ކޮންމެ އެގްޒާމް ސީރީސެއްގައި ބައިވެރިވި ނަމަވެސް އޭލެވެލް ޓޮޕްޓެންގައި ހިމެނުމުގެ ފުރުސަތު އޮންނާނެ!

29 Mar 2021 | 18:38

މިއަަހަރުގެ އޭލެވެލް އިމްތިހާންގައި ބައިވެރިވާ ދަރިވަރުން، ކޮންމެ އެގްޒާމް ސީރީސެއްގައި ބައިވެރިވި ނަމަވެސް ޓޮޕްޓެންގައި ހިމެނުމުގެ ފުރުސަތު އޮންނާނެގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ގިނަ ދަރިވަރުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ގޮތުންނަމަ، އޭލެވެލް ހަދާ ދަރިވަރުންނަށް އެޕްރީލް/މެއި ނުވަތަ އޮކްޓޯބަރ/ނޮވެމްބަރ އެގްޒާމް ސެޝަންގައި ބައިވެރިވެވޭނެއެވެ. ނަމަވެސް އޭލެވެލްގެ ގައުމީ ޓޮޕްޓެން ހޮވުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ދިނުމުގައި ހަމައެކަނި ބަލާނީ އެޕްރީލް/މެއި ސެޝަންގައި ބައިވެރިވާ ދަރިވަރުންނަށެވެ. މިކަމާއި ގުޅިގެން އޭލެވެލް ހަދާ ގިނަ ދަރިވަރުންނާއި އާންމުންވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، މިފަދަ އުސޫލެއްގެ ސަބަބުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް އެކުދިންގެ މުސްތަގްބަލަށްވެސް ގެއްލުންވާނެކަމަށް ބުނެފައެވެ.

މިކަންބޮޑުވުންތައް ގިނަބަޔަކު އުފުލަމުންދަނިކޮށް، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަމަލުކުރަން ނިންމި އުސޫލު އަލުން އިސްލާހުކުރުމަށް ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދާދިފަހުން އައިއޭއެލްގެ ޓައިމްޓޭބަލްތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ އަޑު އެހުމަކީ މުހިންމު ކަމެއްކަމަށް ގަބޫލުކުރާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އޭލެވެލްގެ ޓޮޕްޓެން ހޮވުމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ދިނުމުގައި އަމަލުކުރުމަށް ނިންމި އުސޫލު މުރާޖަޢާކުރަން ނިންމަވާފައިވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮންމެ އެގްޒާމް ސީރީސްއެއްގައި ބައިވެރިވި ނަމަވެސް، އޭލެވެލް ހަދާ ދަރިވަރުންނަށް ގައުމީ ޓޮޕްޓެންގައި ހިމެނުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބުމުގެ ފުރުސަތު އޮންނާނެގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.

ޑރ.އައިޝަތު އަލީ އިތުރަށް ވިދާޅުވީ ދަރިވަރުން އިމްތިހާނު ހެދުމަށް ބޭނުންވަނީ ކޮން މުއްދަތެއްގައިތޯ ބެލުމަށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ. އަދި އޮކްޓޯބަރ/ނޮވެމްބަރ ސީރީޒްގައި ބައިވެރިވާން ނިންމުމުގެ ކުރިން އެ ސީރީޒްގައި އިށީނދެވޭނެ އިމްތިހާނުތައް ބެލުމަށްވެސް އެކަމަނާ ވަނީ އެދިލައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement