އެސްޓީއޯގެ އޮޑިޓް: ބައި ބިލިއަނެއްހާ ރުފިޔާ ޚަރަދުކުރިއިރު، އުސޫލުން ބޭރުނުވޭ

22 Mar 2021 | 19:45

ކޮވިޑް-19އާ ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކުރި ޚަރަދުތައް ކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށްކަމަށް އާދީއްތަ ދުވަހު އޮޑިޓް އޮފީހުންނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އެސްޓީއޯއިން ކުރަމުންދިޔަ ހޭދަތަކާއެކު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ބައެއް މެންބަރުންވަނީ އެސްޓީއޯއަށް ތުހުމަތު އިނގިލި ދިއްކޮށްފައެވެ. ނަމަވެސް ބައި ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ހިންގާފައިވާއިރު ޚަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް ޚަރަދެއްކޮށްފައިނުވާކަން އޮޑިޓް ރިޕޯޓުން ފާހަގަވެއެވެ.

މި އޮޑިޓް ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި މިނިސްޓްރީ އޮފް ފިނޭންސްއިން އެދިގެން ކުރި އޮޑިޓެކެވެ.

އެކުންފުނިން ކުރި ޚަރަދުތަކުގެ ޖުމްލަ އަދަދު 490,159,542.43 ( ހަތަރުސަތޭކަ ނުވަދިހަ މިލިއަން އެއްލައްކަ ފަންސާސްނުވަހާސް ފަސް ސަތޭކަ ސާޅީސް ދެރުފިޔާ ސާޅީސް ތިން ލާރި) އަށް އަރައެވެ.

"ކޮވިޑް-19އާ ގުޅިގެން ނެޝެނަލް ހެލްތު ރިކުއަރމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ހޯދުމަށް 16 އޭޕްރީލް 2020 ގައި އެސްޓީއޯ އާއި މިނިސްޓްރީ އޮފް ފިނޭންސާއި ނެޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު ވެވުނު އެއްބަސްވުމާއެއްގޮތަށް މުދާ ހޯދައި ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ" ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީ ކުރެވުނު މެޑިކަލް ފެސިލިޓީތަކަށާ، ބިދޭސީން ބޭތިއްބުމަށް ތައްޔާރުކުރެވުނު ފެސިލިޓީތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީން އޯޑަރ ކުރުމުން، އެ ތަކެތި ހޯދައި އެ ތަންތަނަށް ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement