ފިޝަރީޒް މިނިސްޓަރ ޒަހާ މަގާމުން ވަކިކޮށްފި

04 May 2021 | 09:14

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު މަޤާމުން ވަކިކޮށްފިއެވެ.

"ވޮއިސް"އަށް އެނގިފައިވާ ގޮތުގައި ޒަހާ މަޤާމުން ވަކިކުރިކަން އެކަމަނާއަށް އަންގާފައިވަނީ މިރޭގެ ވަގުތެއްގައި ރައީސް އޮފީހުގެ ފޯނުކޯލަކުންނެވެ. އަދި ޒަހާއަށް ސަރުކާރުގެ އެހެން އިސް މަޤާމެއް ހުށައަޅާފައިވާކަމަަށްވެސް ވަނީ އެނގިފައެވެ.

މީގެ ދުވަސްތަކެއް ކުރިން ފެށިގެން ވަނީ ކެބިނެޓަށް ގެންނަ ބަދަލުތަކެއްގެ ތެރެއިން މިނިސްޓަރ ޒަހާ ވަކިކޮށް، ރައީސް އޮފީހުގެ މިނިސްޓަރކަމަށް ބަދަލުކުރާނެކަމުގެ އަޑުތަކެއް ފެތުރެން ފަށާފައެވެ. ޒަހާގެ ބަދަލުގައި އެ މިނިސްޓްރީއަށް ޢައްޔަންކުރާނެކަމަށް ބެލެވެނީ މިހާރު އެންވަޔަރމެންޓް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޑރ.ޙުސައިން ރަޝީދެވެ.

މިފަހަކަށް އައިސް ޒަހާގެ މަސައްކަތްތަކަށް އާންމުންނާއި، އެމްޑީޕީ އަދި ޕީޕީއެމްގެ ފަރާތްތަކުންވެސް ވަނީ ފާޑުކިޔާފައެވެ. އަދި އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ހިންގުމަށް ދެފަހަރެއްގެ މަތިން މަަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތުތައް މަސްވެރިން ބަލައި ނުގަނެފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިޙު ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ތާއިދު ވަރަށް ބޮޑަށް މަސްވެރި ރަށްރަށުންވެސް ގޮނޑިތައް ގެއްލިފައިވާކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމަށް ގެނައި ސިޔާސަތުތައް މަސްވެރިން ބަލައިނުގަތް ކަމަށް ގަބޫލު ކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެކަންކަން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ޞާލިޙު ވަނީ ދެއްވާފައެވެ.

Advertisement

ކޮމެންޓް

Advertisement