ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ވެފައިވާ ތައްޔާރީތައް ވޯޓުލާ މަރުކަޒުތަކުގައި ތަންފީޒުކުރެވިފައެއް ނުވޭ: ޓްރާންސްޕޭރެންސީ

11 Apr 2021 | 22:59

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ހިނގިއިރުގައި، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރިން ވެފައިވާ ތައްޔާރީތައް ވޯޓުލާ މަރުކަޒުތަކުގައި ތަންފީޒުކުރެވިފައި ނުވާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

އިއްޔެގެ އިންތިޚާބު އޮބްޒާވްކުރުމަށް ޓްރާންސްޕޭރެންސީގެ 55 އޮބްޒަރވަރުން ތަމްރީންކޮށް، އެކްރެޑިޓްކުރެވުނެވެ. އަދި އިންތިޚާބުގެ ކަންކަން ބެލޭނޭ ޚާއްޞަ ޗެކްލިސްޓްތަކަކާއި ފޯމުތަކަކާއި އެކު ރާއްޖޭގެ 19 އަތޮޅެއްގެ 29 ރަށެއްގެ 34 ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވެފައިވެއެެވެ. އޮބްޒަރވަރުންނަށް ފަސޭހަކަމާއިއެކު ރިޕޯޓުކުރުމަށާއި، ވަގުތުން ޚަބަރުތައް ލިބިގަތުމަށްޓަކައި އޮންލައިންް ރިޕޯޓިންގް ޕްލެޓްފޯމަކާއި ކޯލް ސެންޓަރެއް ޓްރާންސްޕޭރެންސީން ވަނީ ޤާއިމުކޮށްފައެވެ.

އިންތިޚާބުގެ ކަންތައްތައް ނިމުމަށްފަހު އެ ޖަމުޢިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 25 ވޯޓުލާ މަރުކަޒެއްގައި އިލެކްޝަން އޮފިޝަލުން އަބަދުވެސް ތިބީ މާސް އަޅައިގެންކަމަށާއި، އަދި 8 މަރުކަޒެއްގައި އިލެކްޝަން އޮފިޝަލުން ގިނަ ވަގުތު މާސްކް އަޅައިގެން ތިބިނަމަވެސް، 1 މަރުކަޒެއްގައި އިލެކްޝަން އޮފިޝަލުން މާސްކު އަޅާފައިވަނީ ބައެއް ވަގުތުތަކުގައި އެކަނިކަމަށް އޮބްޒާވަރުންނަށް ފާހަގަކުރެވިފައިވާކަމަށެވެ.

އަދި އޮބްޒާވްކުރި 34 ވޯޓުލާ މަރުކަޒުގެ ތެރެއިން 33 ވޯޓުލާ މަރުކަަޒެއްގައި ހުރިހާ ވަގުތެއްގައިވެސް ވޯޓުލާ މީހުންގެ ހުން ބެލުމުގެ ކަންކަން ޤަވާޢިދުން ކުރެވިފައިވާކަމަށާއި، އޮބްޒާވްކުރި ހުރިހާ މަރުކަޒެއްގައިވެސް ސެނިޓައިޒްކުރުމުގެ އިންތިޒާމުތައް ހަަމަޖެހިފައިވާކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ބުނިގޮތުގައި ސަރުކާރުގެ މުއައްސަސާތަކުން ކޯވިޑް 19 ކޮންޓްރޯލްކުރުމަށް ކުރިން ވެފައިވާ ތައްޔާރީތައް ވޯޓުލާ މަރުކަޒުތަކުގައި ތަންފީޒުކުރެވިފައެއް ނުވެއެވެ. އަދި އިލެކްޝަން ކޮމިޝަންއާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި ދެމެދު ރަނގަޅަށް ކޯޑިނޭޓުކުރެވިގެން ކަންކަން ހަމަޖެހިފައިނެތުމުގެ ސަބަބުން، ކޯވިޑް 19ގެ ބަލިމީހުންނާއި ކަރަންޓީނުގައި ތިބިފަރާތްތަކަށް ވަކިން ވޯޓުލުމަށް ކަނޑައެޅުނު ހާއްސަކަންކަން ނުކުރެވި، ވޯޓުލާ މީހުންނާއި ވޯޓުލާމަރުކަޒުގެ އޮފިޝަލުންގެ މެދުގައި އޮޅުންތަކެއް އެރިކަމަށް ވަނީ ފާހަގަކޮށްފައެވެ.

އަދި ކޯވިޑް 19ގެ ބަލިމީހުންނަށް ޚާއްޞަކުރެވުނު ވަގުތު އާންމުކޮށް ވޯޓުލެވޭ ގޮތަށް ހުޅުވާލަންޖެހި ވޯޓުލުމުގެ ފުރުޞަތު 18:00އަށް އިތުރުކުރެވުމުން، ބަލި ޖެހިފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބި ފަރާތްތައް، އާންމުންނާއި އެކުވެ، ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement