ޗައިނާއިން ހަދިޔާކުރާ ސިނޮފާމް ވެކްސިންތަކުގެ ފުރަތަމަ ބެޗް ރާއްޖެއަށް ރަސްމީކޮށް ހަވާލުކޮށްފި

25 Mar 2021 | 13:35

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާ 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ފުރަތަމަ ބެޗް މިއަދު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ވެކްސިން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އަދި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް އާއި ހަވާލުކޮށްދެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް، ޚާއްޞަކޮށް ވެކްސިނޭޝަން ޕްރޮގްރާމަށް، ޗައިނާ ރައްޔިތުންގެ ފަރާތުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ޗައިނާގައި އުފައްދާ ވެކްސިން އަކީ އެންމެންނަށް ލިބޭނެ ވެކްސިންއެއްކަން ކަށަވަރުކޮށްދެއްވާކަމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް އާއި ޗައިނާ ސަރުކާރަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު ވެކްސިން ގެނައުމުގައި އެހީތެރިވި ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކަށްވެސް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު އޮންނަ ގާތް ބަދަހި ގުޅުން ފާހަގަކުރައްވައި، ޗައިނާއިން ހަދިޔާކުރި 2 ލައްކަ ޑޯޒް ވެކްސިން އަކީ މި ގުޅުމުގެ ރަމްޒެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމްގެ އިތުރުން ކޮވިޑްގެ ސަބަބުން ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމުގައިވެސް ޗައިނާއިން އެހީތެރިވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގ އިން މާލެ އަށް މި ވެކްސިން ގެނައުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ 2 ފްލައިޓް ޗާޓަރުކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ ވެކްސިން ވީ އެންމެ އަވަހަށް ރާއްޖެއަށް ގެނައުމުގެ ބޭނުމުގައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ސިނޮފާމް ވެކްސިން ބޭނުންކުރުމުގެ އިމަޖަންސީ އެޕްރޫވަލް ދީފައިވަނީ 14 މާޗް 2021 ގައެވެ. އަދި ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެއަށް ގެނެސްފައިވަނީ އޭގެ 10 ދުވަސް ފަހުން، 24 މާޗް 2021 ވަނަ ދުވަހުގެ ރޭގަނޑުއެވެ. އަވަހަށް ވެކްސިން ގެނައުމުގެ މަޤްޞަދަކީ ރާއްޖޭގައި މިހާރު ކުރިއަށްދާ ވެކްސިނޭޝަން ޕްރޮގްރާމް މެދު ނުކެނޑި ކުރިއަށް ގެންދިޔުމެވެ. ޗައިނާއިން ހަދިޔާކުރި 2 ލައްކަ ޑޯޒްގެ ދެވަނަ ބެޗް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މާޗް 30 ވަނަ ދުވަހުއެވެ.

ވެކްސިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ނަސީމް ދެއްކެވި ވާހަކަފުޅުގައި ޗައިނާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މިރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

Advertisement

ކޮމެންޓް