގެ ތެރޭގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މަގާމްތަކުގައި މިގާނޫން ފާސްކުރަން ތިއްބެވި ބޭފުޅުންގެ އާއިލާތަކުގެ މީހުން ހިމެނެއެވެ. އެހެންވީމާ ބަދަލު ހިފަން ބޭނުންވަނީ ތޯއްޗެކެވެ.

ރައީސް މައުމޫންގެ ވެރިކަމުގައިވެސް ރައީސް އިބްރާހިމް ނާސިރު ތިނަދޫ ރައްޔިތުންނަށް ކުރިކަމަށް ބުނާ އަނިޔާތަކެއް ތަހްގީގު ހިންގައި ދިގުދެމިގެންދިޔަ ބަޔާންތަކެއް ނެގިއެވެ. މައުމޫން ނުކުރެއްވި ކަމަކީ ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދޭކަން ފާޅުކުރެއްވުމެވެ. މައުމޫނަކީ ސިޔާސީގޮތުން އެއަށްވުރެ ތަސައްރަފް ފުރިފައިވާ ވިސްނުންފުޅު ތޫނު ބޭފުޅެކެވެ.


ދިވެހި ޖުމްހޫރިއްޔާގެ ބާނީ ރައީސް އިބްރާހިމް ނާސިރު ނާއިންސާފުންކުރެއްވީ ކޮންކަމެއް؟

ކުރީގެ ހަވަރުތިނަދޫގެ މައްސަލާގައި ރައީސް އިބްރާހިމް ނާސިރު ކުރެއްވިކަމަށް ރައީސް މުހައްމަދު ނަޝީދު އެވިދާޅުވާ ނާއިންސާފުން ކުރެއްވި ކަމަކީ ކޮބައިތޯއެވެ. ރައީސް ނާސިރު ތަންފީޒުކުރެއްވީ ދިވެހި ދައުލަތުގެ އިސްތިގުލާލާއި ސިޔާދަތީ ބާރު ކަނޑުވައިލި ތިން އަތޮޅެއް ފިޔަވައި ދެން ދިވެހި ރާއްޖޭގައި ހިމެނޭ ހުރިހައި އަތޮޅެއްގެ ރައްޔިތުންގެ ވޯޓުން ނިންމި ނިންމުމެކެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ނިންމުމެވެ. ދެންވެސް ދިވެހި ދައުލަތުން އަމުރު މައުރޫފެއް ނެރެން އޮތްތަނަކުން ނެރެފައިވާ އަމްރު މައުރޫފެކެވެ.

އައްޑުއަތޮޅާއި މުލަކު ( ފުވައްމުލައް) އަތޮޅާއި ހުވަދު އަތޮޅުގެ ބަޔަކު ބޭރުގެ ދައުލަތަކާއި ގުޅިގެން ދިވެހި ދައުލަތާއި ދެކޮޅަށް ބަޣާވަތްކޮށް ދިވެހި ގައުމުގެ ސިޔާދަތީ ބާރު ކެނޑިގެންދާނެ ފަދަ ގޮތަކަށް އަމިއްލަ ދައުލަތެއް އިއުލާންކޮށް، ދިވެހި ގައުމުގެ މިނިވަންކަމުގެ ރަމްޒުކަމުގައިވާ ފެއްސާއި ރަތާއި ހުދުގެ ދިދަ ބިންމައްޗަށް ވައްޓާލަައި އެއަށް އެމީހުންގެ ފައިން އަރައި، އެމީހުންގެ އަމިއްލަ ދައުލަތުގެ ދިދަ ވިހުރުވާލުން އެއީ އިންސާފުކަމަށް ބައެއް ފަރާތްތަކުގެ ހިތްޕުޅަށް އަރާފާނެއެވެ. މިދައްކަނީ ގައުމެއްގައި އޮތް ސަރުކާރެއް ވައްޓާލަން ރައްޔިތުންގެ ބަޔަކު އުޅެގަތް ވާހަކައެއްނޫނެވެ. ދިވެހި ގައުމުން ބައެއް ވަކިކޮށްގެން އިނގިރޭސި ދައުލަތުގެ ބާރުގެ ދަށަށް ގެންދަން ބަޣާވާތްކުރި ބައެއްގެ ވާހަކައެވެ. މާޒީގައި ބޮޑުތަކުރުފާނާއި އަލިރަސްގެފާނާއި ދޮންބުޅާ ފާށާނާއާއި ދޮންބަންޑާރައިން ކުރެއްވި މަތިވެރި ޖިހާދަކީ ދިވެހި ގައުމުގެ މިދެންނެވި މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ކުރެއްވި ޖިހާދެކެވެ. އޭރުވެސް ދިވެހިންގެ ތެރޭގައި ޣައްދާރުވާ ބަޔަކު ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ދިވެހި ގައުމު ވަށްޓައިލުމުގެ ކިތަންމެ ކެހިވެރި ރޭވުންތަކެއް ރާވާފައިވާކަމަށް ދިވެހި ތާރީޚްގެ ސަފްހާތަކުން ފެނިގެންދެއެވެ. އަދިރިއަދިރިންގެ އަތުން މުދައު ހޯދިބަޔަކާއި އިންޑިއާގެ އަލީރާޖާ ހުށަހަޅަމުންދިޔަ ފައިސާގެ ކުލަވަރު ފެނި ދަހިވެތިވެގެން އަމިއްލަ ގައުމުގެ މިނިވަންކަމަށް ގެއްލުންދިން ބަޔެކެވެ. ދިވެހި ގައުމުގެ މިނިވަންކަން އިނގިރޭސިންގެ އަތްމައްޗަށް އެންމެފަހުން ގެއްލިގެން ދިޔައީވެސް ދިވެހިންގެ ތެރޭގައި އުފެދުނު މިފަދަ ބައެއްގެ ރޭވުންތަކަކާއިގުޅިގެންނެވެ.

ސުވައިދީބް ރިޕަބްލިކްގެ ނަމުގައި މިތިން އަތޮޅުން އިއުލާންކުރި ދައުލަތާއި ދެކޮޅަށް ހަގުރާމަ އިއުލާންކުރުމަކީ ދިވެހި ދައުލަތުގެ ވެރިއަކަށް އޭރުން ހުންނެވި ފަރާތެއްގެ ވާޖިބަކަށް ވާނެކަމަށް ބުނެވިދާނެއެވެ. އޭރުގެ ދިވެހި ދައުލަތުގެ ވަޒީރުލް އައުޒަމް އަދި ފަހުން ރައީސް އިބްރާހިމް ނާސިރު ކުރިމަތިލައްވަންޖެހިވަޑައިގަތީ ދިވެހި ރައްޔިތުންގެ ބަޔަކާއި ނޫނެވެ. ދިވެހި ރައްޔިތުކަމުން އަމިއްލައަށް ވަކިވެގަނެ ދިވެހި ފަސްގަނޑުން ބައެއްގެ މައްޗަށް ވެރިވެގެން އަމިއްލަ ދައުލަތެއް އިއުލާންކޮށްގެން ސަރުކާރެއް ހަދައިގެން ތިބި ދިވެހި އުއްމަތުގެ ދުޝްމަނުންނާކަމަށް ބުނެވިދާނެއެވެ. ދެކުނުގެ ތިންއަތޮޅުގައި ތިބި ހުރިހައި ރައްޔިތުންނަކީ ސުވައިދީބު ސަރުކާރު ގަބޫލުކުރި ބައެއް ނޫންކަމަށްވެއެވެ. 

ދިވެހި ގައުމަށް ނުހަނު ލޯބިހުރި ހުއްބުލް ވަތަންގެ ދިފާއުގައި ހިއްވަރުދެއްކި ވަރުގަދަ ޝަޚްސިއްޔަތުންތަކެއް އައްޑުއަތޮޅާއި ހުވަދުއަތޮޅުގައި ތިއްބެވެ. އެމީހުން ސުވައިދީބު ސަރުކާރާއި ދެކޮޅުކަން އިއުލާންކުރުމުން އެ މީހުންގެ މުދާތައް ފޭރިގަނެ، ހުރަގޭގައި ބަންދުކޮށް ތަޅައި އަނިޔާކޮށް، އަދި ގައްދޫއަށް އަރައި އެރަށުގައި ހުޅުޖަހައި އަންދައިލި އަންދައިލުން އެމްޑީޕީގެ އިންތިގާލީ އަދާލަތު ތަންފިޒުކުރާ ފަރާތްތަކުން މިންކުރާނީ ކޮންގޮތަކަށްތޯ ސުވާލުއުފެދެއެވެ. ރައީސް އިބްރާހިމް ނާސިރު ފުރަތަމަ ފަހަރު ހަވަރު ތިނަދުއަށްވަޑައިގެން ބާރުގެ ބޭނުންކުރައްވައި އެރަށް ދިވެހި ދައުލަތުގެ ބާރުގެ ދަށަށްގެންނަވައި ބަޣާވާތުގައި ބައިވެރިވި އިސްމީހުން ފިޔަވައި ގިނަ މީހުންނަށް އާއްމު އަފޫއާމެއް ދެއްވިއެވެ. ބަޣާވާތްކުރި އިސްމީހުން ފަހުން ދޫކޮށްލެވިއެވެ. އެކަމަކު ދެންވެސް ކުރީ ބަޣާވާތެވެ. ތިނަދޫގައި ތިބި ދިވެހި ސިފައިންނަށް ހަތިޔާރުން ހަމަލާދީ އެމީހުންނަށް އިންތިހާއަށް އަނިޔާދީ ބަލިކޮށް ހަތަރެސްފައި ބަދެ، ސުވައިދީބު ސަރުކާރާއި ހަވާލުކުރިއެވެ. އަނެއްކާވެސް ދިވެހި ދައުލަތުން އެއަތޮޅު ވަކިކޮށްގެން ސުވައިދީބު ސަރުކާރާއި ގުޅުނެވެ. ސުވައިދީބުގެ ދިދަ އުފުލިއެވެ. އަނެއްކާވެސް ރައީސް އިބްރާހިމް ނާސިރު ހަވަރުތިނަދުއަށް ހަތިޔާރާއެކު ވަޑައިގެން އެމީހުންނަށް ނަސޭހަތްދެއްވައި ހެއްދެވިއެވެ. އެމީހުންގެ ޖަވާބަކަށްވީ ދިވެހި ދައުލަތުގެ ވެރިޔާގެ ގައިކޮޅަށް އޮއްގަލުގެ ވާރޭ ވެއްސުމެވެ.

ބޭރު ގައުމަކާއި ގުޅިގެން އިސްލާމީދައުލަތަކާއި ދެކޮޅަށް ތެދުވުމަކީ ކޮންފަދަ އަދަބެއް އޮތްކަމެއްކަން ކޮންމެ ފަރާތަކަށްވެސް އެނގިވަޑައިގަންނަވާނެއެވެ. ހަވަރު ތިނަދޫ ފަތަހަކުރުމުން އެރަށުން ހައްޔަރުކުރަންވީ މީހުން ރައީސް އިބްރާހިމް ނާސިރާއި ހަމައަށް ގެނެސްފައިވަނީ ހަވަރު ތިނަދޫ މީހުންކަމަށް ކިޔައި އުޅެއެވެ. ކުށެއްނެތްމީހުންވެސް އެލިސްޓުގައި ހިމަނާފައިވާކަމަށް މިހާރު ބުނާތީ އިވެއެވެ. އެމީހުން މާލެ ގެނައުމުން އެމީހުން މެރުމަށް ގޮވައި ގާއުކަން މާލޭގެ ބަދަރުމައްޗަށް އެއްވި މީހުންގެތެރޭގައި އެމްޑީޕީގެ އިންތިގާލީ އަދާލަތުގެ ގާނޫން ފާސްކުރަން ވޯޓްދިން މީހުންގެ މައިންބަފައިންނާއި ކާފަ މާމައިންނާއި އާއިލާގެ މީހުން ނުކުތްކަން ވޯޓްދެއްވިއިރު އެނގިވަޑައިނުގަންނަވަނީތޯއެވެ؟ 

މިގާނޫން ފާސްކުރަން ވޯޓްދިން މެމްބަރުންނަށް ރައީސް އިބްރާހިމް ނާސިރު ދިވެހި ގައުމު އިނގިރޭސިންގެ އަތްދަށުން މިނިވަންކުރެއްވުމަށް ކުރެއްވި ޖިހާދު ރަގަޅަށް ތަސައްވުރު ކުރެވޭކަމާއިމެދު ސުވާލު އުފެދެއެވެ. ހުއްބުލް ވަތަންގެ ރޫހް ހިތުތެރޭގައި އަށަގެންފައިވާކަމާއިމެދު ސުވާލު ނުއުފެއްދޭނެތޯއެވެ. އެހެންނޫންނަމަ ދިވެހި ރާއްޖޭގެ މިނިވަންކަމުގެ ބާނީގެ ނަން ކިލަނބުކުރަން އެޒައީމް ޝަރީއަތަށް ހާޒިރުކުރުމަށް މަގުފަހިކުރުމަސް މިފަދައިން ގާނޫން ފާސްކުރަން ލަދުވެތިވީހެވެ. ރައީސް އިބްރާހިމް ނާސިރުގެ މައްޗަށް ނާއިންސާފުން ކަންތައްކުރެއްވި ކަމުގެ ތުހުމަތު އަޅުވަން މަގުފަހިކުރަން ފަސްޖެހުނީހެވެ. ހަވަރުތިނަދޫގައި ހިންގި ބަޣާވަތުން ނުކުތް ނަތީޖާއަކީ ހިތާމަވެރި ހާދިސާއެކެވެ. ދިވެހި ދައުލަތަށް ޚިޔާނާތްތެރި ނުވިނަމަ އެހިތާމަވެރި ހާދިސާއެއް ނުހިނގީހެވެ. އެކަމަކު ސުވައިދީބު ސަރުކާރު ނާކާމިޔާބުކޮށްލައި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުގެ ދަށަށް އެސަރަހައްދު ގެނެވުމަކީ އެސަރަހައްދުގެ ރައްޔިތުންނަށް މިއަދު ކޮންފަދަ ބޮޑު ނިއުމަތެއްތޯއެވެ. އެހެންނޫނަމަ އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށުގައި ޑިއަގޯގާސިއާގެ ރައްޔިތުންގެ ފަދައިން ގޯތިގެދޮރުން ބޭރުކޮށްލެވި ރިފިއުޖީންގެ ގޮތުގައި އެކިގައުމުތަކުގެ މަގުތަކުގައްޔާއި ޖަންގަލިތަކުގައި ސަލާންޖަހައި އުޅެން ޖެހުނީސްކަން ކަށަވަރެވެ. އަރާމު ގޮދަޑީގައި ނިދައި މީރުހާ ކާތަކެތިން ކައިބޮއި، ރީތި ސިޓީންރޫމްތަކުގައި 24 ގަޑިއިރުގެ ޗެނަލްތަކާއި އެންމެފަހު ފިލްމުތައް ބަލާލައި އެންމެފަހުގެ މޯބައިލް ފޯނުން ވާހަކަދައްކައިހަދަން ނުތިބެވުނީހެވެ.

ކޮންމެއަކަސް ދިވެހި ޖުމްހޫރިއްޔާ އުފެއްދި ޒައީމުންނާއި ދިވެހި ގައުމުގެ މިނިވަންކަމުގެ ބަތަލު ހިމަނައިގެން އެމްޑީޕީގެ އިންތިގާލީ އަދާލަތު ގާއިމުކުރުމުގެ ނަމުގައި ގާނޫނެއް ހަދައިގެން އެޒައީމުންގެ މައްޗަށް ޝަރީއަތް ހިންގަން އުޅޭކަން ދެއްކުމަކީ ދިވެހި ގައުމު ދުވަހަކު ނުދެކޭފަދަ މަތިވެރި އިންސާފެއް ގާއިމުކުރަން އުޅުންކަމަށް މީހުންނަށް ދެއްކިޔަސް އެކަމުގެ ފަހަތުގައިވާ ނިޔަތް ނުހަނު ހުތުރުކަން އެގެއެވެ.

Advertisement

ކޮމެންޓް