ހުއްޓާނުލާ ކުރި ޕްރެޝަރަށް ފަހު އެންމެ ފަހުން ފުޓްބޯޅަ ކުޅުންތެރިންނަށް ވެކްސިން!

15 Feb 2021 | 17:16

ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލުމުން އެކަމާ ދެކޮޅަށް އެފްއޭއެމާ ކްލަބުތަކުން މެދު ނުކެނޑި ކުރި ޕްރެޝަރަށް ފަހު އެންމެ ފަހުން ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންނަށް ވެކްސިން ދޭން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ފުޓްބޯޅަ ކުޅުންތެރިންނަށް ވެކްސިން ދޭން ނިންމިއިރު، ހައިރިސްކް ކެޓަގަރީގެ އެތައް ބަޔަކާ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ އެތައް ސަތޭކަ ބަޔަކަށް އަދިވެސް ވެކްސިން ނުދެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް މިއަދު ކުރި ޓްވީޓެއްގައިވަނީ ދިވެހި ލީގުގައި ހިމެނޭ ހުރިހާ ކުލަބެއްގެ ކުޅުންތެރިންނާ އޮފިޝަލުންނަށް އަދި މެނޭޖްމެންޓްގެ އެންމެނަށް ވެކްސިން ދޭން ނިންމާފައިވާތީ ހެލްތު މިނިސްޓަރު ކެރަފާ ނަސީމަށާއި ކުޅިވަރާ ބެހޭ މިނިސްޓަރު މަހުލޫފަށް ޝުކުރު އަދާ ކުރައްވާފައެވެ.

ދިވެހި ލީގުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންގެ އަދަދު އުޅޭނީ ތިން ސަތޭކައިން މަތީގައެވެ. މި ހުރިހާ ކުޅުންތެރިންނަށް ވެކްސިން ދޭން ސަރުކާރުން ނިންމީ އެ މީހުންނަށް ކޮން ގޮތަކުން އިސްކަން ދީގެން ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް