ހިޔާ ފުލެޓުތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައެއް ނުވޭ: އެޗްޑީސީ

05 Jun 2021 | 04:58

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފުލެޓުތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ފުލެޓުތަކަށް ފައިސާ ދައްކާ ޚަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ .އަދި އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500ރ ދައްކާގޮތަށް ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާގޮތަށް ކަމަށް އެޗްޑީސީގެ އިޢުލާނުގައި ބުނެފައިވެއެވެ.

ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. ނަމަވެސް ޑައުންޕޭމަންޓުގެ ގޮތުގައި އަމިއްލައަށް ދައްކަން ބޭނުންވެއްޖެނަމަ އެ އިންތިޒާމު އެފަރާތަށް ހަމަޖެހޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފުލެޓުގެ ޖުމުލަ އަގުން އުނިކޮށް، މަހު ކުލި އެ އަގާ އެއްގޮތަށް ކުޑަކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފުލެޓަށް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުޞަތު ލިބޭނެކަމަށް އެޗްޑީސީގެ އިޢުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތައް މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ހަވާލުކުރާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ފުލެޓުތައް ހަވާލުކޮށްފައެއް ނުވެއެވެ. މިހާރު ސަރުކާރުން ބުނަމުން ދަނީ ޖޫން މަސް ނިމުމުގެ ކުރިން ފުލެޓުތަކަށް ވަދެވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް