ސަޢޫދީގެ އެމްބީބީއެސްދެކެ އެމެރިކާ ރުޅިއަންނަނީ ކީއްވެ؟

01 Mar 2021 | 13:57

ތުރުކީވިލާތުގައި ހުންނަ ސަޢޫދީ އެމްބަސީގެތެރޭގައި މަރާލި ޖަމާލް ޚަޝޫގީގެ މައްސަލާގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ތައްޔާރުކުރި ރިޕޯޓްގައި ސަޢޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ( އެމްބީއެސް) ގެ މައްޗަށް ތުހުމަތުކޮށްފައި އޮތުމާއިގުޅިގެން ވަލީއަހުދުގެ ދިފާއުގައި ސަޢޫދީ ރައްޔިތުން ނުކުމެއްޖެއެވެ. މިކަމުގެ ފޯރި އެންމެ ގަދަވީ ޓްވީޓާގެތެރޭގައެވެ. އެމެރިކާއާއިމެދު ވަރަށް ބޮޑު ނަފުރަތެއް ޓްވީޓާއާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސަޢޫދީ ރައްޔިތުން ފާޅުކުރިއެވެ.

ސަޢޫދީ އަރަބިއްޔާގެ ނޫހެއްކަމުގައިވާ އަލް ޖަޒީރާގައި ލިޔެފައިވަނީ މެދުއިރުމަތީގައި އެމެރިކާގެ ސްޓްރެޓެޖިކް ބައިވެރިޔާއަށް ފުރައްސާރަކުރުމުގެ ހައްގެ އެމެރިކާއަށްވިޔަސް ލިބިގެން ނުވާކަމަށެވެ. ލަންޑަންގައި ނުކުންނަ އައްޝަރްގު އަލް ވަސަތު ނޫހުގައި ބުނެފައިވަނީ ސަޢޫދީ އަރަބިއްޔާއަކީ އިންޒާރުދީގެން ގުޑުން އަރުވާލެވޭނެ ބަނާނާ ރިޕަބްލިކެއް ނޫންކަމަށެވެ. ސަޢޫދީގެ އޮކާސް ނޫހުގައި ލިޔެފައވަނީ އެމެރިކާއާއެކު ގާތްގުޅުމެއް ބާއްވަން ސަޢޫދީން ބޭނުންވިނަމަވެސް އެގައުމުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގުރުބާން ނުކުރެވޭނެކަމަށެވެ.

އެމެރިކާގެ ސީއައިއޭއިން ތައްޔާރުކޮށް ނެރުނު ރިޕޯޓްގައި ވަކި އާވާހަކައެއް ނެތްކަމަށް އެރިޕޯޓް ދިރާސާކުރި މުހައްލިލުން ވިދާޅުވެއެވެ. މިރިޕޯޓްގައި އެމްބީއެސް މިހާދިސާއާއި ގުޅުވަން ބޭނުންކޮށްފައިވަނީ '' ފަހަރެއްގައި'' '' ބެލެވޭ'' '' ވެދާނެ'' ފަދަ ބަސް ބަހެވެ. ވަލީ އަހުދު ގެންދަވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ. އެމްބީއެސްއާ މިމަރާއި ގުޅުވަނީ ޚަޝޫގީއަކީ ވޮޝިންޓަން ޕޯސްޓްގައި ވަލީ އަހުދަށް އަބަދުވެސް ފާޑުކިޔާ މީހަކަށްވުމާއި މިމަރާއި ގުޅިފައިވާ މީހުންނަކީ ވަލީއަހުދާއި ގާތްގުޅުންތަކެއް އޮންނާނެ ބައެއްކަމަށް ބަލާފައެވެ. ސަޢޫދީ އަރަބިއްޔާގައި އެގައުމުގެ ރަސްކަމަށް، ރަސްގެފާނަށް، ވަލީއަހުދަށް ކުޑައިމީސްކޮށް އެއްޗެހި ގޮވުމަކީ ސަޢޫދީ ދައުލަތަށް އެއްޗެހި ގޮވުންކަމަށް ބަލައެވެ. ހުޅަނގުގުގެ ގައުމެއްގެ ދައުލަތަކަށް އެއްޗެހި ގޮވާމީހަކު ޓެރަރިސްޓެއްގެ ގޮތުގައި ލޭބަލް ކުރެވެއެވެ. ދެން އެމީހަކު މަރައިލެވެއެވެ. ސަޢޫދީގެ ސިކިއުރިޓީން ޖަމާލް ޚަޝޫގީ އެމްބަސީގެތެރެއަށް ވައްދައި މެރުމަކީ މާބޮޑަށްވެސް ލަދުންގަންނަންޖެހޭކަމެކެވެ. ދުނިޔެއަށް އަދިވެސް ރަގަޅަށް ލޯ ނުހުޅުވޭކަން ދޭހަވެއެވެ.

ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން މުޙައްމަދު ބިން ސަލްމާން ސަޢޫދީ އަރަބިއްޔާގެ ރަސްކަމަށް އިސްވާން އެމެރިކާ ބޭނުންނުވެއެވެ. އެމެރިކާ ބޭނުންވަނީ އޭނާގެ ބަދަލުގައި ކުރިން ވަލީ އަހުދުގެ ގޮތުގައި ހުންނެވި ޕްރިންސް ނާއިފް ރަސްކަމަށް އިސްކުރާށެވެ. އެހެންނަމަވެސް ރަސްކަމަށް ސަލްމާންވަޑައިގަތުމަށްފަހު އެމެރިކާގެ މިއެދުން ހާސިލުވާނެގޮތެއް ނުވިއެވެ. ވަލީ އަހުދުކަމަށް މުޙައްމަދު ބިން ސަލްމާން އިސްކުރެވުނު ދުވަހުން ފެށިގެން އޭނާގެ ބާރު ސަޢޫދީގެ ހުރިހައި އިންސްޓިޓުޝަންތަކެއްގެ މައްޗަށް ގަދަކޮށް ކޮންޓްރޯލްކޮށްފައިވެއެވެ. އެމެރިކާގެ އަމާޒު އޭނާއާއި ވަރަށް ބޮޑަށް ދެކޮޅެވެ. އެގޮތުން އެމެރިކާގެ އަސްކަރީ މަރްކަޒް ގާއިމުކުރެވިފައި ހުރި ޔަމަން، އީރާނުން ވާގިވެރިވާ ހޫތީ ޝިއައީންގެ ކުޑަކުޑަ ލަޝްކަރެއްގެ އަތްމައްޗަށް ފުރޮޅިގެން ދިޔައިރު އެމެރިކާ އޮތީ ހަމައެކަނި ކުޅިބަލާށެވެ. ހޫތީން އީރާންގެ މިސައިލްއާއި ޑްރޯންތަކުން ސަޢޫދީ އަރަބިއްޔާއަށް ހަމަލާދެމުންދާއިރު އަޅާނުލައި އޮންނަނީވެސް މުހައްމަދު ބިން ސަލްމަނާގެ ނުކުޅެދުންތެރިކަން ސަޢޫދީ ރައްޔިތުންނަށާއި ސަރަހައްދުގެ ލީޑަރުންނަށް ދެއްކުމަށެވެ. ހޫތީން ޔަމަންގެ ވެރިކަމަށް އައުމުން ސަޢޫދީ އަރަބިއްޔާއިން އެމީހުންނާއި ހަގުރާމަކުރަން ނުކުންނާނެކަމާއި އެހަގުރާމައަކީ ސަޢޫދީއަށް ގެއްލުންބޮޑު ހަގުރާމައަކަށް ވެގެންދާނެކަންވެސް އެމެރިކާއަށް އެގެއެވެ.

މުޙައްމަދު ބިން ސަލްމާނާއި ޚިލާފަށް ޕްރިންސް ނާއިފަކީ ސިއްހީ ހާލުކޮޅު ބަލި ބޭފުޅެކެވެ. ބާރުގަދަ ޑްރަގްސް ބޭނުންފުޅުކުރައްވާތީ އާއްމުގޮތެއްގައި މަސްތުގެ ހާލަތުގައި ވަރަށް ގިނައިން ނާއިފް ހުންނަވާކަމުގައި ބުނެވެއެވެ. ސަޢޫދީ ރައްޔިތުންގެތެރޭގައި މާކަބޮޑު މަގްބޫލުކަމެއް އޭނާއަކަށް ނޯވެއެވެ. އެކަމަކު ސައޫދީ ރަސްކަމުގެ ކޮއިލުތެރޭގައި މުއްސަނދި ޕްރިންސުންތައް އޭނާއާއި ގުޅެއެވެ. ނާއިފްއާއި ތަފާތުކޮށް މުހައްމަދަކީ ޖެހިލުންކުޑަ ވަތަނީ ވިސްނުންފުޅުގެ ބޭފުޅެކެވެ. އަދި އިސްލާމީ އުއްމަތުގެ ލީޑަރޝިޕް އަރަބިންގެ އަތްމަތިން ދިޔަނުދެއްވުމަށް ގަދައަޅުއްވާ ބޭފުޅެކެވެ. ވަލީއަހުދުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދާދިއަވަހަށް ސަޢޫދީ އަރަބިއްޔާގެ ޒުވާނުންގެ އެންމެ މަގްބޫލު ޕްރިންސްގެ ގޮތުގައި އޭނާ ވެވަޑައިގަތެވެ. އަދި ސައޫދީ އަރަބިއްޔާ ހަމައެކަނި ތެލުގެ މައްޗަށް ބަރޯސާވެފައިވާ ވުން ނިމުމަކަށް ގެންނަވަން ވަރަށް ބޮޑެތި އިންފްރާންސްޓްރަކްޗަރ މަޝްރޫއުތަކާއި އިގްތިސާދީ ބިޔަމަޝްރޫއުތައް އެގައުމުގައި ފެށިގެންދިޔައެވެ. ދުނިޔެ ކްރުޑް އޮއިލްއަށް ބޭނުންނެތެމުންދާއިރު ހަމައެކަނި ތެޔޮއުފައްދާ ގައުމެއްގެ ގޮތުގައި އޮވެގެން ސައޫދީ އަރަބިއްޔާއަށް މުސްތަގުބަލެއް ނެތްކަމަށް އޭނާ ވިދާޅުވެއެވެ. މިއަދު ސަޢޫދީ އަރަބިއްޔާ އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތްނުކޮށް އޮވެއްޖެނަމަ މެދުއިރުމަތީގެ އެންމެ ބަލިކަށި ގައުމުގެ ގޮތުގައި އެގައުމުވެދާނެއެވެ.

ކޮންމެއަކަސް މުހައްމަދު ބިން ސަލްމާން ސަޢޫދީ އަރަބިއްޔާގެ ވަލީ އަހުދުކަމާއި ހަވާލުވެވަޑައިގަތީއްސުރެ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ސަޢޫދީ އަރަބިއްޔާއާއިމެދު ދެކޭގޮތަށް ބަދަލުތަކެއް އައިސްފައިވެއެވެ. ހުޅަނގުގެ މީޑިއާތަކުގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިއައި ލިޔުންތައް ލިޔެއެވެ. ޚަޝޯގީއަކީ ސަޢޫދީ ރަސްކަމުގެ ކޮއިލުތެރޭގެ ޚާއްސަކޮށް މުހައްމަދު ގެ ކަންކަން ރަގަޅަށް އެގޭ ބޭފުޅަކަށްވުމުން އެމެރިކާގެ ވޮޝިންޓަން ޕޯސްޓްގެ ކޮލަމިސްޓުކަން އޭނާއަށް ދިނެވެ. އޭނާގެ ކަމަކީ ހުޅަނގަށް އަރުވާލެވިގެން ހުރެ އެމްބީބީއެސްއަށް ފާޑުކިއުމެވެ. ސައޫދީގައި މީހުންދެކެނީ އޭނާއަކީ ގައުމަށް ޣައްދާރުވެގެން ހުރި މީހެއްކަމަށެވެ. ދެވަނަ މީހަކަށް ހުރީ ސަޢޫދީގެ އިންޓެލިޖެންސްގެ ވެރިޔަކަށް ހުރި މީހެކެވެ. އޭނާ ކެނެޑާއަށް އަރުވާލެވިގެންހުރެ އެމްބީއެސް ފާޑުކިޔައި މީޑިއާތަކުގައި މަގްބޫލްކަން ހޯދާފައިވެއެވެ. ހުޅަނގުގެ ސަރުކާރުތަކާއި މީޑިއާތަކުގެ ހަމަލާތައް މެދުކެނޑުމެއްނެތި މުހައްމަދު ބިން ސަލްމާނަށް އަމާޒުކުރެވެމުންދެއެވެ. ބެލެވިފައިވާގޮތުން ހުޅަނގުން އޭނާއާއިދެކޮޅަށް މިހިންގާ ކަންކަމަށް ސިއްރިޔާތުގައި އޭނާއާއި އިދިކޮޅު ސަޢޫދީ ޕްރިންސުންވެސް ފަނޑުކުރެއެވެ. ޚަޝޯގީއާއި އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ފަދަ މީހުންނަކީ އެމީހުންގެ ބެކިންގައި ނުކުތް ބަޔެކެވެ. އެކަމަކު މިއީ އެމެރިކާގެ ސީއައިއޭއިން ތައްޔާރުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތަށް '' ވެދާނެ'' ކަމަށް ކިޔޭ ކަންކަމެވެ.

އެމެރިކާގެ ސަޢޫދީ ސިޔާސަތަށް ބަދަލުގެނައީއަކީ ޖަމާލް ޚަޝޯގީގެ މަރާއި ގުޅިގެންނެއް ނޫނެވެ. އޭގެކުރިން ރައީސް ބަރަކު އޮބާމާގެ ވެރިކަމުގައި އެމެރިކާއިން އީރާނާއި ގުޅުން ބަދަހިކޮށް ސައޫދީ އަރަބިއްޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މަޝްވަރާތަކަށް އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެތެރޭގައި ބަހުސްކުރުމަށް ހުޅުވައިލެވުނެވެ. ސަޢޫދީ އަރަބިއްޔާގެ ވަށައިގެން ޝިއައީ އީރާންގެ ބާރުގަދަކުރުވައި ސަޢޫދީ ފިއްތައިލެވުނެވެ. އިރާގުގައި ޝިއައީ ވެރިކަމެއް އަދި ސަޢޫދީގެ މައިދޮރާށީގައި އޮތް ޔަމަނުގައި ޝިއައީ ވެރިކަމެއް ގާއިމުކޮށް ބަހުރައިންފަދަ ގައުމުތަކުގައި ޝިއައީ ވެރިކަމެއް އުފެއްދުމާއި ދާދި ގާތަށް ދިއައެވެ.

ކޮންމެއަކަސް މުހައްލިލުން ވިދާޅުވާގޮތުގައި ޖޯބައިޑްގެ ސަރުކާރުން މިއަމަލުކުރިގޮތް ސަޢޫދީ އަރަބިއްޔާއިން އަޅާނުލައި ދޫކޮށްނުލާނެއެވެ. އެންމެ ގާތީ ހުޅަނގާއި ދުރުވެ ޗައިނާއާއި ސަޢޫދީ ގުޅުންތައް ބަދަހިވުންކަމުގައި ބެލެވިފައިވެއެވެ. އެމްބީއެސްއަށް އެމެރިކާއަށް ފިޔަވަޅެއް އަޅަންނުކުރުނީ އޭގެ ނަތީޖާ ނުކުންނާނެ ގޮތް އެމެރިކާއަށްވެސް ރަނގަޅަށް ވަޒަން ނުކުރެވޭތީކަމުގައި ބެލެވިފައިވެއެވެ.

Advertisement

ކޮމެންޓް