އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ 130އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެއްޖެ

15 May 2021 | 21:42

އިޒްރޭލުގެ ސިފައިން ވައިގެ މަގުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، އެ ޝަހަރުގެ 130އަށްވުރެ ގިނަ ރައްޔިތުން މިހާތަނަށް ޝަހީދުވެއްޖެއެވެ.

ފަލަސްޠީނުގެ ޞިއްޙީ ފަރާތްތަކާއި ހަވާލާދީ "ރޮއިޓާސް"އިން ރިޕޯޓްކުރާ ގޮތުގައި އިއްޔެ ރޭ އެކަނިވެސް އިޒްރޭލުގެ ހަމަލާތަކުގައި 12 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ރެފިއުޖީ ކޭމްޕެއްގެ ތެރޭގައި ހުރި ގެއެއްގެ ތެރޭގައި ދިރިއުޅެމުންދިޔަ އަންހެނަކާއި އޭނާގެ ތިން ދަރީންވެސް ހިމެނެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 132 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 32 ކުޑަކުދިންވެސް ހިމެނެއެވެ. އަދި 900އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ހަމާސް ޖަމާޢަތުން ދެމުންދާ ރޮކެޓް ހަމަލާތަކުގައި މަރުވެފައިވަނީ 8 މީހުންނެވެ.

އިޒްރޭލުން ބުނިގޮތުގައި އެމީހުން އިއްޔެ ހަމަލާދީފައިވަނީ، އުތުރު ޣައްޒާގައި ހަމާސްގެ އެކިތަންތަނަށެވެ. ނަމަވެސް އިއްޔެގެ ހަމަލާތަކުގައި ޣައްޒާގެ މިސްކިތަކަށްވެސް ހަމަލާއެއް އަމާޒުވިކަމަށް ފަލަަސްޠީނުގެ ދީނީކަންކަމާއި ބެހޭ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ދެކޮޅަށް ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ފަލަސްޠީނުގެ ރައްޔިތުން އިއްޔެ ވަނީ އަޑުއުފުލާފައެވެ. މިކަމުގެ ތެރޭގައި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ދިން ރައްދު ހަމަލާތަކުގައި 11 މީހަކު ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ މިހާތަނަށް އެމީހުން އެ ސަހަރަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާތަކެވެ. އަދި މި ހަމަލާތައް އަވަހަށް ހުއްޓާނުލާނެކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް