ކައުންސިލް އިންތިޚާބުގެ 90އިންސައްތަ ވަގުތީ ނަތީޖާ އިޢުލާންކޮށްފި

17 Apr 2021 | 20:40

މިމަހުގެ 10 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މިހާތަނަށް ވަގުތީ ނަތީޖާގެ 90 އިންސައްތަ އިޢުލާނުކޮށްފައިވާ ކަމަށް އިލްކެޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭވެސް ވަގުތީ ނަތީޖާގެ ބޮޑު ބައެއް އިޢުލާން ކުރެވިގެންދާނެކަމަށާއި، އެގޮތުން ރޭގެ 3:30 ހާ ހަމައަށް އިންތިޚާބުގެ 90 އިންސައްތަ ނަތީޖާ އިޢުލާނުކުރެވިފައިވާ ކަމަށެވެ.

ހަމައެހެންމެ އިންތިޚާބުގެ އިޢުލާން ނުކުރެވި ހުރި ނަތީޖާތައް މިރޭ10 އިން ފެށިގެން އިޢުލާންކޮށް ނިންމުމަށް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.

މިހާތަނަށް އިޢުލާން ކުރެވުނު ވަގުތީ ނަތީޖާތަކަށް ބަލާއިރު ލޯކަލް ކައުންސިލް އިންތިޚާބުގެ 91 އިންސައްތަ ނަތީޖާއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 86 އިންސައްތަ ވަނީ އިޢުލާންކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު މިދިޔަ ހޮނިހިރު ދުވަހު ނިންމާލާފައިވާއިރު، ރާއްޖޭގެ މިހާރުގެ ހާލަތު ހުރިގޮތުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ނިކުންނާނެ ކަމަށް ލަފާކުރި އަދަދަށްވުރެ އިތުރަށް މީހުން ވޯޓުލާން ނިކުމެފައެވެ.

އެގޮތުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 273128 މީހުންގެ ތެރެއިން މުޅި ރާއްޖެއިން 67 އިންސައްތަ ވޯޓުލާން ނުކުމެފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement