ދިވެހިރާއްޖޭގެ ވިސްނުން: އުއްމީދުގެ ފަސް ދޯދިން އދ.ގެ އާންމު މަޖިލިސް އުޖާލާކޮށްދިނުން!

21 Jun 2021 | 12:37

1965ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 21ވަނަ ދުވަހުގައި ދިވެހިރާއްޖެއިން އދ.ގެ މެންބަރު ޤައުމަކަށް ވީއިރު، މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައެޅުނުތާ ވާނީ ގާތްގަނޑަކަށް އެންމެ 2 މަހާއި ދުވަސްކޮޅެކެވެ. އޭރު ދިވެހިރާއްޖެއިން އދ.އާއި ގުޅުމުންވެސް އެންމެ ގިނަބަޔަކު ކުރަމުންދިޔަ ސުވާލަކީ އެހާ ކުޑަ ދައުލަތެއްގެ އދ.ފަދަ މުހިންމު ބައިިނަލްއަޤުވާމީ ޖަމާއަތެއްގައި ކުރެވޭނީ ކޮން ކަމެއްތޯއެވެ. އެހެނަސް، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދިވެހިރާއްޖޭގެ ވިސްނުމަކީ އެހެނިހެން ޤައުމުތަކާއި އެކުގައި ގުޅިގެން މަސައްކަތްކޮށް، އަންނަން އޮތް ޖީލުތަކަށް އުއްމީދީ ދުނިޔެއެއް ފޯރުކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ކުރުމެވެ. އެކަން، އދ.ގެ އާންމު މަޖިލީހުގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ދިން ތަޤުރީރުގައިވެސް ވަރަށް ސާފެވެ.

އެ ތަޤުރީރުގައި އދ.ގެ އާންމު މަޖިލީހުގެ 20ވަނަ ސެޝަންގައި އދ.އަށް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ކަނޑައެޅި ދާއިމީ މަންދޫބުކަމަށްވާ އަލްމަރުޙޫމް އަަޙްމަދު ޙިލްމީ ދީދީ ވިދާޅުވީ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، މި ދުނިޔޭގެ ބޮޑީގެ އުސޫލުތަކަށް ރާއްޖެއިން ތަބާވާކަމަށާއި އދ.ގެ ޗާޓަރަށް ދިވެހިރާއްޖެއިން ތާއީދުކުރާނެކަން އިގުރާރުވާކަމަށެވެ. އެ ވިސްނުމާއި ފިކުރުގެ ތެރެއިން ރާއްޖެއިން މިހާތަނަށް ވަނީ ބައިިނަލްއަޤުވާމީ މުޖުތަމައުއާއި އދ.ގެ ތެރެއިން ގިނަ ކާމިޔާބީތަކާއި ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. އެ މަގުން ދަތުރުކުރަމުން ގޮސް، މިމަހުގެ 7ވަނަ ދުވަހުގައި ރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު މަޖިލީހުގެ ރިޔާސަތުކަން ކަށަވަރުކޮށްފައެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހުގައި ފެށިގެންދާ އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތަށް 143 ޤައުމުގެ ވޯޓާއެކު ހޮވިގެން ގޮސްފައިވަނީ ދިވެހިރާއްޖެއެވެ. މި ޚާއްޞަ މަޤާމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.

މިނިސްޓަރ ޝާހިދަށް މި މަޤާމު ލިބިވަޑައިގަތުމާއެކު ދުނިޔޭގެ އެތައް ބަޔަކު ދަނީ އެމަނިކުފާނާއި ރާއްޖެއަށް މަރުޙަބާ ކިޔަމުންނެވެ. ނަމަވެސް މިކަމާއި މެދު ދިވެހިރާއްޖޭގެ އެތެރޭގެ ވިސްނުން ވަނީ ދެކަފިވެފައެވެ. އާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެ ހޮވުމަކީ ހަމައެކަނި ވަކި ފަރުދަކަށް ލިބޭނެ ފައިދާއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

ނަމަވެސް މިނިސްޓަރ ޝާހިދުގެ ވިސްނުން މިކަމާއި މެދު ވަރަށް ތަފާތެވެ. އެމަނިކުފާނު ސިފަކުރައްވާ ގޮތުގައި މިއީ މުޅި ދިވެހިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެމެރިކާގެ ނިޔުޔޯކްގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް "ވޮއިސް"އަށް ދެއްވި ޚާއްޞަ އިންޓަރވިއުގައިވެސް، ޝާހިދު ވިދާޅުވީ ހަމަ އެފަދައިންނެވެ.

މިއީ ދިވެހިރާއްޖޭގެ "ސޮފްޓް ޕަވަރ" އިތުރުކުރަން ލިބުނު ފުރުޞަތެއް

"ވޮއިސް"އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއަދު ތަހުނިޔާ ކިޔަންޖެހޭނީ އެކަކު އަނެކަކަށް ކަމަށާއި، މިއީ ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްކަމަށެވެ. ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ކާމިޔާބުކުރުމަކީ ދިވެހިރާއްޖެއަށް ޚާރިޖީ ދާއިރާގައި މިހާތަނަށް ލިބުނު އެންމެ މަތިވެރި ކާމިޔާބީކަމަށާއި، އާންމު މަޖިލިސް ހިނގަމުން އަންނަތާ 75 އަހަރުގެ ތެރޭގައި 73 ޤައުމަކުން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުޞަތު ހޯދާފައިވާކަމަށެވެ. މިއީ ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް އެކަމަށް އެދި މަސައްކަތް ކުރަމުންދާފަދަ ފުރުޞަތެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

"އެ ފުރުޞަތު އެގޮތަށް ބޭނުންވާ ސަބަބަކީ، އެ ފުރުޞަތު ލިބުމުން ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި ރިޔާސަތު ބަލަހައްޓާ ޤައުމެއްގެ ހައިބަތު އެތައް ގުނަޔަކަށް އިތުރުވެގެންދޭ. އެ ހައިބަތު އިތުރުވެގެން ދިޔައިމާ އެ ޤައުމަކާއި ދޭތެރޭ އެހެނިހެން ޤައުމުތަކުން ދެކޭގޮތް ބަދަލުވޭ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެޤައުމަކަށް ލިބޭނެ އެތައް ކުރިއެރުންތަކެއް ހުރޭ. އެއީ އެ ޤައުމަކީ ސާބިތުކަމާ އެކީގައި ހަމަޖެހިގެން ސުލްހަމަސަލަސްކަމާ އެކީގައި ކުރިއަށްދާ ޤައުމެއްކަން ފެނިގެންދޭ"، ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި މި މަޤާމަށް ދިވެހިރާއްޖެ ހޮވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފައިދާކުރާނެއެވެ. އެގޮތުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭނުންވާފަދަ ހެޔޮ ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުވެގެން ދާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރިޔާސަތު ބަލަހައްޓަން އިންނަ މީހާއަށްވެސް ކުރިން ނުލިބޭފަދަ ފުރުޞަތުތަކެއް ޤައުމަށް ހޯދައިދެވޭނެކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ "ސޮފްޓް ޕަވަރ" ނުވަތަ ޚާރިޖީ ހަމަތަކުގެ މަތިން ޤައުމުތަކުގެ މެދުގައި ދިވެހިރާއްޖޭގެ ނުފޫޒު އޮތް މިންވަރު އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"އިންޑިއާ ކަނޑުގެ އިތުރުން މުޅި ދުނިޔޭގައިވެސް ދިވެހިރާއްޖޭގެ ސޮފްޓް ޕަވަރ، ޑިޕްލޮމެޓިކް ޕަވަރ އިތުރުވެގެންދާނެކަމަށް ޝައްކެއް ނުކުރަން އަޅުގަނޑު"، ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވަނީ އުއްމީދުގެ ރިޔާސަތު ތަފާތުވާނެކަމަށް!

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އައުމަށް ދިވެހިރާއްޖެއިން ކެމްޕެއިން ކުރީ "ޕްރެޒިޑެންސީ އޮފް ހޯޕް" ނުވަތަ އުއްމީދުގެ ރިޔާސަތުގެ ޝިޢާރުގެ ދަށުންނެވެ. މީގެ ކުރިންވެސް އދ.ގެ އާންމު މަޖިލީހުގެ އެތަކެއް ސެޝަންތަކެއް ވޭތުވެފައިވާއިރު، ދިވެހިރާއްޖެއާއި މިނިސްޓަރ ޝާހިދުގެ ރިޔާސަތަކީ އުއްމީދުގެ ރިޔާސަތަކަށް ވެގެންދާ ސަބަބަކީ ކޮބައިކަން އެމަނިކުފާނު ވަނީ މި އިންޓަރވިއުރގައި ތަފުސީލުކޮށްދެއްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އުއްމީދުގެ ރިޔާސަތެއް ގެނައުމަށް އެމަނިކުފާނު ހުށައެޅުއްވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤައުމަކުން ކަހަލަ ގޮތަކަށް ތަހައްމަލްކުރި ހިތްދަތިކަމާއި ގެއްލުންތަކުން މުޅި ދުނިޔެ ނަފްސާނީ ގޮތުން ވަރަށްވެސް ދަތި މާހައުލަކަށް ބަދަލުވެފައިވުމެވެ. އަދި ދުނިޔޭގެ ޤައުމުތަކުގެ ސަފީރުންނާއި ވަޒީރުންނާއި މަޝްވަރާކުރަމުންދިޔަ އިރު ފެނިގެންދިޔަ ކަމަކީ، މިއީ އުއްމީދުގެ ހުޅުކޮޅެއް ދިއްލާލައި، އެ އުއްމީދު ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް ދޭންޖެހިފައިވާ ދަނޑިވަޅެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމަ އުއްމީދުގެ ރިޔާސަތެއް އަޅުގަނޑު ހުށައެޅީ. އެ އުއްމީދުގެ ރިޔާސަތު އަޅުގަނޑު ދަންނަވަމުން ގެންދިޔައިން މި ގެނެސްދެނީ ދިވެހިރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ރާއްޖޭގެ ރީތި މާހައުލުން ތިޔަބޭފުޅުންނަށް ގެނެސްދޭ އުންމީދުގެ ފަސް ދޯއްޖެއް"، ޝާހިދު ވިދާޅުވިއެވެ. އަދި އެ ފަސް ދޯދީގެ ކުރު ޚުލާސާއެއްވެސް އެމަނިކުފާނު ވަނީ "ވޮއިސް"އާއި ހިއްސާކުރައްވާފައެވެ.

1- ކޮވިޑްގެ ނުރައްކަލުން ސަލާމަތްވާން ކުރަންޖެހޭ މަސައްކަތްތައް ކުރުން (ޚާއްޞަކޮށް ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެމަގު ފަހިކޮށްދިނުން)
2- ދެމެހެއްޓެނިވި ގޮތަކަށް އަލުން އަނބުރާ ތަރައްޤީއާއި ކުރިމަތިލުން
3- ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ މެދު ކުރަމުންދާ ކަންތައްތައް ހަލުވިކަމާއެކުގައި ކުރަމުން ގެންދިއުން
4- އިންސާނީ ޙައްޤުތަކާ މެދު ކުރަން ފަށާފައިވާ މަސައްކަތްތައް ހަލުވިކުރުން
5- އދ.ގެ އާއްމު މަޖިލީހުގެ އިންތިޒާމުތައް ފުރިހަމަކުރުމާއި މަސައްކަތް މިހާރަށްވުރެ ރަނގަޅަށް ކުރެވޭނެ ގޮތްތައް ހޯދައިކުރުން

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތުން އެހެނިހެން ސެޝަންތަކާއި ބަލާއިރު ތަފާތުކޮށް އެންމެ ފުރަތަމަވެސް ކުރާނެ ކަމަކީ ވެކްސިން އިކުއިޓީ ނުވަތަ ދުނިޔޭގެ އެންމެންނަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގުފަހިކޮށްދޭން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އެކަމާއި ގުޅޭގޮތުން މިހާރުވެސް އެމަނިކުފާނުގެ އިންތިގާލީ އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމުގެ ތަފުސީލުތައް ވަރަށް އަވަހަށް ހާމަކުރުމަށް ކަމާބެހޭ މާހިރުންނާއި ބައްދަލުކޮށް މަޝްވަރާ ކުރައްވަމުންދާކަމަށް ޝާހިދު ވަނީ ހާމަކުރައްވާފައެވެ. އަދި 76ވަނަ ސެޝަން ކުރިއަށްދާއިރުގައި ދުނިޔޭގެ ތިމާވެއްޓާއި ގުޅޭ މުހިންމު ބައްދަލުވުންތަކެއް އޮންނައިރު، އެކަންކަމުގެ ތެރެއިން އދ.ގެ މަޖިލީހުގެ ތެރެއަށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން "ސުޕަރ ސެޝަން" އެއްވެސް ގެންނަވައި، އެކަމުން ނަތީޖާއެއް ނެރެވޭނެ ގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޕީޖީއޭ އޮފީހުން ދިވެހި ޒުވާނުންނަށްވެސް ފުރުޞަތު ހޯދައިދިނުމުގެ ވިސްނުންފުޅެއް

ޕްރެޒިޑެންޓް އޮފް ދަ ޖެނެރަލް އެސެމްބްލީ (ޕީޖީއޭ)ގެ އޮފީހަކީ އދ.ގެ އާންމު މަޖިލިސް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެކެވެ. ޕީޖީއޭ އޮފީހުގައި މިނިސްޓަރ ޝާހިދާއި އެކު 76ވަނަ ސެޝަންގައި މަސައްކަތް ކުރައްވާނެ ޓީމު އެކުލަވާލުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އެގޮތުން ޕީޖީއޭގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ދިވެހިރާއްޖެއިން އެމެރިކާއަށް އަދި އދ.އަށް ކަނޑައަޅާފައި ހުންނަ ސަފީރު ތިލްމީޒާ ޙުސައިން ޢައްޔަންކުރައްވާފައިވާއިރު، އެމަނިކުފާނުގެ ޝެފް ދި ކެބިނެޓްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ އިންޑިއާއިން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ ނައިބު ނަގަރާޖް ނައިޑޫއެވެ.

މިނިސްޓަރ ޝާހިދުގެ ޕީޖީއޭ ޓީމާއި ގުޅޭގޮތުން "ވޮއިސް"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ޕީޖީއޭ އޮފީހުގެ މުވައްޒަފުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާނީ ވަޢުދުވެފައިވާ ގޮތަށް މިންތީގެ ހަމަހަމަކަން ދަމަހައްޓައި، އަދި ޖިއޮގްރަފިކް/ރީޖަނަލް ބެލެންސެއް ހިފެހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން ވަކިވަކި ޤައުމުތަކުގެ މެދުގައި ތަފާތުކުރުމެއް ނެތި އެޤައުމުތަކާއި ސަރަޙައްދުތަކަށް ފުރުޞަތު ދެމުންދާނެކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޒުވާނުންނަށްވެސް އެ އޮފީހުން ޖާގަ ހޯދައިދިނުމުގެ ވިސްނުންފުޅެއް ހުރިކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

"އަޅުގަނޑު ހަނދާން އެބަހުރޭ އަޅުގަނޑު ވަރަށް ޒުވާންއިރު އދ.ގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދިޔަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ފުރުޞަތުތައް ޒުވާނުންނަށް ލިބިގެންދިއުމަކީ ޒުވާނުން މަލްޓިލޭޓަރަލިޒަމް ނުވަތަ ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް ދޭ އަހުމިއްޔަތު ޝައުގުވެރިކުރުމަށް އަޅުގަނޑުމެންނަށް ހޯދައިދެވޭނެ ފުރުޞަތެއް"، ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އިރާދަކުރެއްވިއްޔާ އެ ފުރުޞަތު ދިވެހި ޒުވާނަކަށް ނުވަތަ ޒުވާނުންނަށްވެސް އެ ޕްރޮގްރާމްގެ ތެރެއިން ފުރުޞަތު ހޯދައިދެވޭނެކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކުން އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް އައުމަކީ އެއްވެސް ހާލަތެއްގައި އާދައިގެ ކަމެއް ނޫނެވެ. ދުނިޔޭގެ ކުރިމަތީގައި ބަސްވިކޭ އަދި އިތުބާރު ހިފޭފަދަ ޤައުމަކަށް ދިވެހިރާއްޖެ ބަދަލުވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާއިރު، އެކަމުގެ މުގުލުގައި ހުންނެވި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެ ހަވާލުވެ ވަޑައިގަންނަވަނީ އާންމު މަޖިލީހުގެ ރިޔާސަތާއެވެ. މި ދެ މުހިންމު މަޤާމު އެއްފަހަރާ އަދާކުރައްވަން ޝާހިދު ގަސްދުކުރައްވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ވަކި ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ގަސްތު ނުކުރައްވާކަމަށް ދެކިލައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މި ގޮނޑި ދިވެހިރާއްޖެއިން ކާމިޔާބުކުރުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ތާއީދު އޮތް މިންވަރު ހާމަވެގެންދިޔަ ކަމެއްކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގެ ތެރެއިން 76ވަނަ ސެޝަން ފެށިގެންދާއިރު، މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އެމަނިކުފާނުގެ ޓީމުން ކުރިމަތިލާންޖެހޭނެ ބައިވަރު މައްސަލަތައް ދުނިޔޭގައި އެބަހުއްޓެވެ. އެކަންތައްތައް ޙައްލުކޮށް، ހަމަ ޙަޤީޤަތުގައިވެސް އުއްމީދުން ފުރިގެންވާފަދަ ރިޔާސަތެއް ދިވެހިރާއްޖެއަށް ހާސިލުކުރެވޭނެ ބާވައެވެ؟ ނުވަތަ ބައިިނަލްއަޤުވާމީ ބޮޑެތި ބާރުތަކުގެ ނުފޫޒުން އެ އުއްމީދު، އަވާމެންދުރަކަށް ބަދަލުވާނީ ބާވައެވެ؟

Advertisement

ކޮމެންޓް