ފައިސާ ޗާޕުކޮށްގެން ބަދަލު ދިނުން ހުއްޓުވުމަށް ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

27 Apr 2021 | 23:57

ފައިސާ ޗާޕުކޮށްގެން ބަދަލުގެ ގޮތުގައި ނުބެހުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެންބެ) ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ސެމްބެ ވަނީ، ރާއްޖޭގެ އިޤުތިޞާދު ހީނަރުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ވަޒީފާ ގެއްލި، ގެދޮރު ގެއްލި، މަސްވެރިން ބާނާ މަސްވެސް ނުކިރި ފައިސާ ނުލިބި ނިކަމެތިވެފައިވާކަން ފާހަގަކުރައްވައިފައެވެ.

ސެންބެގެ ވާހަކައިގައި 2020 ވަނަ އަހަރެކޭ އެއްގޮތަށް، ކުރިއަށް އޮތް އެއް އަހަރު ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމާފައިވާއިރު، ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ނިންމަމުން ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ފައިސާ ދޫކުރަނީ ކޯޓުގެ ނިހާއީ ޙުކުމެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ.

ސެންބެ އިތުރަށް ވިދާޅުވީ ރައްޔިތުން ވަރަށް ނިކަމެތި ހާލަތުގައި ތިއްބައި ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.

އެހެންކަމުން ފައިސާ ޗާޕުކޮށް ބަދަލުގެ ގޮތުގައި ސަރުކާރާ ގާތް ގުޅުމެއް އޮތް ފަރާތްތަކަށް ފައިސާ ބެހުން ހުއްޓައިލުމަށް ގޮވައިލާ ކުއްލި މައްސަލަ ހުށަހަޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް