ރައީސް ނަޝީދަށް ދެވުނު ހަމަލާ ކުށްވެރިކުރަން: ރައީސް ޞާލިހު

06 May 2021 | 22:31

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރާވަޑައި ގަންނަވަނިކޮށް ހިނގައިދިޔަ އެެއްޗެއް ގޮވުމުގެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާ އަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ. އަދި މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤުކުރަމުން"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ނަޝީދަށް ދަނީ އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރގައި، ލޮލަށް ލިބިފައިވާ ގެއްލުމަކަށް ފަރުވާ ދެމުންނެވެ.

ގ.ކެނެރީގެ ކައިރިން މަޖިދީމަގާއި ވީ ދިމާލުން ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެ ސަރަޙައްދުގައި އެއްޗެއް ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ އިތުރުން ބިދޭސީއަކާއި ބޮޑީގާޑަކަށް އަނިޔާވިކަމަށްވެއެވެ.

Advertisement

ކޮމެންޓް