ފީފާއިން އަނެއްކާވެސް ޕާކިސްތާނު ސަސްޕެންޑްކޮށްފި
ތިންވަނަ ފަރާތަކުން ޕާކިސްތާނު ފުޓްބޯލް ފެޑެރޭޝަން (ޕީއެފްއެފް) ހިންގުމަށް ނުފޫޒު ފޯރުވަމުންދާކަމަށްބުނެ، އެގައުމު ވަގުތީގޮތުން ސަސްޕެންޑްކުރުމަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ އިދާރާކަމަށްވާ ފީފާއިން ނިންމައިފިއެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި 2017ވަނަ އަހަރުގައި ފީފާއިން ވަނީ އެގައުމު ބައިނަލްއަގްވާމީ ފުޓްބޯޅައިން ސަސްޕެންޑްކޮށްފައެވެ. އެއީ ފީފާގެ އުސޫލުތަކާއި ޚިލާފަށް، ޕީއެފްއެފްގެ ހިންގުމުގެ ކަންތައްތައް ބެލެހެެއްޓުމަށް އެގައުމުގެ ލާހޯރުގެ ހައި ކޯޓުން އައްޔަންކުރި އެޑްމިނިސްޓްރޭޓަރަކު ހަމަޖެއްސުމުންނެވެ.
އެއަށްފަހު 2018 ވަނަ އަހަރުގައި އެ ނިންމުން ބަދަލުކުރުމުން، ފީފާއިން ވަނީ އެ ސަސްޕެންޝަން އުވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ޕީއެފްއެފްގެ ކުރީގެ ރައީސް ސައީދު އަޝްފާގު ހުސައިން ޝާހު އަދި އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ޕީއެފްއެފްގެ މައި އޮފީހަށް ވަދެގަނެ، އެތަނުގެ ކޮންޓްރޯލް އެމީހުންގެ ދަށަށް ގެނެސްފައެވެ. އަދި ފީފާއިން އައްޔަންކޮށްފައިވާ ޕީއެފްއެފް ނޯމަލައިޒޭޝަން ކޮމެޓީގެ އިސްވެރިޔާ ހާރޫން މަލިކް އެ އޮފީހުގެ ތެރޭގައި ގަދަކަމުން ހިފަހައްޓާ، އޭނާގެ އަތުން ޕީއެފްއެފްގެ ހުރިހާ މާލީ ކަންކަމެއްގެ ކޮންޓްރޯލްވެސް ވަނީ ހޯދާފައެވެ.
މިކަން ދިމާވުމުން ފީފާއިން ވަނީ ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމެޓީއަށް ޕީއެފްއެފްގެ ހެޑްކުއާޓާޒަށް ވަނުމުގެ ހުއްދަދީ، އެތަން ހިންގުން އެމީހުންނާއި ހަވާލުކުރުމަށް ގޮވާލައި އިންޒާރުދީފައެވެ. ނަމަވެސް ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމުން، ފީފާއިން ވަނީ ބައިނަލްއަގްވާމީ ފުޓްބޯޅައިން ޕީއެފްއެފް ސަސްޕެންޑްކުރުމަށް ނިންމާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists