ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން "ދޭތިން އެކައްޗަށް" ނުކުންނަނީ

26 Apr 2021 | 06:25

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުނުކޮށް ގިނަ ދުވަސްތަކެއް ވަމުންދާތީ، އެމަނިކުފާނު މިނިވަން ކުރުމަށް "ދޭތިން އެކައްޗަށް" ނުކުތުމަށް އިދިކޮޅުން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހަރަކާތު ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި، ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ނިމާލު ވިދާޅުވީ އިިދިކޮޅު ފަރާތްތަކުން، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން ނުޙައްޤުން އަނިޔާ ދެމުންދާ ރައީސް ޔާމީނަކީ، ދިވެހިރާއްޖޭގެ ތަރައްޤީގެ ބާނީ ކަމަށާއި، އެމަނިކުފާނަކީ މައުސޫމް ބޭފުޅެއް ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

މެދުކެނޑުމަކަށްފަހު، ރައީސް ޔާމީން މިނިވަން ކުރުމަށް ބާއްވާ އެއްވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ ރޯދަމަހުގެ 13 ދުވަސް ފާއިތުވެގެން ދިޔައިރު، ސަރުކާރުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިކަމާއި ދެކޮޅަށް އަންނަ ބުދަ ދުވަހުގެ ރޭ، މުޅި ރާއްޖޭގައި އަޑު އުފުލާނެ ކަމަށާއި، އިދިކޮޅުން ދެން ނުކުންނާނީ "ދޭތިން އެކައްޗަށް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލު ބަންދުގައި 500އަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާއިރު، ރަމަޟާންމަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ޢާއިލާގެ ފަރާތުން ވަނީ އެދިފައެވެ. 

Advertisement

ކޮމެންޓް

Advertisement