65 އަހަރުން މަތީގެ މީހުން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި

18 Feb 2021 | 13:15

އުމުރުން 65 އަހަރުން މަތީގެ މީހުން ވީހާވެސް އަވަހަށް ކޮވިޑް ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުން އަވަހަށް ވެކްސިން ޖެހުމަށެވެ. 

އަދި އެ އުމުރުފުރައިގެ މީހުން، ވެކްސިން ޖެހުމަށް ޤާއިމުކޮށްފައިވާ ސެންޓަރުތަކަށް ދިޔުމަށް ދަތިވާނަމަ ސެނެހިޔާ ހޮސްޕިޓަލުން ވެސް ވެކްސިން ޖެހޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި 1676 އަށް ގުޅައި މަޢުލޫމާތު ދިނުމުން ސެނެހިޔާއިން ވެކްސިން ޖަހާނެ ގަޑި ހަމަޖައްސައިދޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖަހަން ދާއިރު ވެކްސިން ޖަހާ މީހެއްގެ އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށާއި، ވެކްސިން ޖަހާއިރު އެމީހަކީ ކަރަންޓީނުގައި ނުވަތަ ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހަކަށް ވެގެން ނުވާނެ ކަމަށެވެ.

އަދި، ބޭހެ ބޭނުންކުރަމުންދާނަމަ އެބޭހެއްގެ މަޢުލޫމާތު ގެންދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެމީހާއާއި އެކު އެކަކަށްވުރެ ގިނައިން ނުދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވެކްސިން ޖެހުމުގެ ކަންތައްތައް ސޯޝަލް ސެންޓަރުން 9:00ން 17:00ށް އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް) 9:00ން 17:00ށް އަދި ވިލިމާލެ ޔޫތު ސެންޓަރުން 9:00ން 13:00ށް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ރަޖިސްޓްރީ ނުކުރާ މީހުން ރަޖިސްޓަރީ ކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުގައި ކުރިއަށް ގެންދާ ކަމަށެވެ. މިހާތަނަށް ރާއްޖެއިން 56،218 މީހުން ކޮވިޑް-19 ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 43،838 މީހުންނަކީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ މީހުންކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement